ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ކޯޓު އަމުރެއް ނެރެފައި ވަނިކޮށް، ސަރުކާރާއި މަޝްވަރާ ކުރަން ޖުމްހޫރީ ޕާޓީ ތައްޔާރަށް ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ސަރުކާރާއެކު މަޝްވަރާ ކުރުމަށް އިދިކޮޅު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެވަނަ ފަހަރަށް އިލްތިމާސް ކުރައްވާފައިވާއިރު ގާސިމް މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ހަމަޖެހުމާއި ރައްޔިތުންގެ ފައިދާއަށް މަޝްވަރާ ކުރަން ރައީސް ޔާމީން އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފައި ވާތީ މަރުހަބާ ދަންނަވާ ކަމަށެވެ.
Sarukaaraa eku mashvaraakuran Jumhooree Party othee thayyaarah kamugai dhannavan!
— Qasim Ibrahim (@qasimibrahim) May 14, 2015
ގާސިމް އިތުރަށް ވިދާޅުވެފައިވަނީ މޭޑޭއަށް ހަރަދު ކުރިކަމަށް ބުނެ އޭނާ ހައްޔަރު ކުރަން ކޯޓް އަމުރެއް ނެރެފައިވާ ކަމަށް ބުނާއިރު އެކަމަށް އޭނާ ހަރަދު ނުކުރައްވާ ކަމަށެވެ.
އޭނާ މިވަގުތު ހުންނެވީ އާގު ބޯޓެއް ޑޮކަށް ލުމަށް ބެންކޮކުގައި ކަމަށްވެސް ގާސިމް ޓުވީޓްކުރައްވާފައި ވެއެވެ.
އިތުބާރު ހުރި މަސްދަރަކުން ސަންއަށް ކަށަވަރުވެފައިވާ ގޮތުގައި، ގާސިމް ހައްޔަރުކުރުމަށް އަމުރު ނެރެފައިވަނީ، މި މަހުގެ ފުރަތަމަ ދުވަހު އަދާލަތު ޕާޓީ އިސްވެ އޮވެ، "އަނިޔާވެރިކަން ނިންމަން" ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއަށް ފަންޑު ކުރި ކަމުގެ ތުހުމަތުގައެވެ.
ގާސިމްގެ ވިލާ ޝިޕިންގއާއި، ވިލާ ހޮލިޑޭޒް އާއި ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ އެކައުންޓްތައްވެސް މިހާރު ވަނީ ފުރީޒް ކޮށްފައެވެ.