ކުނބުރުދޫ އާ މިސްކިތުގެ ބިންގާ އަޅައިފި

އިސްލާމިކް މިނިސްޓަރުގެ ނައިބު އަލީ ވަހީދާއި މަހިބަދޫ ދާއިރާގެ މެމްބަރު ތީރިގު ކުނބުރުދޫ މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވަނީ ---- ފޮޓޯ/ ޓްވިޓާ

އދ. ކުނބުރުދޫގައި އިމާރާތްކުރާ އާ މިސްކިތުގެ ބިންގާ އަޅައިފި އެވެ.

މިއަދު ހެނދުނު 10:45 ގައި ކުނބުރުދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރުގެ ނައިބު އަލްގާރީ އަލީ ވަހީދު އަބްދުއްރަހުމާނާއި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގެވެ.

ސަރުކާރުގެ ބަޖެޓުން 5.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުނބުރުދޫގައި އިމާރާތްކުރާ އެ މިސްކިތަކީ 304 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރުގެ ނައިބު އަލީ ވަހީދު ވިދާޅުވީ، އާބާދީ ކުޑަރަށެއް ކަމުގައި ވިޔަސް މިސްކިތްތައް ބިނާކުރުމުގައި ސަރުކާރުން އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ރޯދަމަހަށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމަކީ އިސްލާމިކް މިނިސްޓްރީން އިސްކަންދޭ ކަމެއް ކަމަށާއި އެހެންކަމުން އާބާތުރަ ފިލުވަންޖެހޭ މިސްކިތްތަކުގެ ތަފްސީލު މިނިސްޓްރީއަށް ފޮނުވުމަށް އަލީ ވަހީދު ވަނީ ކައުންސިލްތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.

އދ. ކުނބުރުދޫގައި އިމާރާތްކުރާ އާ މިސްކިތުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: މުޙައްމަދު ނާޒިލް

އެ ރަސްމިއްޔާތުގައި މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގު ދެއްކެވި ވާހަކަފުޅުގައި ކުނބުރުދޫގެ ރައްޔިތުން އެތަކެއް ދުވަސްވަންދެން އިންތިޒާރުކުރަމުން އައިކަމެއް ހަގީގަތަކަށް ހަދައިދީނީތީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ޝުކުރުއަދާކުރެއްވި އެވެ.

އާބާދީގައި 596 މީހުން ދިރިއުޅެމުން އަންނަ ކުނބުރުދޫ މިސްކިތް ބިނާކުރުމަށް ސްޕީޑު ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ 10 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގު މިރޭ ސަން އަށް ވިދާޅުވީ، އެ މިސްކިތުގެ އަމަލީ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށާއި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންގެ އިތުރުން ކުނބުރުދޫ ކައުންސިލްގެ މެމްބަރުންނާއި އެރަށު ސްކޫލްގެ އިސްވެރިންނާއި ސްކޫލް ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް