މިދިޔަ މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދު ރާއްޖެއިން ބޭރުގެ ގައުމެއްގެ ހިމާޔަތް ހޯއްދަވައިފި އެވެ.
ޔޫޓިއުބު މެދުވެރިކޮށް ސޮބާހު މިރޭ އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި އޭނާ ވިދާޅުވީ މިވަގުތު އޭނާ ހުރީ ރާއްޖެއިން ބޭރުގައި، ބޭރު ގައުމެއްގެ ހިމާޔަތް ހޯއްދަވައިގެން ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ގައުމެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
"އަޅުގަނޑު މިވަގުތު މިހުރީ ރާއްޖެއިން ބޭރުގައި ބޭރު ގައުމެއްގެ ހިމާޔަތް ހޯދައިގެން. އަޅުގަނޑު މިތަނަށް މިއައީ ދިވެހި ރައްޔިތުންނަށް އިތުރަށް އިޚްލާސްތެރި ޚިދުމަތް ކޮށްދިނުމަށް. އަޅުގަނޑު މިތަނަށް އަންނަން މިޖެހުނީ އަޅުގަނޑަކީ ޔާމީނުގެ އަނިޔާވެރިކަން ދެމެހެއްޓުމަށްޓަކައި ގުރުބާން ކުރެވޭ ގުރުބާނީއަކަށް ނުވެ ދިވެހި ރައްޔިތުންނާއި ގައުމަށް އިޚްލާސްތެރިކަމާ އެކު ޚިދުމަތް ކުރެވޭނީ އަޅުގަނޑު މި މޫވް ނަގައިގެން ކަމުގައިވާތީ،" ސޮބާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް އަމަލުކުރަން ޖެހުނީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް އޭނާ ޖަލުގައި އޮންނަން ޖެހިއްޖެނަމަ އިދިކޮޅު ހަރަކާތްތަކަށް އުނިކަން އަންނާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
ސޮބާހު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނާއި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާ ދެބޭފުޅުންނަކީ އަނިޔާވެރިން ކަމަށާއި އެދެބޭފުޅުން ދެކެ ބިރުގަނެ އޭނާ ފަހަތަށް ނުޖެހޭނެ ކަމަށެވެ.
"މާތްﷲގެ އިރާދަފުޅާއެކު އަޅުގަނޑަކީ ޔާމީނާއި އަދީބުގެ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަކޮށް ވެސް ބިރުގަނެ ފަހަތަށް ޖެހޭނެ މީހެއް ނޫން. އަޅުގަނޑަކީ އިރާދަކުރެއްވިއްޔާ ދުނިޔޭގެ އެދުމާއި ރިޝްވަތުގެ ހުތުރު ކަޅު ފައިސާއިން އަޅުވެތި ކުރެވޭނެ މީހެއް ވެސް ނޫން،" ސޮބާހު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގައި "އަނިޔާވެރި ނުބައި ނުލަފާ ކޮރަޕްޓު ފަނޑިޔާރުން" ތިއްބެވި ކަމަށް ތުހުމަތުކޮށް ރައީސް ޔާމީނާއި މިނިސްޓަރު އަދީބު ގުޅިގެން އެފަނޑިޔާރުންލައްވައި ސިޔާސީ ޝަރީއަތްތައް ހިންގާ ކަމަށް ސޮބާހު ވަނީ ވިދާޅުވެފަ އެވެ.
"ހަމަމިއާއެކު ދިވެހިރާއްޖޭގެ ފަނޑިޔާރުގޭގައި ޚާއްސަކޮށް ޖިނާއީ ކޯޓުގައި ތިބި އަނިޔާވެރި ނުބައި ނުލަފާ ކޮރަޕްޓު ފަނޑިޔާރުން ޔާމީނާ އަދީބާ ގުޅިގެން ހިންގަމުންގެންދާ މަކަރާއި ހީލަތުން ފުރިގެންދާ ސިޔާސީ ޝަރީއަތްތަކާ އެ ޝަރީއަތްތައް ހިންގުމަށް މި ފަނޑިޔާރުން ނަގާފައިވާ ރިޝްވަތާއި ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންގެ ވާހަކަތައް ވެސް ބައިނަލްއަގުވާމީ ސިޔާސީ ފަރާތްތަކާއި މީޑިއާ އަށް އަޅުގަނޑު ހާމަކުރަމުން ގެންދާނަން،" ސޮބާހު ވިދާޅުވި އެވެ.
ސޮބާހުގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މޭޑޭ މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރުލިބޭގޮތަށް އޭނާ ވާހަކަދެއްކެވުމުން މުޒާހަރާގެ ބައިވެރިން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ ފުލުހުންނަށް ހަމަލާދީ ރައްޔިތުންގެ މުދަލަށް ގެއްލުންދީފައިވާ ކަމަށް ބުނެ އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ވަނީ ސޮބާހުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައެވެ. ނަމަވެސް އޭނާ ރާއްޖޭގައި ނޫޅުއްވާތީ ޝަރީއަތް ވަނީ ކެންސަލްކޮށްފައެވެ.