ނޫސްވެރިންގެ ބަހަށް ރިއާޔަތްނުކޮށް މައްސަލަ ނިންމުމުން ރައީސް ނަޝީދުގެ އޮފީހުން ކަންބޮޑުވުންފާޅުކޮށްފި

ފުރަތަމަ އަޑުއެހުމަށްފަހު ރައީސް ނަޝީދު ކޯޓުން ނެރެނީ --- ސަން ފައިލް ފޮޓޯ

ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގައި ފުލުހުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަނިޔާ ކުރި ކަމަށް ބުނެ އެމަނިކުފާނުގެ ފަރާތްޕުޅުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ)އަށް ހުށަހެޅުއްވި މައްސަލަ ނިންމިއިރު، މަންޒަރުދުށް ނޫސްވެރިންގެ ބަޔާން ނަގައި، އެ ބަޔާންތަކަށް ރިއާޔަތް ކޮށްފައިނުވާތީ ރައީސް ނަޝީދުގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފުލުހުންނާ ދެކޮޅަށް ހުށަހެޅި އެ މައްސަލައިގެ ތަހުގީގު ނިންމާފައި ވަނީ ހަމައެކަނި އެދުވަހު ހާދިސާ ހިނގިތަނުގައި ހަރަކާތްތެރިވި ފުލުހުންގެ ބަޔާންތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.

"ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ނިންމުމުގައި އަނިޔާ ލިބިވަޑައިގަތް ރައީސް ނަޝީދުގެ ބަޔާނަށާއި މި ހާދިސާ ހިނގި ވަގުތު މަންޒަރު ދުށް ގިނަ ނޫސްވެރިންގެ ބަޔާންތަކަށް ރިއާޔަތް ކޮށްފައިނުވާކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ،" ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލައިގެ ތަހުގީގު ނިންމައި ޕީއައިސީން ފޮނުވި ލިޔުމުގައި ވަނީ ކޯޓަށް ވަދެވަޑައިގަތުމަށް ތަކުރާރުކޮށް ފުލުހުން އެދުމުން ވެސް އެމަނިކުފާނު ކޯޓަށް ވަދެވަޑައިނުގަތުމަށް ގަދަހަދާފައިވާކަން ތަހުގީގަށް ބަޔާންދިން ފުލުހުންގެ ހެކިބަހުން އެނގޭ ކަމަށެވެ.

އެ ލިޔުމުގައި ވަނީ ކޯޓުން އަންގާފައިވާ ގަޑިއަށް ރައީސް ނަޝީދު ކޯޓަށް ވައްދަން ފުލުހުން ބާރުގެ ބޭނުންކޮށްފައި ވަނީ ހާލަތާ އެކަށީގެންވާ ވަރަށްކަން ފުލުހުން ތަހުގީގަށް ދީފައިވާ ބަޔާންތަކުންނާއި ވީޑިއޯ ފްޓޭޖުތަކުން އެނގޭ ކަމަށެވެ.

ޕީއައިސީން މިގޮތަށް ނިންމި ނަމަވެސް ހިއުމަންރައިޓްސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ރައީސް ނަޝީދު ކޯޓަށް ހާޒިރުކުރުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ ރަހުމް ކުޑަގޮތަކަށް ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް