ޖަރުމަންކަޕް ފައިނަލްގައި ޑޯޓަމަންޑާ ދެކޮޅަށް ވޮލްފްސްބާގު

މެޗުން މޮޅުވުމުން ވޮލްފްސާބާގް ކުޅުންތެރިން އުފާކުރަނީ --- ފޮޓޯ/އޭޕީ

ޖަރުމަން ކަޕް ސެމީ ފައިނަލް ދެ ވަނަ މެޗްގައި ރޭ އާމީނިއާ ބީލަފޭލްޑްގެ މައްޗަށް 4-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ވޮލްފްސްބާގުން ޖަރުމަން ކަޕްގެ ފައިނަލްގައި ބްރޫޝިއާ ޑޯޓަމަންޑާ ދެކޮޅަށް ނިކުންނަން ޖެހިއްޖެއެވެ.

ވޮލްފްސް ބާގު ހަތަރު ލަނޑުވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފުގެ ތެރޭގައެވެ. އެޓީމްގެ މެކްސިމިލިއަން އާނޯލްޑާއި ބްރެޒިލްގެ ލުއިޒް ގުސްޓޯވޯއާ ދެކުޅުންތެރިން ކުރެ ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ލަނޑު ޖަހާފައެވެ.

ވޮލްފްސްބާގާ އާމީނިއާ ބީލަފޭލްޑް ބައްދަލުކުރި މެޗްގެ ތެރެއިން --- ފޮޓޯ/އޭޕީ

މެޗަށް ފަހު ވާހަކަ ދައްކަމުން ވޮލްފްސާބާގްގެ ކޯޗް ޑީޓާ ހެކިން ބުނީ މެޗުގައި މޮޅުވުމަށްޓަކައި ގެންގުޅެންޖެހޭނެ ޓެކްޓިކްސްތަކާ ބެހޭގޮތުން މެޗުގެކުރިންް ވިސްނުންގެންގުޅެފައިވާ ކަމަށެވެ. އަދި މެންޓަލީވެސް ތައްޔާރުވަމުން ދިޔައީ ބާލިންގައި ކުޅެން ހަމަޖެހިފައިވާ ފައިނަލް މެޗަށް ދިއުމަށްކަމަށް ވެސް އޭނާ ބުންޏެވެ.

މިއީ 1995 ވަނަ އަހަރުގެފަހުން ޖަރުމަން ކަޕްގެ ފައިނަލަށްވޮލްފްސްބާގް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެއަހަރު އެޓީމް ފައިނަލްގައި ކުޅުނު އިރު އެޓީމް ބަލިވީ މޮންޗެންގްލެބާޗް އަތުންނެވެ.

ވޮލްފްސްބާގާ އާމީނިއާ ބީލަފޭލްޑް ބައްދަލުކުރި މެޗްގެ ތެރެއިން --- ފޮޓޯ/އޭޕީ

ޑޯޓަމަންޑް ފައިނަލަށް ދިޔައީ އަނގާރަ ދުވަހުގެރޭ ބަޔާން މިޔުނިކް ޕެނަލްޓިއިން ބަލި ކުރުމަށްފަހުގައެވެ.

ޑޯޓަމަންޑާ ވޮލްފްސާބާގް ބައްދަލު ކުރާ ފައިނަލް މެޗް އޮންނާނީ މެއި މަހުގެ 30 ވަނަ ދުވަހުއެވެ.

comment ކޮމެންޓް