އެކި ހިސާބުތަކުގައި ކަނޑައިގެންގޮސްފައިވާ ކަނދުފަތިތައް ބަދަލުކޮށްފި

ކަނދުފައްޗެއް ބަދަލުކުރުމުގެ މަސައްކަތް ކުރަނީ: މިއަހަރު ޖުމްލަ 11 ކަނދުފައްޗެއް ފިޝަރީޒް މިނިސްޓްރީން ވަނީ ބަދަލުކޮށްފައި

ރާއްޖޭގެ މަސްކަނޑުތަކުގައި އޮއިވާލި ކަނދުފަތި ގާއިމްކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކަނޑައިގެން ގޮސްފައިވާ ހުރިހާ ކަނދުފައްޗެއް ހަރުކޮށް ނިމިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ރާއްޖޭގެ މަސްވެރިކަމާއި މަސްވެރިންގެ ފައިދާއާއި ލާބައަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ހިންގާ އޮއިވާލި ކަނދުފަތި ހަރުކުރުމުގެ މަޝްރޫގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކުން ކަނޑައިގެންގޮސްފައިވާ ކަމަށް މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވާ ހުރިހާ އޮއިވާލި ކަނދުފަތިތައް އަލުން އަޅާ ނިމިފައިވާ ކަމަށެވެ.

އެގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުން 11 ކަނދުފައްޗެއް އަލުން އަޅައިދީ ނިމިފައިވާ ކަމަށާއި އެ 11 ކަނދުފައްޗާ އެކު މިހާރު ރާއްޖޭގެ މަސްކަނޑުތަކުގައި މަސްވެރިކަން ކުރުމަށް 54 އޮއިވާލި ކަނދުފަތި އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކަނދުފަތިތައް އާކުރުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ރާއްޖޭގެ ބައެއް ހިސާބުތަކުގައި ހުރި ބައެއް ކަނދުފަތިތައް ހަލާކުވެފައި އަދި އަނެއްބައި ކަނދުފަތިތައް ބަދަލުކުރަން ޖެހިފައި ހުރުމުން މަސްވެރިކަމަށް އޭގެ ނުރަނގަޅު އަސަރު ކުރަމުންދާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ވަރަށްގިނަ ހިސާބުތަކެއްގެ ކަނދުފަތިތަށް ހަލާކުވެފައި ވާކަމަށެވެ. އަދި އެތަކެތި ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ވަގުތުން ފެށި ކަމަށާއި ނަމަވެސް ބޭނުންވާ ތަކެއްޗަށް އޯޑަރު ކޮށްގެން އެތަކެތި ލިބުން ލަސްވުމުން އެ މަސައްކަތަށް ކުޑަވަރެއްގެ މަޑުޖެހުމެއް ލިބުނު ކަމަށެވެ.

ކަނދުފަތިތައް ބަދަލުކޮށްފައިވާ އަތޮޅުތަކުގެ ތެރޭގައި މ. މަޑުއްވަރި އާއި ލ. މާބައިދޫ އާއި ގއ. ދާންދޫގެ އިތުރުން ގދ. ގައްދޫ ކައިރީގައި އަޅާފައިވާ ކަނދުފަތިތައް ހިމެނެ އެވެ. އަދި ސ. މަރަދޫ ކައިރީގައިވާ ކަނދުފައްޗާއި ވ. ކެޔޮދޫ ކައިރީގައި ހަރުކޮށްފައިވާ ކަނދުފަތީގެ އިތުރުން ވެސް އިތުރު ކަނދުފަތިތައް ހިމެނެ އެވެ.

comment ކޮމެންޓް