ބަންގި ގޮވަން ޖެހޭނީ އީމާންކަން ވަދެގެންދާ ގޮތަކަށް: މައުމޫނު

ރައީސް މައުމޫނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ-- ސަން ފަައިލްފޮޓޯ

މިސްކިތްތަކުގައި ބަންގި ގޮވަން ޖެހޭނީ މީހުންގެ ހިތްތަކަށް އީމާންކަން ވަދެގެންދާ ފަދަ ގޮތަކަށް ކަމަށް ކުރީގެ ރައީސް މައުމޫނު ޢަބުދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 30 ވަނަ ގައުމީ މުބާރާތް އިފްތިތާހު ކުރުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ރީތިކޮށް ޤުރުއާން ކިޔަވާ ފަދައިން ބަންގި ވެސް ރީތިކޮށް ގޮވަން ޖެހޭނެ ކަމަށެވެ.

"...މީސްތަކުންނަށް ނަމާދަށް އައުމަށް ގޮވައިލާ ގޮވައިލުމަށް އަޑުގަނޑުމެން މިކިޔަނީ ބަންގި ދެއްތޯ؟ އެވެސް އަޅުގަނޑުމެން ދޭން ޖެހޭނީ ވަރަށް ރީތިކޮށް، މީހުންގެ ހިތްތައް ދަމައިގަންނަ ފަދަ ގޮތަކަށް. މީހުންގެ ހިތްތަކަށް އީމާންކަމާއި ޚުޝޫއަވެރިކަން ވަދެގެންދާ ގޮތަށް. ނަމާދަށް އަވަސްވެގަންނަން، މީހުންގެ ހިތްތަކަށް ރީތިކޮށް ވަންނަ ގޮތަކަށް،" މައުމޫނު ވިދާޅުވިއެވެ.

މިރޭ އިފްތިތާޙު ކުރި ޤުރުއާން މުބާރާތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މައުމޫނު ވިދާޅުވީ އެ މުބާރާތުގެ ނަތީޖާ ރަނގަޅު ކަމަށާއި އެމުބާރާތް ބާއްވަމުން އައުމުގެ ސަބަބުން ރާއްޖޭގެ މޮޅަށް ޤުރުއާން ކިޔަވާ ވިދާޅުވާ ބޭފުޅުންތަކެއް އުފެދިފައިވާ ކަމަށެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އިންތިޒާމް ކުރާ ޤުރުއާން ކިޔެވުމުގެ 30 ވަނަ ގައުމީ މުބާރާތް މިރޭގެ ރަސްމިއްޔާތުގައި އިފްތިތާޙުކޮށް ދެއްވީ ރައީސް މައުމޫނެވެ.

އިސްލާމިކް މިނިސްޓްރީ އާއި ދައުލަތުގެ ބައެއް ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތަކުން އިނާމުތައް ހުށަހަޅާ މުބާރާތުގައި މިއަހަރު 798 ދަރިވަރުން ބައިވެރިވި އެވެ. ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ މުބާރާތުގައި ބައިވެރިވަމުން އަންނަ ކުދިންނާއި މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް