ވަރުގަދަ ބަޔާން ބަލިކޮށް، ފްރެންކްފަޓް އިން ޖަރުމަން ކަޕް ކާމިޔާބުކޮށްފި

ބަޔާން ބަލިކޮށް، ޖަރުމަން ކަޕް ކާމިޔާބުކުރި އެއިންޓްރެކްޓް ފްރެންކްފަޓް --- ފޮޓޯ/ އޭޕީ

ޖަރުމަންގެ ވަރުގަދަ ކްލަބު ބަޔާން މިއުނިކް ބަލިކޮށް، އެއިންޓްރެކްޓް ފްރެންކްފަޓް އިން ޖަރުމަން ކަޕް ކާމިޔާބުކޮށްފިއެވެ.

އޮލިމްޕިއާސްޓޭޑިއޯން ބާލިންގައި ރޭ ކުޅުނު ޖަރުމަން ކަޕްގެ ފައިނަލުގައި ބަޔާން އަތުން ފްރެންކްފަޓް މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ލަނޑުޖަހައި ފްރެންކްފަޓް އިން ލީޑު ހޯދީ މެޗުގެ 11 ވަނަ މިނެޓުގައެވެ. ބަޔާންގެ ހަމޭސް ރޮޑްރިގޭޒަށް ހެދުނު ގޯހަކުން ކެވިން ޕްރިންސް ބޯޓެންގް ދިން ބޯޅައަކުން ފްރެންކްފަޓްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަންޓޭ ރެބިޗްއެވެ. ފްރެންކްފަޓް އިން އެ ލަނޑު ޖެހުމުގެ ކުރިން ބަޔާންގެ ރޮބާޓް ލެވަންޑޯސްކީގެ ނުރައްކާތެރި ހިލޭ ޖެހުމެއް ފެނިގެންދިޔައެވެ. އޭނާ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ފްރެންކްފަޓް ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ތޯމަސް މުލާއަށް ލިބުނު ދެ ފުރުސަތަކާއި ޖޯޝުއާ ކިމިޗްއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ފްރެންކްފަޓް ކުރީގައި އޮވެގެންނެވެ.

މެޗުގެ 53 ވަނަ މިނެޓުގައި ބަޔާނުން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ކިމިޗް ދިން ބޯޅައަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ލެވަންޑޯސްކީއެވެ. އެއީ މިސީޒަންގެ ޖަރުމަން ކަޕްގައި ލެވަންޑޯސްކީ ޖެހި ހަ ވަނަ ލަނޑެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑުޖަހާނެ ފުރުސަތުތަކެއް ބަޔާނުން ތަނަވަސްކުރި ނަމަވެސް، މެޗު ނިމެން އަށް މިނެޓަށް ވެފައިވަނިކޮށް ފްރެކްފަޓް އިން ވަނީ ދެ ލަނޑު ޖަހައިފައެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ޑެނީ ޑަ ކޮސްޓާ ދިން ބޯޅައަކުން ފްރެންކްފަޓްއަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ރެބިޗްއެވެ. އަދި މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޖެޓްރޯ ވިލިއަމްސް ދިން ބޯޅައަކުން ފްރެންކްފަޓްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މިހާޓް ގަޗިނޮވިޗްއެވެ.

comment ކޮމެންޓް