ކްލެމެންސީ ބޯޑުގެ ރިޔާސަތު ބެލެހެއްޓުމާ މެދު ގޮތެއް ނިންމައިފި

މާފުށި ޖަލުގައި އޮފިސަރުންތަކެއް ހަރަކާތްތެރި ވަނީ: ސަން ފައިލް ފޮޓޯ

ރައީސްއާ ނައިބު ނައީސް ނެތް ހާލަތެއްގައި މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ، ކްލެމެންސީ ބޯޑުގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ކަނޑައަޅައި އެބޯޑުގެ ގަވާއިދަށް ތިން ވަނަ އިސްލާހު ގެނެސްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓުކޮށްފައިވާ އިސްލާހުގައި ބުނެފައި ވަނީ ބޯޑުގެ ބައްދަލުވުމަކަށް ރައީސް ނުވަތަ ނައިބު ރައީސަށް ހާޒިރުނުވެވިއްޖެ ނަމަ ނުވަތަ ބޯޑުގެ ރިޔާސަތު ބެލެހެއްޓުމަށް ބޯޑުގެ ރައީސް ނުވަތަ ނައިބު ރައީސް އުޒުރުވެރިވާ ހާލަތްތަކުގައި އެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓާނީ އެ ދުވަހެއްގައި ބޯޑުގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަޣްލައްބިއްޔަތުން އައްޔަންކުރާ މެމްބަރެއް ކަމަށެވެ.

ކްލެމެންސީ ބޯޑަކީ މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ. އެ ބޯޑަށް މީހުން އައްޔަންކޮށް އަދި މީހުން ވަކި ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިލްތިމާސެއް ދިރާސާ ކުރުމުގައި، ސުވާލުކުރަންޖެހޭ ފަރާތެއް ސުވާލުކުރުމާއި ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރު ކުރުމުގެ އިހުތިޔާރު ކްލެމެންސީ ބޯޑަށް ލިބިގެންވެ އެވެ.

އެގާރަ މެމްބަރުންގެ މައްޗަށް އެކުލެވޭ ކްލެމެންސީ ބޯޑުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުރުން ދެން ތިއްބަވަނީ ގާނޫނީ ދާއިރާ އާއި އިޖުތިމާއީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ ބޭފުޅަކާއި ދީނީ އިލްމުގެ އިލްމުގެ ބޭފުޅަކާއި މަދަނީ ޖަމްއިއްޔާތަކުން އައްޔަން ކުރާ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ތެރެއިން ބޭފުޅަކާއި ޝަރުއީ ދާއިރާގެ ބޭފުޅެކެވެ.

comment ކޮމެންޓް