ކުނބުރުދޫއިން ގަދަ ދިހައަކަށް ދަރިވަރަކު އަލަށް، އީމާންއަށް ރަތްދޫލައިގެ މަރުހަބާއެއް!

އދ. ކުނބުރުދޫ ސްކޫލްގެ ތާރީޚުގައި ވެސް މުޅިން އަލަށް ގައުމީ ގަދަ ދިހައަކަށް އެރި ދަރިވަރު، ފާތިމަތު އީމާންއަށް އެ ރަށުގެ ރައްޔިތުން ނުކުމެ ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފިއެވެ.

އީމާން ހޯދައިފައިވަނީ ގަދަ ދިހައެއްގެ ތިންވަނައެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް އަހްމަދު ނިޔާޒް މިއަދު "ސަން"އަށް ވިދާޅުވީ ރަށުގެ ކައުންސިލާއި މުޅި ރައްޔިތުން ގުޅިގެން އޭނާއަށް މަރުހަބާ ކީ ކަމަށެވެ.

"މިއީ ސްކޫލްގެ ތާރީޚްގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ. ޓޮޕްޓެންއަށް ދުވަހަކު ވެސް ދަރިވަރަކު ނާރާ،" ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ ކޮންމެ ތަނެއްގައި ކިޔެވި ނަމަވެސް، ކުއްޖާގެ ޝައުގުވެރިކަން ހުރީކަމަށް ވިއްޔާ ނަތީޖާ ހޯދޭނެކަން އީމާން ސާބިތުކޮށްދީފައިވާ ކަމަށެވެ.

"މި ދަރިވަރަކީ އެންމެ ތުއްތުއިރުއްސުރެ ވެސް ކިޔެވުމަށް ޝައުގުވެރިކަން ހުންނަ ދަރިވަރެއް. އަޚުލާގީ އެއްވެސް މައްސަލައެއް އެއްވެސް އިރަކު އުޅުނު ކުއްޖެއް ނޫން،" އޭނާ ވިދާޅުވިއެވެ.

އިތުރަށް ނިޔާޒް ވިދާޅުވީ މި ކަމުން އެނގެނީ ރަނގަޅު ނަތީޖާއަކަށް އަޚްލާގަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ.

އީމާންގެ ބައްޕަ އިބްރާހިމް އާދަމް މިއަދު "ސަން"އަށް ބުނީ ދަރިފުޅުގެ މި ނަތީޖާއާމެދު ވަރަށް އުފާވާ ކަމަށެވެ. އަދި ދަރިފުޅު ސާބިތުކޮށްދިނީ ކުޑަ ސްކޫލެއް ވިޔަސް ކިޔަވައިފިނަމަ ރަނގަޅު ކާމިޔާބީއެއް ހޯދޭނެކަން ކަމަށް އޭނާ ބުންޏެވެ.

އީމާން އޭނާގެ އާއިލާއާއެކު --

އީމާން ބުނީ މި ނަތީޖާއާ މެދު އޭނާ ވަރަށް އުފާވި ކަމަށާއި ސްކޫލަށާއި ރަށަށް މި ފަދަ ފަޚްރެއް ހޯދައިދެވުނީމަ ވަރަށް އުފާވާ ކަމަށެވެ. އޭނާ ބުނީ މިއީ ވަރަށް ބުރަ މަސައްކަތުން ހޯދި ކާމިޔާބީއެއް ކަމަށެވެ.

"އޮންނާނީ އެ ކުއްޖަކު އަމިއްލައަށް އެ ކަމަށް ބޭނުންވެގެން މަސައްކަތްކުރުން. އަޅުގަނޑު ވަރަށް ބޭނުންވި ކަމެއް މިއީ،" އޭނާ ބުންޏެވެ.

"ރޭގަނޑު ބޮޑަށް ކިޔަވަނީ. ޕާސްޕޭޕަރު ވަރަށް ގިނައިން ހެދިން،"

އީމާން ބުނީ ކުރިއަށް އޮތްތަނުގައި އޭނާ ވާން ބޭނުންވަނީ ޓީޗަރަކަށް ކަމަށެވެ. އަދި ޓީޗަރަކަށްވެ ވީހާ ވެސް ގިނަ ކުދިންނަށް ރަނގަޅު ނަތީޖާއެއް ހޯދައިދިނުމަކީ އޭނާގެ އުންމީދެއް ކަމަށް ބުންޏެވެ.

އީމާން އާއި އޭނާގެ އާއިލާގެ ޝަރަފުގައި ރަށު ސްކޫލްގެ ބެލެނިވެރިންނާއި، ސްކޫލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓި އަދި ކައުންސިލް ގުޅިގެން ރޭގަނޑުގެ ކެއުމެއް ވެސް ވަނީ ބާއްވައިފައެވެ.

އީމާންގެ މި ނަތީޖާއަކީ 600އެއްހާ މީހުން އުޅޭ ކުނބުރުދުއަށް ފަޚްރުވެރި ނަތީޖާއެކެވެ. މުޅި ރަށް އޭނާއަށް ޓަކައި އޮތީ އުފަލުންނެވެ.

comment ކޮމެންޓް