ފަހަތުން އަރައި ސިފައިން ބަލިކޮށް، ޗެންޕިއަންކަން ނިއު ހޯދައިފި

ސިފައިން ބަލިކޮށް، މައިލޯ ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕްގެ ތަށި ނިއުރޭޑިއަންޓް އުފުލާލަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މައިލޯ ވިމެންސް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ފަހަތުން އަރައި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ނިއުރޭޑިއަންޓުން މުބާރާތް ކާމިޔާބުކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗްގައި ފުރަތަމަ ލީޑް ނެގީ ޑީއެސްސީއިންނެވެ. އެ ލަނޑު ފުރަތަމަ ހާފުގެ ނުވަ ވަނަ މިނެޓްގައި ކާމިޔާބު ކުރީ ބަނގުލަދޭޝްގެ ފޯވަޑް ސަބީނާ ކާތުންނެވެ.

ފަހަތުން އަރައި ސިފައިންގެ ކޮޅަށް ނިއުގެ ހަތަރު ލަނޑުވެސް ކާމިޔާބު ކުރީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނު ނޮގޮންގަމް ބަލަދޭވީ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑް ހޯދީ ވެސް ނޮގޮންގަމް އެވެ.

މިއަދު ކުޅުނު ފައިނަލް މެޗުގައި އޭނާ ލަނޑުތައް ކާމިޔާބު ކުރީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު ދެ ވަނަ ހާފު 54 މިނެޓްގައި ކާމިޔާބު ކުރިއިރު ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އޭގެ ހަ މިނެޓް ފަހުން 60 ވަނަ މިނެޓް ތެރޭގަ އެވެ. ތިން ވަނަ ލަނޑު ކާމިޔާބު ކުރީ އޭގެ ދެ މިނެޓް ފަހުން 62 ވަނަ މިނެޓްގަ އެވެ. ނިއުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ހާފުގެ އެންމެ ފަހު މިނެޓް ތެރޭގަ އެވެ.

މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ނޮގޮންގަމްއަށް ވަނީ ލިބިގެން ގޮސްފަ އެވެ. ފުރަތަމަ ހާފުގެ 38 ވަނަ މިނެޓްގައި ޑީއެސްސީގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމްގެ ކުޅުންތެރިޔަކު ނިއުގެ ކުޅުންތެރިޔަކށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ނޮގޮންގަމް ފޮނުވާލުމުން ބޯޅަ އަމާޒުވީ ގޯލް ދަނޑިއަށެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ލާމް ސްޓަރއެވެ. މުބާރާތުގެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސްޓާގެ މަރިޔަމް ނޫރާއެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައި ވަނީ ނިއުގެ ގޯލް ކީޕަރު ސަތުރާއެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ފަދުވާ ޒާހިރު (ނިއުރޭޑިއަންޓް) އާމިނަތު ޝާމިލާ (ނިއުރޭޑިއަންޓް) މަރިޔަމް ނީސަން (ނިއުރޭޑިއަންޓް) އާމިނަތު ޒާރިޔާ (ޑީއެސްސީ) އެވެ.

comment ކޮމެންޓް