ރައީސް ނަޝީދާއި ކާނަލް ނާޒިމް މިނިވަންވެގެން ވަރަށް އަވަހަށް އަންނާނެ: އަލީ ވަހީދު

"އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން" މި ނަމުގައި އިދިކޮޅު ޕާޓީތަށް ގުޅިގެން ރޭ މާލޭ ސިޓީ ކައުންސިލް ގޯތިތެރޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަންފޮޓޯ -- ފަޔާޒު މޫސާ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް މިނިވަންވެގެން ވަރަށް އަވަހަށް އަންނާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

"އަނިޔާވެރިކަމާ ދެކޮޅަށް ދިވެހީން" މިނަމުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރައީސް ނަޝީދާއި ކާނަލް ނާޒިމްގެ އިތުރުން ހުރިހާ ސިޔާސީ ހައްޔަރީން މިނިވަންވެގެން ވަރަށް އަވަހަށް އަންނާނެ ކަމަށެވެ.

"ތިޔަ ބޭފުޅުންނާއެއްކޮށް ވަރަށް އަވަހަށް، ރައީސް ނަޝީދާއި ކާނަލް ނާޒިމް މިނިވަން ވެގެން އަންނާނެ، މި ހުރިހާ ސިޔާސީ ހައްޔަރީން މިނިވަން ވެގެން އަންނާނެ، ވަރަށް އަވަހަށް މިނިވަން ވެގެން އަންނާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

"އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން" މި ނަމުގައި އިދިކޮޅު ޕާޓީތަށް ގުޅިގެން ރޭ މާލޭ ސިޓީ ކައުންސިލް ގޯތިތެރޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަންފޮޓޯ -- ފަޔާޒު މޫސާ

އަލީ ވަހީދު ވިދާޅުވީ ސަރުކާރުން ރައޔްިތުންނާ ގުޅުން ހުރި ކަންކަން ރައްޔިތުންގެ މަޖިލީސް މެދެވެރިކޮށް ފާސްކުރަމުން އަންނައިރު، ސަރުކާރުގެ މަސްލަހަތު ހިމެނޭ ކަންކަން އަވަހަށް ނިންމަމުން ދާ ކަމީ ރައްޔިތުންނާ މެދު ސަރުކާރުން ނުވިސްނާ ކަމުގެ ހެއްކެއް ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންގެ ކަރަންޓު ބިލު ފެންބިލު، އާންމު އިޖުތިމާއީ ކަންކަންކަމާ ގުޅޭ ކަން ކަން، އާސަންދަ އަދި އެނޫންވެސް ރާއްޖޭގެ ރައްޔިތުންނާއި ގުޅުން ހުރި އެއްވެސް ގާނޫނުނެއް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތާއި އެކު ސަރުކާރަކަށް ފާހެއް ނުކުރެވުނު،" އަލީ ވަހީދު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި އަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމްގެ އިތުރުން އެމްޑީޕީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް