ސޮބާހު ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފި

ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް، ސޮބާހު ރަޝީދު-- ސަން ފައިލް ފޮޓޯ

މޭޑޭގެ މުޒާހަރާގައި ހަމަނުޖެހުން އުފައްދައި އަމާންކަން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް، ސޮބާހު ރަޝީދު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

މިއަދު ހައިކޯޓުގައި ބޭއްވި ސޮބާހުގެ ބަންދުގެ އިސްތިއުނާފު މައްސަލާގައި ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ ސޮބާހު ރަޝީދު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ "މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި" ކަން އެ ކޯޓުން ކޮށްފައިވާ ހުކުމުން އެގޭ ކަމަށެވެ.

އަދި ސޮބާހު ރަޝީދު ދޫކޮށްލައިފިނަމަ މުޖުތަމައުއަށް ނުރައްކާ ވާނެ ގޮތް ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާއިންނާއި ފުލުހުން ތައްޔާރުކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓުންނާއި މޭޑޭގެ މުޒާހަރާގައި ސޮބާހު ރަޝީދު ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ.

މޭޑޭގެ މުޒާހަރާގައި ސޮބާހު ދައްކާފައިވާ ވާހަކައަށް ބަލާ އިރު، "އެއްވެސް ބޭފުޅަކު ފަހަތަށް ނުޖެހުމަށާއި ﷲގެ މަގުގައި ކުރިއަށް ދިއުމަށް" ގޮވާލާފައިވާ ކަމަށާއި އަދި އޭނާގެ އިރުޝާދުގެ މަތިން އިސްލާމީ މަރުކަޒަށް ނަމާދަށް ދިއުމަށް ކަމަށް ބުނެ ފުލުހުންނާއި އަދި އާންމުންގެ މުދަލަށް މުޒާހަރާގެ ބައިވެރިން ގެއްލުން ދީފައިވާކަން ތުހުމަތު ކުރެވޭ ވަރަށް ހެއްކާ ގަރީނާ ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ ކަމަށް އެނގެން އޮންނަ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.

އަދި އެފަދަ ހާލަތެއްގައި ސޮބާހު މުޖުތަމައުއަށް ދޫކޮށްލާފައި ބަހައްޓައިފި ނަމަ އޭނާގެ ކިބައިން މުޖުތަމައުއަށް ނުރައްކަލެއް ފޯރަފާނެ ކަމަށް ހައިކޯޓަށް ގަބޫލު ކުރެވޭ ކަމަށް ވެސް ހުކުމްގައި ވަނީ ބުނެފަ އެވެ.

ސޮބާހު ރަޝީދު ބަންދަށް ފުލުހުން ޖެހި 15 ދުވަހުގެ މުއްދަތު ހަމަވާނީ މާދަމާގެ ނިޔަލަށެވެ. އޭނާގެ އިތުރުން މޭޑޭގެ މުޒާހަރާއާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވެސް ވަނީ ފުލުހުންގެ ބަންދުގަ އެެވެ. އެދެ ބޭފުޅުންގެ ފަރާތުން ވެސް ހައިކޯޓުގައި ބަންދު އިސްތިއުނާފު ކުރި ނަމަވެސް ހައިކޯޓުން ވަނީ އިމްރާނާއި އަލީ ވަހީދު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށްފަ އެވެ. ނަމަވެސް މޭޑޭގެ މުޒާހަރާއާ ގުޅިގެން ފުލުހުންގެ ބަންދުގައި ހުރި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ބަންދު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވަނީ އަމީން ބަންދުން ދޫކޮށްލުމަށް ހުކުމް ކޮށްފަ އެވެ.

comment ކޮމެންޓް