ދިހަ ކުޅުންތެރިންނާއެކު ކުޅުނު މަހިބަދޫގެ މައްޗަށް ބީޖީ ކުރި ހޯދައިފި

މިއަދުގެ މެޗުގައި ބީޖީ ކާމިޔާބު ކުރި ދެވަނަ ލަނޑާއެކު އެ ޓީމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ބޮޑުބައި 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ މަހިބަދޫ ސްޕޯޓްސް ކްލަބްގެ މައްޗަށް، ބީޖީ ސްޕޯޓްސް ކްލަބް 3-0 ގެ ނަތީޖާއަކުން ކުރި ހޯދައިފިއެވެ.

މެޗުގައި މަހިބަދޫއަށް އަދަދުގެ 'ޑިސްއެޑްވާންޓޭޖް' ކުރިމަތިވެފައި ވަނީ، މަހިބަދޫގެ ބިދޭސީ ކުޅުންތެރިޔާ ޖެކްސަން ސަނީ، މެޗުގެ 34 ވަނަ މިނެޓުގައި ބީޖީގެ އިބްރާހިމް ހަމްދާނަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

އޭގެ ކުރިން މެޗުގެ 15 ވަނަ މިނެޓުގައި ބީޖީ ވަނީ އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށް، މަހިބަދޫގެ މައްޗަށް އެއް ލަނޑުގެ ލީޑެއް ހޯދާފައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބީޖީގެ އިބްރާހިމް ޝިޔާމް މަހިބަދޫ ޕެނަލްޓީ އޭރިއާ ތެރެއިން ކުރިއަށް ފޮނުވާލި ބޯޅަ ހުރަސް ދަނޑީގައި ޖެހި ބޭރަށް ނިކުތުމުން، ރީބައުންޑްގެ ބޭނުން ހިފައި އެ ޓީމްގެ ފޯވާޑް ހަމްދާން އެވެ.

މިއަދު މަހިބަދޫ އާއި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ބީޖީގެ ދެވަނަ ލަނޑު އެ ޓީމަށް ކަމިޔާބު ކޮށްދިނީ ފުރިހަމަ ވަގުތު ހަމަވާން 10 މިނެޓަށް ވެފައި ވަނިކޮށް، ބީޖީގެ އަބްދުﷲ މުއާޒް (އޮޓޯ) ދިން ޕާހަކުން އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މަނުއެލް ޑޭވިޑް އެވެ. އަދި ބީޖީގެ ލީޑު ތިން ލަނޑަށް ފުޅާކޮށްލަދިނީ ފުރިހަމަ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގެ ތެރޭގައި އޮޓޯ އެވެ.

މެޗު ފެށިތާ ކުރީކޮޅު ދެ ޓީމްގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަނަމަވެސް، ލީޑު ލިބުމާއެކު ބީޖީ ވަނީ ކުރިއަށް ޖެހިލައި ރަނގަޅު ހަމަލާތަކެއް އުފައްދަން ފަށާފައެވެ. އެ ހާފްގައި ބީޖީއަށް ލީޑު ފުޅާ ކޮށްލަން ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި، 23 ވަނަ މިނެޓުގައި ޑޭވިޑް، މަހިބަދޫ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ދިން ޕާހުން ހަމްދާން އުފެއްދި ޝޮޓު ވަނީ މަހުބަދޫ ޑިފެންޑަރެއްގެ ގައިގައި ޖެހި ބްލޮކް ވެފައެވެ.

ފުރަތަމަ ހާފްގައި މަހިބަދޫއަށް ނަތީޖާ ހަމަހަމަ ކުރަން ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި، 39 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ނަގައިދިން ބޯޅަ އެ ޓީމްގެ ބިދޭސީ ފޯވާޑް ރޮޑްރިގޭ ޓާހީ ބޮލުން ކުރިއަށް ފޮނުވާލި ނަމަވެސް، އެ ބޯޅަ ދިޔައީ ބީޖީ ގޯލް އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މިއަދު މަހިބަދޫ އާއި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ ދެވަނަ ހާފް ރަނގަޅު ފޯމެއްގައި ފެށި މަހިބަދޫގެ އިއްޒަތު އަބްދުލް ބާރީ 52 ވަނަ މިނެޓުގައި ކުރިއަށް ފޮނުވާލި ޝޮޓެއް ވަނީ ބީޖީ ގޯލްގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ. ހާފްގެ މެދުތެރެއިން ބީޖީ ކުޅުން ރަނގަޅު ކޮށްފައި ވާއިރު، 74 ވަނަ މިނެޓުގައި ބީޖީގެ ބިދޭސީ ފޯވާޑް ޑޭވިޑަށް ވަނީ މަހިބަދޫ ޕެނަލްޓީ އޭރިއާ ތެރެއިން މުޅިން ހުސް ފުރުސަތެއް ލިބިފައެވެ. ނަމަވެސް އޭނާ ބޯޅަ ކުރިއަށް ފޮނުވާލުމުގެ ކުރިން މަހިބަދޫ ކީޕަރު ވަނީ އެ ބޯޅަ ހޯދާފައެވެ.

comment ކޮމެންޓް