އީގަލްސް އަށް އަށް ކުރިމަތިވެފައިވާ ކީޕަރުންގެ މައްސަލަ ޙައްލު ކުރުމަށް ލަންކާގެ ގައުމީ ޓީމްގެ ގޯލްކީޕަރު ސޫޖަން ޕެރޭރާ އެ ޓީމަށް ގެނެސްފި އެވެ.
އިއްޔެ ލަންކާގައި ސޫޖަން ވަނީ އީގަލްސްގެ ޖެނަރަލް ސެކެޓްރީ މުފާވިޒް ހާސިމްއާ އެކު ބޭއްވި ރަސްމިއްޔާތެއްގައި އެޓީމްގެ ކޮންޓްރެކްޓްގައި ސޮއިކޮށްފަ އެވެ.
ޢުމުރުން 32 އަހަރުގެ ސޫޖަން އެންމެ ފަހުން ކުޅެފައި ވަނީ ލަންކާގެ ޕްރިމިއާ ލީގްގެ ކެލިޓާރާ ޕާކް ސްޕޯޓްސް ކުލަބަށެވެ.
އީގަލްސް އަށް ކީޕަރުންގެ މައްސަލަ ކުރިމަތިވީ އެޓީމްގެ އެއް ނަންބަރު ކީޕަރު މުޙައްމަދު ފައިސަލްގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އެޓީމްގެ ގޯލް ބަލަހައްޓަމުން ދިޔަ ޒުވާން ގައުމީ ޓީމްގެ ގޯލް ކީީޕަރު ލަބާން ޝަރީފު، މޭޑޭގެ މުޒާހާރާގައި ފުލުހަކަށް ޙަމަލާ ދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ފުލުހުން އޭނާ ހައްޔަރު ކުރުމުންންނެވެ.
ލަބާން ހައްޔަރު ކުރުމުން އީގަލްސް އިން ވަނީ އޭނާގެ ކޮންޓްރެކްޓް ބާތިލްކޮށްފަ އެވެ.
ކޯޓް އަމުރެއްގެ ދަށުން ފުލުހުން ލަބާން ހައްޔަރު ކުރީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ހަވީރު އީގަލްސްގެ ފަރިތަކުރުންތަކުގައި ޓާފް ދަނޑުގައި ހުއްޓަ އެވެ.
މިމަހު ހަތް ވަނަ ދުވަހު ޕްރިމިއާ ލީގްގައި މަހިބަދޫއާ ދެކޮޅަށް ކުޅުނު މެޗްގައި ލަބާން ހައްޔަރު ކުރުމުން އީގަލްސްގެ ގޯލް ބަލަހައްޓަފައި ވަނީ މުޅިން އާ ކީޕަރެކެވެ.
ފައިސަލް އަށް އަނިޔާވެފައިވާ އިރު މިސީޒަންގައި އެއްވެސް މެޗެއް އޭނާ އަށް ނުކުޅެވޭނެ އެވެ.
ގައުމީ ޓީމްގެ ޑޮކްޓަރު އަޙްމަދު ޝަކީބު ވިދާޅުވެފައި ވަނީ ފައިސަލް އަނިޔާ އިން ރަނގަޅުވެ އެންމެ އަވަހަށް ވެސް އޭނާ އަށް ކުޅެން ނިކުމެވޭނީ ޑިސެމްބަރު މަހު ކަމަށެވެ. ފައިސަލްއަކީ ގައުމީ ޓީމްގެ ދެ ނަންބަރު ގޯލްކީޕަރެވެ.