މާލެ އަށް ބޭނުންވާ ކަރަންޓް ފޯރުކޮށް ދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން 76 މިލިއަނެއްހާ ޑޮލަރުގެ ބޮޑު މަޝްރޫއެއް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ބައްދަލުވުމެއްގައ ފިފްތު ޕަވާ ޕްރޮޖެކްޓްގެ މި މަޝްރޫއުގެ އެމްއޯޔޫގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުއްޝަކޫރު ސޯލިހު އެވެ. އަދި ޗައިނާގެ ޑޮންފޭންގް އިލެކްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ޕްރޮޖެކްޓްގެ މެނޭޖަރެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްޝުކޫރު ސޯލިހު ވިދާޅުވީ މި މަޝްރޫއަކީ މާލޭ އަށް މިވަގުތު ކުރިމަތިވެފައިވާ ކަރަންޓްގެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމުން ކަރަންޓް ފޯރުކޮށް ދިނުމުގައި މިހާރު ދިމާވެފައިވާ މައްސަލަ ހައްލުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިވަގުތު އަޅުގަނޑުމެން އަތުގައި މާލެއަށް ބޭނުންވާ ވަރަށް ކަރަންޓް އުފެއްދެން ނެތް، އެހެންނަމަވެސް އިތުރު ފަރާތްތަކަށާއި ތަންތަނަށް ވެސް ކަރަންޓް ނުދެވި މިދަނީ މިސަބަބުތަކާ ހުރެ. ސްޓެލްކޯގައި ހުރި ބޮޑެތި ޖަނަރޭޓަރުތައް މިއުޅެނީ މެއިންޓަނެންސް އަށް ވެސް ހުއްޓާލެވޭނެ ގޮތެއް ނެތިގެން،" ޝުކޫރު ވިދާޅުވި އެވެ.
ސްޓެލްކޯ އިސް އޮފިޝަލަކު ވިދާޅުވީ މި ޕްރޮޖެކްޓަކީ ސަރުކާރުން ޗައިނާގެ ކުންފުނި މެދުވެރިކޮށް ނަގާ 76 މިލިޔަން ޑޮލަރުގެ މަޝްރޫއެއް ކަމަށެވެ. އެ މަޝްޜޫއުގެ ދަށުން 8 މެގަވޯޓްގެ 6 ޖަނަރޭޓަރު މާލޭގައި އަލަށް ބެހެއްޓޭ އިރު މި މަޝްރޫއުގެ ދަށުން 50 މެގަވޯޓުގެ ކަރަންޓް އިތުރަށް ފޯރުކޯށްދެވޭނެ އެވެ. ސްޓެލްކޯ އިން މިހާރު ބޭނުންކުރަނީ 22 ޖެނެރޭޓަރުން މާލެ އަށް ފޯރުކޮށްދެނީ 60 މެގަވޯޓުގެ ކަރަންޓެވެ.
"މި ޕްރޮޖެކްޓް ނިމުމުން މިހާރު ބޭނުންކުރަމުން ގެންދާ ޖަނަރޭޓަރެއް ނިއްވާލަން ޖެހުނަށް މާލެއިން ކަރަންޓް ކެނޑިގެން ނުދާނެ. އަދި އަލަށް އިމާރާތް ކުރަމުން ގެންދާ އިމާރާތްތަކަށާއި ސަރުކާރުގެ ބޮޑެތި އޮފީސްތަކަށް ވެސް ކަރަންޓް ފޯރުކޮށްދެވޭނެ އޭރުން،" އޮފިޝަލް ވިދާޅުވި އެވެ.
ސްޓެލްކޯގެ ފިފްތު ޕަވާ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތޭރަގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ ޕްރޮޖެކްޓްގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ގާކޮށީގެ ހުޅަނގު ފަރާތުން ސްޓެލްކޯ އަށް ލިބިފައިވާ ބިމުގަ އެވެ. އަދި އެ ޕްރޮޖެކްޓް މަސައްކަތް ނިމޭ އިރު އެ ސައިޓާއި ސްޓެލްކޯގެ މެއިން ޕަވާ ސްޓޭޝަނާ ގުޅާލެވޭނެ އެވެ.
މީގެ ކުރިންމާލޭގެ ކަރަންޓްގެ މައްސަލަ ބޮޑުވެ ޕީކް ގަޑިތަކުގައި ވެސް މާލޭގެ އެކިއެކި ސަރަހައްދުތަކުން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ ހައްލުކުރީ ސްޓެލްކޯ އިން ފެށި އެ ކުންފުނީގެ ފޯތު ޕަވާ ޕްރޮޖެކްޓްގެ މަސައްކަތް ނިމުމާ ގުޅިގެންނެވެ.