ޓީސީން ވެލެންސިއާ ސިއްސުވާލައިފި

ރަފީނިއާ ޓީސީއަށް މިއަދު ކާމިޔާބު ކޮށްދިން ލަނޑާއެކު އެ ޓީމް އުފާ ފާޅު ކުރަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އުރީދޫ ދިވެހި ޕްރިމިއަ ލީގުގައި، ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު ފުރަތަމަ މެޗުގައި، ކްލަބް ވެލެންސިއާ އަތުން 2-0 އިން މޮޅުވެއްޖެއެވެ.

މުޅިން އަލަށް ފުރަތަމަ ޑިވިޝަންފައި ވާދަކުރާ ޓީސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ 15 މިނެޓުގައި ދެ ޓީމްގެ ފަރާތުންވެސް ފެނިގެން ގޮސަފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެ ޓީމުންކުރެ އެއް ޓީމަށްވެސް ވަނީ ލަނދު ޖަހާނެ މާ ރަނގަޅު ފުރުސަތެއް ތަނަވަސް ކުރެވޭ ގޮތް ނުވެފައެވެ. ނަމަވެސް ޓީސީ ވަނީ ކުޅުން ރަނގަޅުކޮށް، ކުރިއަށް ޖެހިލައި ވެލެންސިޔާގެ ޑިފެންސަށް ޕްރެޝަރު ކޮށްފައެވެ.

މިއަދު ޓީސީ ސްޕޯޓްސް އާއި ކްލަބް ވެެލންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ 20 ވަނަ މިނެޓުގައި ޓީސީއަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމްގެ ޔާމީން އިބްރާހިމް ލަނޑެއް ކާމިޔާބު ކުރިނަމަވެސް، އޭނާއަށް ހުރެވުނީ އޮފްސައިޑުގައެވެ. ޓީސީ މެޗުގެ ލީޑު ނެގީ އޭގެ މިނެޓެއް ފަހުންނެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ވެލެންސިޔާ އޭރިއާ ތެރޭ ހުސްކޮށް ހުރި ޓީސީގެ އަލީ ނާފިއު (ކަޅޭ)އަށް ލިބުނު ޕާސް އޭނާ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ޓީސީގެ ލަނޑަށް ފަހު ވެލެންސިޔާ ވެސް ކުޅުން ރަނގަޅު ކުރިއެވެ. އެގޮތުން ފުރަތަމަ ހާފްގައި އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން އަހުމަދު ވިޝާމް ނަގައިދިން ހުރަސް ވެލެންސިޔާ ކެޕްޓަން ހަނީފް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލި ނަމަވެސް، އެ ހަމަލާ ފޮނުވާލުމުގައި އޭނާ ޓީސީގެ ރަފީނިއާއަށް ފައުލްކޮށްފައި ވުމުން، ރެފްރީ ނިންމީ އެއީ ލަނޑެއް ނޫން ކަމަށެވެ.

މިއަދު ޓީސީ ސްޕޯޓްސް އާއި ކްލަބް ވެެލންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅު މެޗު ކޮންޓްރޯލް ކޮށްފައި ވަނީ ޓީސީ އެވެ. އެގޮތުން އެ ޓީމް ވެލެންސިޔާގެ ޑިފެންސަށް ކުރަމުން ދިޔަ ޕްރެޝަރުގެ ސަބަބުން، ވެލެންސިޔާއަށް ވަނީ އަމިއްލަ ހާފް ތެރެއިން ނިކުމެ ރަނގަޅު ހަމަލާއެއް އުފައްދަން ދަތިވެފައެވެ.

މެޗުގެ ދެވަނަ ހާފްވެސް ރަނގަޅު ފޯމެއްގައި ފެށީ ޓީސީ އެވެ. ހާފް ފެށިތާ އަށް މިނެޓުތެރޭ އެ ޓީމްގެ ބްރެޒިލް ފޯވާޑް ރަފައެލް ރަފީނިއާ ވެލެންސީއާގެ ގޯލަށް ޕެނަލްޓީ އޭރިއާ ބޭރުން ބާރު ޝޮޓެއް ފޮނުވާލިއިރު، އެ ޝޮޓު ދިފާއު ކުރީ ވެލެންސިޔާ ކީޕަރު އާތިފު އަހުމަދު އެވެ.

އެ ހާފްގައި ވެލެންސިޔާއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި، އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ނެގި ބޯޅަ ޓީސީ ޕެނަލްޓީ އޭރިއާތެރޭ ހުސްކޮށް ހުރި އަހުމަދު ރިލްވާން (ރިލޭ)އަށް ލިބުނު ނަމަވެސް، އޭނާއަށް އެ ވަގުތު ހުރެވުނީ އޮފަސައިޑުގައެވެ. އެ ހަމަލާއަށްފަހު ކުރިއަށް ޖެހިލައިގެން ވެލެންސިޔާ ޓީސީގެ ޑިފެންސަށް ޕްރެޝަރު ކުރިނަމަވެސް އެ ޓީމަށް ވަނީ ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތެއް ތަނަވަސް ކުރެވޭގޮތް ނުވެފައެވެ.

މިއަދު ޓީސީ ސްޕޯޓްސް އާއި ކްލަބް ވެެލންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގައި ޓީސީގެ ދެވަނަ ލަނޑު ފެނިގެން ދިޔައީ 74 ވަނަ މިނެޓުގައެވެ. ވެލެންސިޔާ ޕެނަލްޓީ އޭރިއާ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން އެ ޓީމްގެ ކެޕްޓަން އަހުމަދު ޔާމީން (ޔާންބެ) ނަގައިދިން ބޯޅައަކުން އެ ލަނޑު ޓީސީއަށް ކާމިޔާބު ކޮށްދިނީ މި ސީޒަންގެ ކުރީކޮޅު ނިއުރޭޑިއެންޓަށް ކުޅުނު ރަފީނިއާ އެވެ.

މެޗުގެ ފަހު ވަގުތުކޮޅު މެޗު ކޮންޓްރޯލް ކުރަމުން ދިޔައީ ޓީސީ އެވެ. އަދި އެ ޓީމް ވެލެންސިޔާގެ ޑިފެންސަށް ޕްރެޝަރުކުރިއެވެ. ނަމަވެސް އެ ޓީމަށް ވަނީ އިތުރަށް ލީޑު ފުޅާ ކޮށްލެވޭ ގޮތް ނުވެފައެވެ.

comment ކޮމެންޓް