ނޫރު މަރާލުމުގައި ބައިވެރިވި ކަމަށް ދެ މީހުން ވެސް އިންކާރުކޮށްފި

މާލޭ ދަފްތަރު ނޫރު އާދަމް ހަސަންފުޅު މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ޝަމްލު (ކ) އަދި (ވ) ސަމީހު --- ފޮޓޯ/ ޕޮލިސް

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ކައިރިން މާލޭ ދަފްތަރު ނޫރު އާދަމް ހަސަންފުޅު މަރާލުމުގައި ބައިވެރިވި ކަމަށް ދެ މީހަކު އިންކާރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެކަމަށް އިންކާރުކޮށްފައި ވަނީ ޏ. ފުވައްމުލައް، ދަނޑިމަގު ޝައިނީ މުހައްމަދު ސަމީހު އާއި ހަމައެރަށު ނޯވަލް މުހައްމަދު ޝަމްލު އެވެ.

އެ ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ދެ މީހުންގެ މައްޗަށް ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހުގެ ރޭ 1:42 އެހާކަންހާއިރު އައިޖީއެމްއެޗްގެ އެމަޖެންސީ ގޭޓު ކުރިމަތީ ޕާކްކޮށްފައި ހުރި ސައިކަލްތައް ކައިރިން މާލޭ ދަފްތަރު ނޫރުއާދަމް ހަސަންފުޅުދަނިކޮށް މާލޭ ދަފްތަރު އަލީ އިނާޒު ހަސަން އޭނާއަށް ވަޅިން ހަމަލާދިނުމުން އޭނާ ގޮވައިގެން ޝަމްމު ސައިކަލްގައި ގޮސްފައިވާ ކަމަށެވެ.

އެ ދެ މީހުންނާ އެކު މާލޭ ދަފްތަރު އިސްހާގު ނާދިރާއި ސިމާހު ވެސް ސައިކަލެއްގައި ގޮސްފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ގާނޫނީ ވަކީލަކު ހަމަޖެއްސުމަށް ހަތް ދުވަހުގެ ފުރުސަތެއް އެ ދެ މީހުންނަށް ދިނުމަށްފަހު އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ފެށުމުގެ ކުރިން އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

comment ކޮމެންޓް