ސިނާން ވާދަ ނުކުރަން ނިންމެވީ އާއިލާއަށް ވަގުތު ދޭން: ފަލާޙް

އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ) (ކ)، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަދި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަޙްމަދު ސަޢީދު (ވ) --- ފޮޓޯ: މުޙައްމަދު ސިނާން / އެކްސް

ޕީއެންސީގެ ފަރާތުން އައްޑޫ ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރެއްވުމަށް ޓިކެޓު ލިބިވަޑައިގެންނެވި މުޙައްމަދު ސިނާން އެ ޓިކެޓު ދޫކޮށްލެއްވީ އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ. ސިނާން އަމިއްލައަށް މި ނިންމުން ނިންމެވީ ޕާޓީގެ ލީޑާޝިޕާ މަޝްވަރާކުރެއްވުމަށްފަހުއެވެ. އޭނާގެ ބަދަލުގައި އެ ދާއިރާއަށް ޕީއެންސީން މިހާރު ޓިކެޓު ދީފައިވަނީ އަޙްމަދު ސަޢީދަށެވެ. މީގެ އިތުރުން ސިނާނަށް ގޮނޑި ގެއްލިފައިވަނީ ލޯނެއް ނުދެއްކުމުގެ ސަބަބުންނެވެ. ބައި-އިލެކްޝަން އޮންނާނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ.

  • ސިނާން ޕީއެންސީ ޓިކެޓު ދޫކޮށްލެއްވީ އާއިލާއަށް ވަގުތު ދިނުމަށް
  • މި ނިންމުން ނިންމެވީ ޕާޓީގެ ލީޑާޝިޕާ މަޝްވަރާކުރުމަށްފަހު އަމިއްލައަށް
  • ޕީއެންސީން މިހާރު ޓިކެޓު ދީފައިވަނީ އަޙްމަދު ސަޢީދަށް
  • ސިނާނަށް ގޮނޑި ގެއްލުނީ އިސްލާމިކް ބޭންކުގެ ލޯނެއް ނުދެއްކުމުގެ ސަބަބުން
  • ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ ޖޫން މަހުގެ 6 ގައި

ވެރިކަންކުރާ ޕީއެންސީގެ ފަރާތުން އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މަޖިލީހުގެ މެންބަރު ކަމަށް ވާދަކުރެއްވުމަށް ޓިކެޓު ލިބިވަޑައިގެންނެވި ނަމަވެސް، އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ) ޓިކެޓު ދޫކޮށްލައްވަން ނިންމެވީ އާއިލާއާ އެކީ ވަގުތު ހޭދަކުރުމަށްޓަކައި ކަމަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޓިކެޓު ލިބިވަޑައިގެންނެވި ސިނާނު، ޓިކެޓު ދޫކޮށްލެވިކަން ހާމަކުރެއްވީ މިދިޔަ އޭޕްރިލް މަހުގެ 29ވަނަ ދުވަހެވެ.

އެކަން ހާމަކުރައްވައި އޭނާ 'އެކްސް'ގައި ލިޔުއްވި ބަޔާނެއްގައިވަނީ، ބައި-އިލެކްޝަންގައި ވާދަ ނުކުރަން ނިންމެވީ، ވޭތުވެދިޔަ ތިން ދުވަހު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފަހު ކަމަށެވެ. އެ ގޮތުން، ބައި-އިލެކްޝަނަށް އެންމެ ރަނގަޅު ގޮތަކީ އޭނާ ފަހަތަށް ޖެހިވަޑައިގެން، އައު ބޭފުޅަކަށް ފުރުސަތު ދިނުން ކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ލިޔުއްވައިފައިވެއެވެ.

އެހެންވެ، ޕީއެންސީން އެ ދުވަހު ވަނީ އައްޑޫ ހިތަދޫ އުތުރު ޕްރައިމަރީގައި ސިނާނާ ވާދަކުރެއްވި، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ)އަށް ޓިކެޓު ދިންކަން ހާމަކޮށްފައެވެ.

https://sun.mv/221417

އެ ކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފަލާޙް ވިދާޅުވީ، ބައި-އިލެކްޝަންގައި ވާދަ ނުކުރައްވަން ސިނާން ނިންމެވީ އަމިއްލައަށް ކަމަށާއި އެ ނިންމުން އޭނާ ނިންމެވީ ޕާޓީގެ ލީޑާޝިޕާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

ސަޢީދާއި ސިނާނަކީ ގާތް ދެ ރަހުމަތްތެރިން ކަމަށް ވިދާޅުވެ، ދޮރުން ދޮރަށް ބާއްވާ ހަރަކާތްތަކުގައި ސިނާނާއި އޭނާގެ ސަޕޯޓަރުން ބައިވެރިވާ ކަމަށް ފަލާޙް ވިދާޅުވިއެވެ.

"އެހެންވީމާ މި ވަގުތު ތިމަންނަ ބޭނުންވަނީ މި ދުވަސްކޮޅު ހަމަ އާއިލާއާ އެއްކޮށް ވަގުތު ހޭދަކުރުމަށްޓަކައި ސަޢީދަށް ޓިކެޓު އަރުވަން އެނގޭތޯ، އެއީ ޕާޓީގެ ލީޑާޝިޕާ ބައްދަލުކޮށް، ސިނާގެ އަމިއްލަ ނިންމެވުމެއް،" އޭނާ ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، ސިނާނަށް ގޮނޑި ގެއްލުނީ އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12ގައި ކަނޑައެޅުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު ކަމަށް އިއުލާންކޮށްފައެވެ. އެ ދާއިރާއަށް ވާދަކުރައްވަނީ ސަޢީދުގެ އިތުރުން، އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ)އެވެ. ޞާދިޤް ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓުގައެވެ.

comment ކޮމެންޓް