އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ކައިރީ ހުއްޓައި މާލޭ ދަފްތަރު ނޫރު އާދަމް ހަސަންފުޅު މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށްފައިވާ ދެމީހުންނަށް ވަކީލުން ހަމަޖެއްސުމަށް އިތުރުފުރުސަތު ދީފި އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި ނޫރު މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ޏ. ފުވައްމުލައް، ދަޑިމަގު ޝައިނީ މުހައްމަދު ސަމީހު އާއި ހަމައެރަށު ނޯވަލް މުހައްމަދު ޝަމްލު ވަނީ ވަކީލަކު ހަމަޖެއްސުމަށް އާއިލާއިން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.
ގާޒީ ވަނީ ވަކީލަކު ހަމަޖެއްސުމަށް އެ ދެ މީހުންގެ އާއިލާގެ ފަރާތުން މަސައްކަތްކުރާ ފަރާތްތަކުގެ މައުލޫމާތު ސާފުކޮށްފައެވެ. އަދި ވީހާވެސް އަވަހަށް ވަކީލަކު ހަމަޖެއްސުމަށާއި، އެހެންނޫންނަމަ ވަކީލަކާ ނުލައި މައްސަލަ ކުރިއަށް ގެންދަން ޖެހިދާނެ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.
އެ ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.