ރައްޔިތުންނަށް ހިތް ފަސޭހަ ތަނަކަށް މާލެ ހެދުމަށް އަދުގެ ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ދަށުން، ހަނިކޮށް ހުންނަ މަގުތައް ބަންދު ކުރުމުން އިޖުތިމާއީ ގޮތުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ގުޅުން ބަދަހިވެގެން ދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
މައްޗަންގޮޅި ގުލްއަލާ ގޯޅި އާއި އެނބޫ ގޯޅިއަށް، ދުއްވާ އުޅަނދުފަހަރަށް ނުވަދެވޭ ގޮތަށް ބަންދުކުރުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ، މާޒީގައި މާލޭގެ ރައްޔިތުންގެ ތެރެއިން އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަކީ ވަރަށް ގުޅުން ބަދަހި ރައްޔިތުންތަކެއް އުޅެމުން ދިޔަ ބައެއް ކަމަށެވެ. އެހެންކަމުން ސަރުކާރުން މިއަދު ބޭނުން ވަނީ އިހުގައި އޮތް އެކުވެރިކަން އަނެއްކާވެސް އިއާދަ ކުރެވޭނެ ގޮތެއް އޮތްތޯ ބެލުން ކަމަށާއި އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ހަނި މަގުތައް ބަންދު ކުރުމުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިގޮތަށް ހުރި ކުދިކުދި ގޯޅިތައް ބަންދުކޮށްގެން އެސަރަހައްދުގައި ތިބި ރައްޔިތުންނަށް އެކަމުގެ ސަބަބުން މާ ބޮޑު އުނދަގުލަކަށް ނުވާ ކަމަށް ވަންޏާ ވީހާވެސް ބޮޑަށް މަގުމައްޗަށް ނުކުމެ އެކަކު އަނެކަކަށް ފެނި އިޖުތިމާއީ ގޮތުން އެކަކު އަނެކަކުގެ ގުޅުން ކުރިއެކޭ ވެސް އެއްފަދައިން އޮތް ގޮތަށް އެކަން ގެންނާނީ ކިހިނެއްތޯ ވިސްނި ވިސްނުން މިއީ،" ޝައިނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އެފަދަ ގޮތްގޮތަށް މަގުތައް ބަންދު ކޮށްފައި ހުންނަ ކަމަށާއި އެހެންކަމުން އެއީ ހަމައެކަނި މާލޭގައި ނުވަތަ ރާއްޖޭގައި ކުރެވިގެންދާ ކަމެއް ނޫން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެފަދަ މަގުތައް ނުވަތަ ސަރަހައްދުތަކަކީ "ނެއިބާހުޑު" އޭރިއާތަކަކަށް ހަދައި ތުއްތު ކުދިންނަށް ކުޅެ މަޖާކޮށް ރައްކާތެރިކަން ލިބޭނެ ހިސާބަކަށް ވެގެންދާނެ ކަމަށެވެ.
"އެގޮތުން އަޅުގަނޑުމެންނަށް ފެނިގެންދާނެ ކުރިއެކޭ ވެސް އެއްފަދައިން ކުޑަކުދިން ނުކުމެ ސަކަރާތް ޖަހާލާ، އަދި ބޮޑެތި ބޭފުޅުން ވެސް މަގުމައްޗަށް ނުކުމެ އުޅެލާ މަންޒަރު ފެނިގެންދާނެ. ސަރުކާރުގެ ވިސްނުމަކީ މިއަދު ސަރުކާރުން ތިބޭފުޅުންނަށްޓަކައި ރައީސް ޔާމީންގެ ވައުދުތަކާ އެއްގޮތަށް އިގުތިސާދީ ގޮތުން ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންދާއިރުގައި ހަމަ އެކަން އިޖުތިމާއީ ގޮތުން ތަސައްވަރު ކުރެވޭނެ ސިޔާސަތުތަކަކާ އެއްކޮން އެ ފަސޭހަކަން ވެސް ރައްޔިތުންނަށްޓަކައި ލިބިގެންދާނެ،" ޝައިނީ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މައްޗަންގޮޅި ސަރަހައްދުގެ ދެ ގޯޅިއެއް ބަންދު ކުރުމުން ދުއްވާ އެއްޗެހި ޕާކު ކުރުމަށް ވަކި ހާއްސަ ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ޕާކިން ޒޯން ކުޑަކަން ހައުސިން މިނިސްޓުރީއަށް ފާހަގަކުރެވިފައިވާ ކަމަށާއި އެހެންކަމުން މާދަމާ އިތުރު ޕާކިން އޭރިއާ ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު މުއިއްޒު މީގެކުރިން ވިދާޅުވެފައި ވަނީ އެސަރަހައްދުގައި ޕާކިން ޒޯނެއް ހަދާފައި ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ އެދުމުގެ މަތީން ކަމަށެވެ.
ރައްޔިތުންނަށް ހިތް ފަސޭހަ ތަނަކަށް މާލެ ހެދުމަށް ހިންގާ މަޝްރޫއުތަކުގެ ދަށުން ހެންވޭރު ރަތްވިލާމަގާއި ހީނާގޯޅި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހައުސިން މިނިސްޓްރީން ބަންދު ކުރި އެވެ. ނަމަވެސް ފަހުން މިނިސްޓްރީން ވަނީ ނުވަދެވޭ ގޮތަށް ބަންދުކުރި ގޯޅިތަކުގައި ޖަހާފައި ހުރި ދަގަނޑުތައް ނަގާފަ އެވެ.