އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިއަދު ކުޅުނު މެޗްގައި ފުރަތަމަ ޑިވިޜަންގައި އަލަށް ވާދަކުރާ ޓީސީ ސްޕޯޓްސް އިން ވޭތުވެދިޔަ ތިން އަހަރުގެ ލީގް ޗެމްޕިއަން ނިއުރޭޑިއަންޓް ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓައިފި އެވެ.
ސަސްޕެންޝަންގެ ސަބަބުން ޑިފެންސް ލައިންގެ މުހިންމު ދެ ކުޅުންތެރިން ކަމުގައިވާ މުޙައްމަދު ރަޝީދު (ހޮކޭ)އާއި ރިލްވާން ވަހީދު (ރިލޭ) ނުހިމަނައި ކުޅުނު ނިއުރޭޑިއަންޓްގެ ފަހަތަށް ޓީސީގެ ޒުވާން ކުޅުންތެރިން ވަނީ ޕްރެޝަރކޮށްފައެވެ.
ނިއުއަށް ވެސް ވަނީ ނަތީޖާ ބަދަލުކޮށްލުމަށްޓަކައި ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެގޮތުން ފުރަތަމަ ހާފްގެ 18 ވަނަ މިނެޓްގައި އެޓީމްގެ ކެޕްޓަން އަސްހަދު ޢަލީ (އަޑޭ) ޓީސީގެ ޕެނަލްޓީ އޭރިއާއަށް ހުރަސް ކުރި ބޯޅަ އިބްރާހިމް ފަޒީލް (އޮއްޕޮ) ހުހަށް ހުރެ ކުރިއަށް ފޮނުވާލިނަމަވެސް ބާރެއް ނެތް އެބޯޅަ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނު ޓީސީގެ ކީޕަރު މުޙައްމަދު ޢިމްރާން ވަނީ ދިފާއުކޮށްފައެވެ.
ދެ ވަނަ ހާފުގައި ޓީސީގެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ.
އެގޮތުން ދެ ވަނަ ހާފްގެ 18 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އަޙްމަދު ނިޒާމްއަށް ލިބުނު ފުރަތަމަ ބޯޅަވެސްވަނީ ނިއުގެ ގޯލަށް ޕްރެޝަރުކޮށްފައެވެ. އެގޮތުން ނިއުގެ ކީޕަރު ބޯމަތިން އޮއްސާލުމަށް މަސައްކަތް ކުރި ނަމަވެސް އެބޯޅަ ދިޔައީ ގޯލް ދަނޑިމަތިން ބޭރަށެވެ.
މުޅި މެޗްގައިވެސް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޓީސީއަށެވެ. ދެ ވަނަ ހާފުގެ 23 ވަނަ މިނެޓްގައި ނިޒާމް ކީޕަރު ކައިރިން ނައްޓާލައި ކުރިއަށް ފޮނުވާލި ބޯޅަ ޝިފާން ދިފާއުކުރުމުން އެނބުރި ބައުންސްވެގެން އައި ބޯޅަ ހުސްކޮށް ހުރި ނިއުގެ ގޯލަށް ނާފިއު ފޮނުވާލިނަމަވެސް ގޯލަށް ބޯޅަ ވަދެވަދެ އޮއްވައި ގޯލްގެ ލައިން މަތިން ނިޔާޒު އެ ބޯޅަ ދިފާއުކޮށް ވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ނިއުރޭޑިއަންޓްގެ މެނޭޖަރު އަޙްމަދު ޒަރީރު (ޒައްރަ) ބުނީ މެޗަށް ނިކުތީވެސް މެޗަކީ އުނދަގޫ މެޗަކަށް ވާނެކަމަށް ގަބޫލުކޮށްގެން ކަމަށެވެ. އެއީ ޓީސީއަކީ މުޅިން އަލަށް ފުރަތަމަ ޑިވިޜަންގައި ވާދަކުރާ ޓީމެއްކަމުގައިވިޔަސް އެޓީމް ވަނީ ލީގަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
ޓީސީގެ ކޯޗް މުޙައްމަދު ނިޒާމް ބުނީ ނިއުރޭޑިއަންޓުން މެޗަށް ނިކުތީ ފައިނަލެއްކަމުގައި ދެކިގެން ކަމަށާއި ޓީސީއަކީ ނިއުރޭޑިއަންޓާ އެއްފެންވަރެއްގެ ޓީމެއްކަމުގައި ދެކިގެން ކުރި މަސައްކަތަށް އުފާވާކަމަށެވެ.
ނިޒާމް ބުނީ ޓީސީ ވަރަށް ރަނގަޅަށް މަސައްކަތްކޮށްފިކަމަށާއި ނުވިކަމަކީ ހަމައެކަނި ގޯލަކަށް ނިންމާނުލެވުން ކަމަށެވެ.
މާދަމާ ހަވީރު ލީގަގައި ކުޅެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކްލަބް ވެލެންސިއާއެވެ. މިމެޗް ބެލުމަށްވެސް ހިލޭ ދަނޑަށް ވަދެވޭ ގޮތަށް އެފްއޭއެމްއިން ވަނި ނިންމާފައެވެ.