ކުނޫޒު ގޮއްވާލަން އުޅުނު މައްސަލަ ސުޕްރީމް ކޯޓުން ބާތިލެއް ނުކުރި

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކަމަށްވާ ކުނޫޒު -- ފައިލް ފޮޓޯ

ޖުމްހޫރީ ޕާޓީގެ މައި ހަރުގެ ކަމުގައިވާ މ. ކުނޫޒު ގޮއްވާލުމަށް އައިއީޑީއެއް ބޭނުންކޮށްގެން ރޭވި މައްސަލައިގައި ދައުވާ ލިބޭ އިއުތިސާމް އަދި މުހައްމަދު ތަސްލީމުގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކާ ގުޅިގެން ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެ މައްސަލަ ބާތިލުކުރެވެން ނެތް ކަމަށެވެ. މި މައްސަލަ ލަސްވެފައިވަނީ ދައުލަތުގެ އިހުމާލުން ކަމަށް ބުނެ ދިފާއީ ފަރާތުން ކޯޓުގައި ވާހަކަ ދެއްކި ނަމަވެސް، މައްސަލައިގެ ހެކިތަކުންނާއި ކޯޓުގެ ރެކޯޑުތަކުން އެނގޭ ގޮތުގައި މައްސަލަ ލަސްވެފައިވަނީ ދިފާއީ ވަކީލުން ޝަރީއަތުގެ މަޖިލިސްތަކަށް ހާޒިރުނުވުމާއި އެކި ސަބަބުތަކާހުރެ އަޑުއެހުންތައް ކެންސަލް ކުރުމުންނެވެ. އެހެންކަމުން ހައިކޯޓުން މި މައްސަލައާ ގުޅިގެން ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތްކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

  • ކުނޫޒު ގޮއްވާލަން ރޭވި މައްސަލަ ބާތިލުކުރަން ދިފާއީ ފަރާތުން ހުށަހެޅި ހުށަހެޅުން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފިއެވެ.
  • މައްސަލަ ލަސްވީ ދައުލަތުގެ އިހުމާލުން ނޫން ކަމަށާއި، އެއީ ދިފާއީ ވަކީލުންގެ އަމަލުތަކާ ގުޅިގެން ހިނގި ކަމެއްކަން ސާބިތުވެފައިވެއެވެ.
  • މި މައްސަލަ ޝަރީއަތް ކުރާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
  • މި ދެ މީހުން އަލުން ހައްޔަރުކުރީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ދިފާއީ ވަކީލުންގެ ފަރުވާ ކުޑަކަމުންނާއި، އެކި ގޮތްގޮތުން ޝަރިއަތް ލަސްވެފައިވާތީ، ޖުމްހޫރީ ޕާޓީގެ މައި ހަރުގެ، މ. ކުނޫޒުގައި ޖަލްސާއެއް ހިންގަމުން ދަނިކޮށް އެތަނުގައި އައިއީޑީއެއް ގޮއްވާލަން ރޭވި މައްސަލަ، ބާތިލުކޮށް ނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

މި މައްސަލައަކީ، ކުނޫޒު ގޮއްވާލަން އުޅުނު މައްސަލައިގައި ދައުލަތުން ދައުވާ ކުރާ، އިއުތިސާމް އަދި މުހައްމަދު ތަސްލީމުގެ ތެރެއިން އިއުތިސާމް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެވެ. މި ކޭސްގެ އަސްލު މައްސަލަ އޮތީ އަދި ކްރިމިނަލް ކޯޓުގައެވެ.

މި މައްސަލާގައި ދަޢުވާލިބޭ މީހުންގެ ފަރާތުން، މައިގަނޑު ގޮތެއްގައި މަތީ މަރުހަލާއަށް ހުށަހަޅާފައިވަނީ، މި މައްސަލަ ކޯޓަށް 2017 ވަނަ ހުށަހެޅި ފަހުން، އަދި 2022 ވަނަ އަހަރު ދަޢުވާއަށް ބަދަލު ގެނެވުނު ފަހުން، މައްސަލަ ލަސްވެފައިވަނީ ދައުލަތުގެ އިޙުމާލުންކަމަށާއި، އެކަމުގެ ސަބަބުން ބައެއް ހައްގުތައް ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި ހުށަހެޅުންތަކެވެ.

އެކަމަކު، ހައިކޯޓު މަރުހަލާގައި މި ހުށަހެޅުންތަކާ ގުޅިގެން ދެކެވުނު ވާހަކަތަކުން އެނގޭ ގޮތުގައި ދަށު ކޯޓު މަރުހަލާގައި އެކި ތާރީޚުތަކުގައި ބޭއްވުނު އަޑުއެހުންތަކަށް މި މައްސަލާގައި ހިމެނޭ ދިފާއީ ވަކީލުން ހާޒިރުނުވުމާއި، ދައުވާލިބޭ މީހުން ހުށަހެޅި އެހެން ބައެއް ސަބަބުތަކާހުރެ މައްސަލަ އޮތީ ލަސްވެފައެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރީ، ހައިކޯޓުގެ ނިންމުން ބާތިލު ކުރާނެ ތަނެއް ނެތް ކަމަށެވެ. މި ހުކުމް އިއްވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، އަލީ ރަޝީދު އަދި އަބްދުﷲ ހަމީދެވެ.

ދައުލަތުން މި މައްސަލައިގައި ދެއްކި ވާހަކައިގައި ފާހަގަކުރި ގޮތުގައި މި މައްސަލައިގައި ޖުމްލަ 60 އަށްވުރެ ގިނަ އަޑު އެހުން ތާވަލު ކުރިނަމަވެސް، ދައުލަތުން އެދިގެން ކެންސަލް ކުރީ އެންމެ އަޑު އެހުމެކެވެ. އެއީ ޕްރޮސިކިއުޓާސް ކޮންފަރެންސްއާ ފުށު އަރާ ގޮތަށް ތާވަލު ކުރެވުނު އަޑު އެހުމެއް ކަމަށް ޕީޖީ އޮފީހުންވަނީ ބުނެފައެވެ. އެކަމަކު، ދައުވާ ރައްދުވާ އިއުތިސާމްގެ ފަރާތުންނާއި އޭނާގެ ވަކީލުންގެ ފަރާތުން އެކިއެކި ސަބަބުތަކާ ހުރެ ވަރަށް ގިނަ އަޑު އެހުން ކެންސަލްވެފައިވާ ކަމަށް ދައުލަތުންވަނީ ހައިކޯޓު މަރުހަލާގައި ތަފްސީލާއެކު ފާހަގަކޮށްފައެވެ.

ކުނޫޒު ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލާފައި ތިބުމަށް ފަހު އަލުން ހައްޔަރު ކުރީ، މީހުންގެ ތެރެއިން އިއުތިސާމް އާއި ތަސްލީމް ވަނީ އޭރު ޝަރީއަތް ފެށުމުގެ ކުރިން ދޫކޮށްލާފައެވެ. މި ފަހުން އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. އެ މައްސަލައާ ގުޅިގެން، ދައުލަތުން އުފުލާފައިވަނީ ޓެރެރިޒަމްގެ އަމަލެއް ކުރަން އުޅުނުކަމުގެ ކުށުގެ ދައުވާއެވެ.

comment ކޮމެންޓް