ބޭންކަށް ދައްކަންޖެހޭ ދަރަނި ނުދެއްކުމުގެ ސަބަބުން 2013 ވަނަ އަހަރުން ފެށިގެން ބޭންކަށް ނަގާފައިވާ، ބ. ފޮނިމަގޫދޫ ގައި ހިންގަމުން އަންނަ ރީތި ބީޗް ރިސޯޓް ބޭންކު އޮފް މޯލްޑިވްސް އިން އާރުބީއާރްއެމް އަށް ވިއްކާލައިފިއެވެ.
އެ ރިސޯޓް ވިއްކާލާފައިވާ އަގެއް ބޭންކުން ހާމަ އެއް ނުކުރެއެވެ. އާރްބީއާރުއެމް އަކީ ރިއަލްއެސްޓޭޓް ކެޕިޓަލް އޭޝިއާ ޕާޓްނާސްގެ ސަބްސިޑިއަރީ ކުންފުންޏެކެވެ.
މިއީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި 40 އަށް ވުރެ ގިނަ ހޮޓާ އަދި ރިސޯޓް ހިންގާ އެސްސީ ކެޕިޓަލް ޕާރޓްނަރސް ގްރޫޕްގެ ބައެއްވެސް މެއެވެ. މިއީ އެސްސީ ކެޕިޓަލް ޕާޓްނަރސް ގްރޫޕުން ރާއްޖޭގައި ކުރާ ފުރަތަމަ އިންވެސްޓްމެންޓެވެ.
މިކަމާ ގުޅޭގޮތުން ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވިޔަފާރިގެ މި މުޢާމަލާތަކީ "ދެ ފުށް ފެންނަ ހަމަހަމަ ކަމާއި އެކީ" ކުރިއަށް ގެންދިއަ މުޢާމަލާތެއް ކަމަށެވެ.
ރީތި ބީޗް ރިސޯޓް ވިއްކުމަށް ބީއެމްއެލްއަށް އެހީތެރިވީ ބައިނަލްއަގުވާމީ ޕްރޮޕަޓީ އޭޖެންޓެއް ކަމަށްވާ ޖޯންސް ލޭންގް ލަސާގް (ޖޭއެލްއެލް) އެވެ.
މި މުޢާމަލާތާއި ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވެފައިވަނީ " ރިސޯޓް ގަތްފަރާތް ކަމުގައިވާ އާރްބީއާރްއެމް އަށާއި ރިސޯޓް ކުއްޔަށް ނަގާފައިވާ މަހޯގަނީ އަދި ރީތި ބީޗް ރިސޯޓްގެ އެންމެހާ މުވައްޒަފުންނަށް ފާގަތި މުސްތަޤްބަލަކަށް އެދެން" ކަމަށެވެ.
ރީތި ބީޗް ރިސޯޓް ވިއްކާލުމުގެ މައުލޫމާތު ބޭންކު އޮފް މޯލްޑިވްސް އިން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ހިއްސާކޮށްފައެވެ.
ހަތަރު ތަރީގެ ބީޗް ރިސޯޓް ވިއްކާލަން ބޭންކުން އިއުލާން ކުރީ ފުނައްޑޫ އިން ބޭންކު އޮފް މޯލްޑިވްސް އިން ނެގި ލޯނަކަށް ފައިސާ ނުދެއްކުމާ ގުޅިގެންނެވެ.