ވަރުގަދަ ބަޔާން މިއުނިކް ފަސް ގޯލުގެ ތަފާތުން ބަލިވެއްޖެ

ބަޔާން މިއުނިކާއި، ބްރޮޝިއާ މޮންޗެންގްލަޑްބަކް ބައްދަލު ކުރި މެޗުގެ ތެރެއިން ---

ޖަރުމަނު ލީގު ކަޕުގެ ދެވަނަ ބުރުގައި ރޭ ބުރޯޝިއާ މޮންޗެންގްލަޑްބަކު އަތުން ބޮޑު ތަފާތަކުން ބަޔާން މިއުނިކު ބަލިވެއްޖެއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު މެޗުން ބަޔާން ބަލިވީ 0-5ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ 1978 އަށްފަހު ބަޔާން މިހާ ބޮޑު ފަރަގަކުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި އެހެންމެ މިއީ ޖަރުމަނު ލީގު ކަޕުގައި އެ ޓީމުން މިހާތަނަށް އެންމެ ބޮޑު ތަފާތަކުން ބަލިވި ފަހަރެވެ.

މީގެ 43 އަހަރު ކުރިން ބަޔާން އެފަހަރު ފޯޓޫނާ ޑުސެލްޑޯފް އަތުން ބަލިވީ 7-1 އިންނެވެ. އަދި 1976 ގައި އެ ޓީމު ވަނީ ޝަލްކޭ އަތުން 0-7 އިން ލީގުގައި ބަލިވެފައެވެ.

ރޭގެ މެޗު ފަށައިގެން ދެވަނަ މިނަޓުގައި ބުރޯޝިއާ މޮންޗެންގަލްޑްބަކުން ވަނީ ލީޑު ނަގައިފައެވެ. ކުއާޑިއޯ ކޯންގެ ގޯލުން އެ ޓީމު ނެގި ލީޑު 15 ވަނަ މިނަޓުގައި ފުޅާކޮށްދިނީ ރަމީ ބެންސަބައިނީއެވެ. އޭނާ ވަނީ 21 ވަނަ މިނަޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ފުރަތަމަ ހާފުގައި މޮންޗެންގްލަޑްބަކުގެ ލީޑު ތިން ގޯލަށް އިތުރު ކޮށްދީފައެވެ.

ދެވަނަ ހާފުގައި މޮންޗެންގްލަޑްބަކުން ޖެހި ދެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރީލް އެމްބޯލޯއެވެ.

ރޭގެ ބައްޔަކީ އެ ޓީމުގެ ކޯޗަކަށް ހުރި ޖޫލިއަން ނެގްލަސްމަން އެ ޓީމާ ހަވާލުވިފަހުން ބަލިވި ދެވަނަ މެޗެވެ. އެހެން ނަމަވެސް ރޭގެ މެޗުގައި އޭނާ ޓީމާއެކު ހަރަކާތްތެރިވެފައެއް ނުވެއެވެ. އޭނާ މިވަގުތު ހުރީ ކޮވިޑަށް ޕޮޒިޓިވްވެ، ކަރަންޓީނުގައެވެ.

މީގެ އިތުރުން ރޭގެ މެޗާއެކު އެ ޓީމުން ދަމަހައްޓަމުން އައި ލަނޑު ޖެހުމުގެ ސިލްސިލާއަށް ވަނީ ނިމުން އައިސްފައެވެ. ރޭގެ މެޗުގެ ކުރިން 85 މެޗުގައި އެ ޓީމުން އައީ ކޮންމެ މެޗެއްގައި ލަނޑު ޖަހަމުންނެވެ.

ބަޔާން އަކީ ޖަރުމަނުގެ ލީގު ކަޕު އެންމެ ގިނަ ފަހަރަށް ކާމިޔާބު ކުރި ޓީމެވެ. އެ ޓީމުން ވަނީ މިހާތަނަށް 20 ފަހަރަކު އެ މުބާރާތް ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް