ބިލު ނުދައްކައިގެން ހިތަދޫ އައިއެމްޑީސީ ހޮސްޕިޓަލުން ކަރަންޓު ކަނޑާލައިފި

އައިއެމްޑިސީ ހޮސްޕިޓަލް--- ފޮޓޯ: އައްޑު ލައިވް

އައްޑޫ ސިޓީ ހިތަދޫގައި އަމިއްލަ ފަރާތަކުން ހިންގާ އައެމްޑީސީ ހޮސްޕިޓަލުގެ ކަރަންޓް ބިލަށް ފައިސާ ނުދެއްކުމާ ގުޅިގެން ކަރަންޓް ކަނޑާލައިފި އެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލް މަރަދޫ ދާއިރާގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބު ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ޕްރައިވެޓް ހޮސްޕިޓަލުން ކަރަންޓު ކަނޑާލާފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ.

ތައްޔިބު ވިދާޅުވީ ކަރަންޓު ކަނޑާލާފައި ވަނީ ފެނަކަ ކޯޕަރޭޝަނުން އެ ހޮސްޕިޓަލަށް ދެމުން ގެންދާ ކަރަންޓް ހިދުމަތަށް އަގު ނުދެއްކުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ހޮސްޕިޓަލަށް ކަރަންޓު ބިލު ނުދެއްކުނީ ފެނެކާއިން ކަރަންޓު ބިލު ބޮޑު ކުރުމާ ގުޅިގެން ކަމަށާއި ބައެއް ފަރާތްތަކަށް ކަރަންޓު ބިލު އެތައް ގުނައަކުން ބޮޑުވެފައިވާ ކަމަށެވެ.

"އަސްލު ކަރަންޓު ކެނޑާލީ ބިލް ނުދެއްކެވުމާ ގުޅިގެން. ބިލް ނުދެއްކުނީ މާ ބޮޑު އަދަދެއް އައިސްފައިވުމާ ގުޅިގެން. އަސްލު ބިލު ބޮޑު ކުރުމެއް ނޫން ގޯސް ވީއެއް. ގޯސްވީ ބުނެލުމެއް ނެތި ބިލު ބޮޑުކޮށްފައި ވުމުން. އެއްބައި ފަރާތްތަކަށް ކަރަންޓު ބިލު އަންނަ އިރު އެބަ ހުރޭ 30 ގުނައަށްވެސް ބޮޑުވެފަ،" އޭނާ ވިދާޅުވިއެވެ.

ޠައްޔިބު ވިދާޅުވީ ކަރަންޓު ކަނޑާލުމުން ހޮސްޕިޓަލަށް ބޮޑެތި މާލީ ގެއްލުންތަކެއް ކުރާނެ ކަމަށެވެ. އެގޮތުން އެތަނުގައި ފިނިކޮށްފައި ބަހައްޓަން ޖެހޭ އެތައް ތަކެއްޗެއް ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައްޑު ސިޓީގެ ހިތަދޫގައި އައިއެމްޑީސީގެ އިތުރުން ރީޖަނަލް ހޮސްޕިޓަލެއް ހުރެ އެވެ. އަދި ހުޅުމީދޫ އާއި ފޭދޫ އަދި މަރަދޫގައި ހުންނަނީ ހެލްތު ސެންޓަރުތަކެކެވެ.

ފެނަކައިން ކަރަންޓް ހިދުމަތް ދެމުން ގެންދިޔަ އައެމްޑީސީ ހޮސްޕިޓަލުގެ ކަރަންޓް ކަނޑާލުމާ ގުޅިގެން، ފެނަކައިގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

comment ކޮމެންޓް