ފުރުގާން މިސްކިތުގެ ފެން އިސްކުރުތަކަށް މައްސަލަ ޖެހި އެކަމުގެ ސަބަބުން ވަރަށް ގިނައިން ފެން އިސްރާފުވާ މައްސަލައެއް ފެންމަތިވެފައިވާ އިރު އަދިވެސް ހައްލެއް ނުވެ އެވެ.
އެ މިސްކިތަށް ނަމާދަށްދާ ގިނަ މީހުންގެ ވާހަކަތަކުން އެނގޭ ގޮތުގައި އަދި ފެންނަ ފެނުމަށް އެމިސްކިތުގެ ދެތިން އިސްކުރުއަކުން ބޭކާރު ގޮތުގައި ފެން ފައިބާތަން ނުފެންނަ ވަގުތެއް ނުދެ އެވެ. ވުޟޫ ކުރަން ދޫކުރާ އެފެން އިސްކޫރުތަކުން ފެން ބަންދު ކުރުމަކީ ވަރަށް ދަތި ކަމެކެވެ. އެހެންކަމުން ދުވާލެއްގެ މައްޗަށް އެތައް ފެނެއް އިސްރާފުވެ އެވެ.
"ވުޟޫ ކުރަން ވަންނަ އިރު ދެތިން އިސްކުރަކުން ފެން ނުފައިބާ ހުންނަ ތަނެއް ނުފެނޭ. ވުޟޫކުރަން ފެންދޫކުރާ އެއިސްކުރުތަކުން ފެން ބަންދު ކުރެވޭނީ ވަރަށް ހާލުން. އެހެންވެ މީހުން ވުޟޫކޮށް ނިމިގެން ގޮސް ނަމާދުކޮށްގެން އަންނައިރު ވެސް އިސްކުރުން ފެން ފޭބުން ނުހުއްޓޭ،" އާންމުކޮށް ފުރުގާން މިސްކިތަށް ނަމާދަށް ދާ މީހަކު ބުންޏެވެ.
އެގޮތަށް ދިމާވެފައި ވަނީ އެމިސްކިތުގައި ކުރިން ބޭނުން ކުރަމުން އައި އަނބުރާ އިސްކޫރުތަކުގެ ބަދަލުގައި މީގެ ދެ މަސް ދުވަސް ކުރިން ފެށިގެން ފިއްތާލުމުން ފެން އަންނަ ކަހަލަ އިސްކުރުތަކަކަށް ބަދަލުކުރި ފަހުންނެވެ.
އެމިސްކިތުގެ ދެ ފްލޯއެއްގައި ސާފު ފެން ދޫކުރާ 77 އިސްކޫރު ހުރި އިރު ހުރިހާ އިސްކޫރެއްގެ ހާލަކީ ވެސް އެއީ އެވެ. ދެން ހަރުކޮށްފައި ހުރި 77 އިސްކޫރުން ފެނެއް ނުލިބެ އެވެ. އެއިސްކޫރުތަކަކީ ބިމުން ނަގާ ފެން ގުޅުމަށް ހަމަޖައްސާފައި ހުރި އިސްކުރުތަކެވެ.
އެކަމާ ގުޅޭ ގޮތުން އެމިސްކިތް ފޮޅާސާފު ކުރާ ފަރާތްތަކުން ބުނީ ކުރިން ހުރި، އަނބުރާ އިސްކުރޫތަކުގެ ބަދަލުގައި ފިއްތާ އިސްކުރަށް ބަދަލުކުރީ އެއީ އުސޫލުގައި އޮންނަ ގޮތް ކަމަށް ވުމުން ކަމަށެވެ. ފަހުން ބަދަލުކުރި އިސްކޫރުތައް ކަމު ނުދިއުމުން އެކަން އިސްލާހުކޮށް ރަނގަޅު ކޮށްދިނުމަށް އެތައް ފަހަރެއްގެ މަތިން އެދިފައިވާނެ ކަމަށް އެބިދޭސީ މީހާ ބުންޏެވެ.
އެކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީ އަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދޭތީ އެފަރާތުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.