ޤައުމީ ސްކޮޑްގައި ހިމެނުމަށްފަހު ހޮކޭގެ ނަން އުނިކޮށްފި

ޕީޕަލްސްކަޕްގައި ނިއުރޭޑިއަންޓާ ލަޔަންސް ބައްދަލު ކުރި މެޗްގައި ހޮކޭ އަތުން ބޯޅަ ހޯދުމަށް ލަޔަންސްގެ ކުޅުންތެރިން މަސައްކަތް ކުރަނީ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން އަޅާފައިވާ ފިޔަވަޅަކާ ގުޅިގެން، ވޯލްޑްކަޕް ކޮލިފައިންގައި ޤަތަރާއި ހޮންކޮގާ ދެކޮޅަށް ކުޅޭ މެޗަށް އެކުލަވާލި ޤައުމީ ސްކޮޑްގައި ހިމެނުމަށްފަހު މުޙައްމަދު ރަޝީދު (ހޮކޭ)ގެ ނަން ޤައުމީ ސްކޮޑުން އުނިކޮށްފި އެވެ.

މިކަމާ ގުޅިގެން އެފްއޭއެމުން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހޮކޭއަކީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ހަ މެޗަށް ސަސްޕެންޑްކޮށްފައިވާ ކުޅުންތެރިޔަކަށްވާތީ އޭނާ މިވަގުތު ޤައުމީ ޓީމްގައި ހިމެނުމަކީ އެންމެ އެދެވޭގޮތްކަމަށް ނުވާތީ ޤައުމީ ޓީމަށް ނަގާފައިވާ 25 ކުޅުންތެރިންގެ ސްކޮޑުން އުނިކޮށްފައިވާކަމަށެވެ.

ޕީޕަލްސްކަޕްގައި ނިއުރޭޑިއަންޓާ ލަޔަންސް ބައްދަލު ކުރި މެޗްގައި ހޮކޭއާ ލަޔަންސްގެ ކުޅުންތެރިއަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރެއިން. އެދުވަހުގެ މެޗުގައި ހިނގާދިޔަ ކަންތަކާއިގުޅިގެން ހޮކޭއާ މެދު އަޅާފައިވާ ފިޔަވަޅުގެ ސަބަބުން އޭނާގެ ނަންވަނީ ޤައިމީ ސްކޮޑުން ބާކީކޮށްފައި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ހޮކޭއަށް ފިޔަވަޅުއަޅާފައިވަނީ ޖަނަވަރީ މަހު ބޭއްވި ޕީޕަލްސްކަޕްގައި ނިއުރޭޑިއަންޓާ ސިންގަޕޫރު ލަޔަންސް ބައްދަލު ކުރި މެޗްގައި ލަޔަންސް ޓީމްގެ ކުޅުންތެރިޔެއްގެ ކަރަށް ފައިން އެރި މައްސަލައިގައެވެ.

ޑިސިޕްލިނަރީ ކޮމިޓީން ހޮކޭއާ މެދު ފިޔަވަޅު އަޅާފައި ވަނީ މެޗް ކޮމިޝަނަރުގެ ރިޕޯޓާއި އެ ހާދިސާގެ ވީޑިއޯ އާއި ރެފްރީ ކޮމިޓީއަށް ދީފައިވާ ބަޔާންތަކުގެ މައްޗަށް ރިއާޔަތްކުރުމަށް ފަހު ކަމަށް އެފްއޭއެމްއިން ބުނެފައިވެ އެވެ.

ހަ މެޗަށް ސަސްޕެންޑު ކުރުމުގެ އިތުރަށް 15000 ރުފިޔާއިން ހޮކޭ ޖޫރިމަނާކުރުމަށްވެސް ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމާފައެވެ.

ހޮކޭގެ މައްސަލަ އިސްތިއުނާފު ކުރުމަށް ނިއުރޭޑިއަންޓުން އެފްއޭއެމްގެ އެޕީލް ކޮމިޓީއަށް ހުށަހެޅި ނަމަވެސް އެޕީލް ކޮމިޓީންވަނީ ޑިސިޕްލިނަރީކޮމިޓީން އަޅާފައިވާ ފިޔަވަޅަށް ތާޢީދުކޮށްފައެވެ.

comment ކޮމެންޓް