ނަޝީދާއި ތޮލްހަތު އަދި ނާޒިމް އުޅުއްވަނީ އެޕާޓްމަންޓެއްގައި: މިނިސްޓަރު އުމަރު

ތޮލްހަތު، ނާޒިމް އަދި ރައީސް ނަޝީދު: ތިން ބޭފުޅުން ތިއްބަވަނީ އެއް އެޕާޓްމަންޓެއްގައި-- ސަން ފައިލް ފޮޓޯ

ޓްރަރިޒަމްގެ ކުށް ސާބިތުވެ، ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ އިތުރުން ދައުލަތުގެ ފައިސާ އިން މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ ޖަލަށްލާފައިވާ އަހުމަދު ނާޒިމް އައްސޭރި ޖަލުގައި ތިއްބަވަނީ އެއް އެޕާޓްމަންޓެއްގައި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ އެ ބޭފުޅުން ތިއްބަވާ އެޕާޓްމަންޓުގައި ސިޓިން ރޫމަކާއި ބަދިގެއަކާއި ވަރަށް ބޮޑު ހުސްތަނެއް ވެސް ހުންނާނެ ކަމަށެވެ. ހިނގާބިނގާވެ އުޅެވޭ ވަރުގެ ހުސް ޖާގައަކާ އެކު ޖޯލިފަތި ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއް ރޫމުގެ އެޕާޓްމެންޓެއްގައި ތިން މީހުން ދިރިއުޅުއްވާއިރު، އެ އެޕާޓްމެންޓްގެ ކޮޓަރިކޮޅުގެ ބޮޑުމިނުގައި 20-30 ފޫޓް ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ނަޝީދު އާއި ނާޒިމް ގެ އިތުރުން ތޮލްހަތު ޖަލުގެ ގޮޅިއެއްގައި ބަންދުކޮށްގެން ގެންގުޅޭކަމަށް ބުނާ ވާހަކަ އުމަރު ވަނީ ދޮގުކުރައްވާފަ އެވެ.

"ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ކޮންމެ އިސްވެރިޔަކަށް މިއަދުގެ ސަރުކާރުން އަމަލު ކުރާނީ އިހްތިރާމާ އެކު،" މިނިސްޓަރު އުމަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގާނޫނީގޮތުން ހުކުމް ތަންފީޒު ކުރާ މީހުން ބެލުމުގެ ކަންތަށް ކުރިއަށް ގެންދާނީ ކަރެކްޝަނަލް ސާވިސްއިން ކަމަށް ވާތީ ފުލުހުންގެ ބެލުމުގެ ދަށުން ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ނަޝީދު ބަދަލުކުރީ ކަމަށެވެ. އަދި މީގެ ކުރިން ކުޑަ ދުވަސްކޮޅެއް ވަންދެން ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ނަޝީދު ބެހެއްޓެވީ އުމަރުގެ އެދުމުގެ މަތިން ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.

ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ރައީސް ނަޝީދު 13 އަހަރަށް، ތޮލްހަތު 10 އަހަރަށް އަދި ހިޔާނާތުގެ ދައުވާ ސާބިތުވެ ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް 25 އަހަރަށް ޖަލަށްލާން ހުކުމް ކުރީ މިއަހަރު އެވެ.
comment ކޮމެންޓް