ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ފަރާތްތަކުގެ ތެރެއިން އެއްބޭފުޅެއް ނަން އަނބުރާ ގެންދަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ އާރިފް މިރޭ "ސަން" އަށް ވިދާޅުވީ، ދިއްގަރު ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމަށް ނިންމާފައިވާ މ. އަތޮޅު ކައުންސިލަރު މޫސާ ނަސީރު އަހުމަދުގެ ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް ނަން އަނބުރާ ގެންދެވީ ކޮން ސަބަބަކާ ހެދި ކަމެއް އެނގި ނުލައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މޫސާ ނަސީރު އަހުމަދު ނަން އަބުރާ ގެންދެވުމުން ދިއްގަރު ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ދެން ވާދަކުރައްވާނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫންގެ ދަރިކަލުން މުހައްމަދު ފާރިސް މައުމޫނާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ނައިބުކަން ކުރައްވާ މުހައްމަދު ހާނިމާއި މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރުގެ އިތުރުން ދިއްގަރު ކައުންސިލްގެ ރައީސް އިމްރާން އިސްމާއީލެވެ.
މި ހަތަރު ބޭފުޅުންގެ މެދުގައި މިރޭ ވަނީ ކެންޑިޑޭޓު ނަންބަރު ވެސް ތަރުތީބު ކުރައްވާފައެވެ. އެގޮތުން ކެންޑިޑޭޓް ނަމްބަރު އެކަކަށް މޫސާ ނަސީރު ހޮވުނިއިރު ކެންޑިޑޭޓް ނަމްބަރު ދޭކަށް ހޮވުނީ ފާރިޝް މައުމޫނެވެ. އަދި ތިންވަނަ ކެންޑިޑޭޓަކަށް އިމްރާން އިސްމާއީލު ހޮވުނުއިރު ހަތަރުވަނަ ކެންޑިޑޭޓަކަށް ހޮވުނީ ހާނިމް އެވެ.
ޕީޕީއެމުން ބުނީ ދިއްގަރު ދާއިރާގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ ހުކުރު ދުވަހުގެ މެންދުރު 2:00 އިން ފެށިގެން 5:00 އަށް ކަމަށެވެ. އެގޮތުން ރަތްމަންދޫ ފިޔަވައި ދިއްގަރު ދާއިރާގެ ހަތަރު ރަށުގެ އިތުރުން މާލޭގައި ވެސް ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށް ޕީޕީއެމުން ބުންޏެވެ.