ވެލެންސިއާގެ މައްޗަށް ކުރި ހޯދައި މާޒިޔާއިން ލީގްގައި ފުރަތަމަ މޮޅު ހޯދައިފި

އުރީދޫ ދިވެހި ޕްރިމިއަ ލީގުގައި މިއަދު ވެލެންސިއާ އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ: އަލީ ނަސީރު

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިއަދު ކްލަބް ވެލެންސިއާގެ މައްޗަށް 2-1 ލަނޑުގެ ނަތީޖާއަކުން ކުރި ހޯދައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގްގައި އެޓީމުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މިމެޗްގައި ފުރަތަމަ ލީޑް ނެގީވެސް މާޒިޔާއިންނެވެ. އެގޮތުން ފުރަތަމަ ހާފްގެ 24 ވަނަ މިނެޓްގައި އެޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ޖަޕާންގެ ޓޮޝިއާ ހޯސޭއެވެ.

އޭނާ މިލަނޑު ކާމިޔާބުކުރީ ވެލެންސިއާގެ ޕެނަލްޓީ އޭރިއާގެ ބޭރުން ލިބުނު ބޯޅަ ކުރިއަށް ފޮނުވާލައިގެންނެވެ.

ވެލެންސިއާއިން ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓްގައެވެ. މިލަނޑަކީ ވެލެންސިއާއިން އުފެއްދި ހަމަލާއެއް ދިފާއުކުރުމަށް ނިކުތް މާޒިޔާގެ ކީޕަރު ޢިމްރާން ގައިގައި ޖެހިފައި ނިކުތް ބޯޅަ މާޒިޔާގެ ސާއިފް ދިފާއުކޮށް ކުރިއަށް ފޮނުވާލަން އުޅުމުގެ ތެރޭގައި ވެލެންސިއާގެ ޙުސައިން ޝިމާޒު (ކޮކީ) ފައިގައި ޖެހިފައި މާޒިޔާ ގޯލްތެރެއަށް ވަން ބޯޅައެކެވެ.

އުރީދޫ ދިވެހި ޕްރިމިއަ ލީގުގައި މިއަދު ވެލެންސިއާ އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ: އަލީ ނަސީރު

މާޒިޔާ މެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ 12 ވަނަ މިނެޓްގައި އަހްމަދު އިމާޒު ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކުރީ މާޒިޔާގެ ކެޕްޓަން އަސަދުﷲ ޢަބްދުﷲ (އަސައްކޮ) އެވެ.

މާޒިޔާއިން ލީޑް ނެގިތާ އެއް މިނެޓްފަހުން ވެލެންސިއާއިން އުފެއްދި ކައުންޓާ އެޓޭކް ހަމަލާއެއްގައި އަހްމަދު ރިލްވާން (ރިލޭ) އަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންގޮސްފައެވެ.

ރިލޭއަށް ލިބުނު ބޯޅަ އޭނަ ޕެނަލްޓީ އޭރިއާ ތެރެއަށްވަދެ ކީޕަރު ޢިމްރާން ކަޓުވާލަން މަސައްކަތް ކުރިނަމަވެސް އިމްރާން ފައިގައި ޖެހިފައި އެބޯޅަ ނިކުތީ ބޭރަށެވެ.

މި ހަމަލާއަށްފަހު ވެސް ވެލެންސިއާއިން ލަނޑުޖަހާނެ އިތުރު ފުރުސަތުތަކެއް ތަނަވަސް ކުރިއެވެ. އެގޮތުން މާޒިޔާގެ ޕެނަލްޓީ އޭރިއާތެރެއަށް ވެލެންސިއާގެ އަވީލޯ ހުރަސް ކުރި ބޯޅަ ހުހަށްހުރި ޙުސައިން ނިހާން ކުރިއަށް ފޮނުވާލަން އުޅުނު ނަމަވެސް އެހަމާލާވެސް ޢިމްރާން ވަނީ ދިފާއުކޮށްފައެވެ.

އުރީދޫ ދިވެހި ޕްރިމިއަ ލީގުގައި މިއަދު ވެލެންސިއާ އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ: އަލީ ނަސީރު

މެޗަށްފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނީ މާޒިޔާގެ ކުޅުން ފެނުނީ ތަންކޮޅެއް ދަށްކޮށް ކަމަށާއި ސަބަބަކީ ސީޒަންގައި މިހާތަށްނަށް މާޒިޔާއިން 11 މެޗް ކުޅެފައިވުމުން ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނުންކަމަށެވެ.

ސުޒޭން ބުނީ މިއަންނަ ބްރޭކަށްފަހު ބައެއް ކޫޅުންތެރިންނަށް ވަގުތު ލިބި އެކަން ހައްލުވާނެކަމަށެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ވެލެންސިއާގެ އެސިސްޓެންޓް ކޯޗް އިޤްބާލް ބުނީ ފުރަތަމަ މެޗަށް ވުރެ ވެލެންސިއާގެ ކުޅުން ރަނގަޅު ކަމަށާއި ހަމަލާތަކެއް އުފެއްދުނު ނަމަވެސް ރަނގަޅަށް ނިންމާ ނުލެވުމުގެ މައްސަލަ ކުރިމަތިވިކަމަށެވެ. އެކަން ހައްލުކުރުމަށް ޓްރާންސްފަރ ޕީރިއަޑްގައި ރަނގަޅު ސްޓްރައިކަރެއް ގެނައުމަށް މަސައްކަތްކުރާނެކަމަށް ވެސް އިޤްބާލް ބުންޏެވެ.

comment ކޮމެންޓް