ދިއްގަރު ދާއިރާގެ އެމްޑީޕީގެ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ.

ދިއްގަރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާން ބޭނުންފުޅުވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލައި އެމްޑީޕީން މިއަދު ކޮށްފއިވާ އިއުލާނުގައި ބުނެފައި ވަނީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު އެކަމަށް އެދޭ ފޯމް ފުރިހަމަކޮށް އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަށް ހުށަހެޅުއްވުމަށެވެ.

ދިއްގަރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ޝަރުތު ހަމަވާ، އެއް ބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވައިފިނަމަ، ދިއްގަރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައަޅާނީ އަންނަ ހޯމަ ދުވަހު ބާއްވާ ޕްރައިމަރީއަކުން ކަމަށް ވެސް އެމްޑީޕީގެ އިއުލާންގައިވެ އެވެ.

އެމްޑީޕީން ދިއްގަރު ދާއިރާގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލައި އިއުލާނުކޮށްފައިވާއިރު، ކުރިމަތިލާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަށް ހާމަކޮށްފަ އެއް ނުވެ އެވެ.

މީގެ ކުރިން އެމްޑީޕީ އަދި އަދާލަތާއި ޖުމްހޫރީ ޕާޓީ ގުޅިގެން އެއް ކެނޑިޑޭޓަކު ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ނެރުމުގެ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް