ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅަކު އިންތިހާބު ކުރެއްވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން އަންނަ ހުކުރު ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.
ޕީޕީއެމުން ބުނީ ދިއްގަރު ދާއިރާގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ ހުކުރު ދުވަހުގެ މެންދުރު 2:00 އިން ފެށިގެން 5:00 އަށް ކަމަށެވެ. އެގޮތުން ރަތްމަންދޫ ފިޔަވައި ދިއްގަރު ދާއިރާގެ ހަތަރު ރަށުގެ އިތުރުން މާލޭގައި ވެސް ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށް ޕީޕީއެމުން ބުންޏެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވަނީ، މ. އަތޮޅު ކައުންސިލްގެ މެންބަރު މޫސާ ނަސީރު އަހުމަދާއި އެ ކައުންސިލްގެ ރައީސް މޫސާ ނަސީރާއި ދިއްގަރު ކައުންސިލްގެ ރައީސް އިމްރާން އިސްމާއިލް އާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ނައިބުކަން ކުރައްވާ މުހައްމަދު ހާނިމްއާއި، ކުރީގެ ރައީސް މައުމޫނުގެ ދަރިކަލުން އަދި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާ ފާރިޝް މައުމޫނެވެ.
އެ ފަރާތްތަކުގެ މެދުގައި ކެނޑިޑޭޓް ނަމްބަރު ތަރުތީބު ކުރުމަށް ބާއްވާ ގުރުނެގުން މިރޭ 9:00ގައި ޕީޕީއެމްގެ އޮފީހުގައި ކުރިއަށް ދާނެ ކަމަށްވެސް ޕީޕީއެމުން ބުންޏެވެ. އަދި އިންތިހާބުގައި ވޯޓުލުމަށް ރީ ރެޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދުންފެށިގެން އަންގާރަ ދުވަހުގެ ހަވީރު 4:00 ހަމައަށް ހުޅުވައިލެވިފައި ވާނެކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި އަހުމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ އޭނާ އުމުރަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.