މާދަމާ ރޭ ފަށާ އުރީދޫ ދިވެހި ޕްރިމިއަ ލީގުގެ ފުރަތަމަ މެޗުގައި ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބް ނިކުންނަނީ އެ ޓީމުގެ އެންމެ ބޮޑު ވާދަވެރިޔާ ވިކްޓްރީއާ ދެކޮޅަށް ކަމަށާއި، އެ މެޗުގެ ޓާގެޓަކީ މޮޅުވުން ކަމަށް ނިއުގެ އޮފިޝަލް ހަސަން ހަމީދު (ޑަކޭ) ބުނެފިއެވެ.
މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޑަކޭ ބުނީ ނިއުއާ ވިކްޓަރީއާ ދެމެދު އޮންނަ ވާދަވެރިކަމަކީ ވަރަށް ދުވަސްވީ ވާދަވެރި ކަމެއް ކަމަށެވެ. އަދި އެ ޓީމާ ދެކޮޅަށް ލީގުގެ ފުރަތަމަ މެޗު ކުޅެން ޖެހޭއިރު، ނިއުގެ ޓާގެޓަކީ މެޗު ކާމިޔާބު ކުރުން ކަމަށް ޑަކޭ ބުންޏެވެ.
"ލީގުގެ ނަން ރީބްރޭންޑް ވިޔަސް ޓީމްތަކަކީ ހަމަ އެއް ޓީމްތަކެއް. ވިކްޓަރީ އާއި ނިއު އަކީ ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ބާރުގަދަ ކްލަބްތަކުގެ ތެރޭ ގުނާލެވޭ ދެ ކްލަބް. އަހަރުމެން އަދިވެސް ގަބޫލް ކުރަނީ ވިކްޓަރީއަކީ އަހަރުމެންގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށް،" ޑަކޭ ބުންޏެވެ. "ނިއު ނިކުންނާނީ މި މެޗު ކާމިޔާބު ކުރަން. މިހާރު ނިއުގެ އެންމެ ބޮޑު ޓާގެޓަކީ މި މެޗު ކާމިޔާބު ކުރުން."
ވިކްޓްރީއާ ހިލާފަށް ނިއު މި އަހަރު ވާދަވެރި ހަތް މެޗު ކުޅެފައި ވާއިރު، އެ ޓީމަށް ވަނީ އަދި މިހާތަނަށް މި އަހަރު އެންމެ އެދެވޭ ކާމިޔާބީތަކެއް ހޯދޭގޮތް ނުވެފައެވެ. އެގޮތުން ޕީޕަލްސް ކަޕްގައި ކުޅުނު ތިން މެޗުންވެސް އެ ޓީމް ބަލިވެފައި ވާއިރު، އޭއެފްސީ ކަޕްގެ ދެ މެޗުން ބަލިވެ، އެއް މެޗުން އެއްވަރު ވުމަށް ފަހު، ނިއުއަށް ކާމިޔާބު ކުރެވިފައި ވަނީ އޭއެފްސީ ކަޕްގެ އެންމެ މެޗެކެވެ.
"މިހާރު ނިއުގެ ބޭނުމަކީ ކުރިން ހެދިފަ ހުރި ގޯސްތައް ހަނދާން ނައްތާލައި، މި މެޗު ކާމިޔާބު ކުރުން. މި އަހަރު ނިއުގެ ތައްޔާރީތައް ވަނީ ތަންކޮޅެއް ކުރިން ފެށިފައި. އެހެން ކަމުން މި މެޗަށް ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެ. ޓީމުގައި އެއްވެސް އިންޖަރީއެއް ނޫޅޭ، ސެންޓޭ ވެސް މާދަމާ ރެއަށް ފިޓު،" ޑަކޭ ބުންޏެވެ.
އޭގެ އިތުރުން ޑަކޭ ވަނީ މާދަމާ ރޭގެ މެޗަކީ ނިއުއާއި ވިކްޓްރީގެ އިތުރުން، ހެންވޭރާއި ގަލޮޅުގެ މެދުގައި ކުޅެވޭ މެޗެއްކަން ފާހަގަކޮށް، ނިއު ނިސްބަތްވާ ހެންވޭރުގެ ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަދެ ޓީމަށް ސަޕޯޓު ކޮށްދިނުމަށް އެދިފައެވެ.
މާދަމާ ރޭގެ މެޗު ކާމިޔާބު ކުރުމަށް ނިއު އަމާޒު ހިފާފައި ވާއިރު، އެ ޓީމް މެޗާ ކުރިމަތި ލަނީ ހެޑް ކޯޗަކާ ނުލާއެވެ. މިދިޔަ މަހުގެ ކުރީކޮޅު ނިއުގެ ކޯޗުކަމާ ހަވާލުވި އާމިރު އަލަގިޗް މިދިޔަ ހަފްތާތެރޭ އެ މަގާމުން އިސްތިއުފާ ދިން އިރު، އެ ޓީމުގެ ތަމްރީނުތައް މިހާރު ކުރިއަށް ގެންދަނީ ނިއުގެ އެކެޑަމީ ކޯޗް ސޮބާހު މުހައްމަދު (ސޮބާ)ގެ އިރުޝާދުގެ ދަށުންނެވެ.
ޓީމްގެ ރަސްމީ ހެޑް ކޯޗެއް ނެތް ކަމުގައި ވިނަމަވެސް، ސޮބާގެ އިރުޝާދުގެ ދަށުން އޭއެފްސީ ކަޕްގައި ނިއު ކުޅުނު ދެ މެޗުގެ ތެރެއިން އެ ޓީމް ވަނީ އެއް މެޗު ކާމިޔާބު ކޮށް، އަނެއް މެޗުން އެއްވަރު ވެފައެވެ.