އިންތިޒާރުގައި ހަތަރުމަސް، ނަބީލަށް ބޭނުންވަނީ ކިޑްނީއެއް!

ނަބީލް ހޮސްޕިޓަލުގައި. ފޮޓޯ: އާއިލާ

އުމުރުން 41 އަހަރުގެ ނަބީލް ހުސައިން ޔޫސުފް އަކީ ޓުއަރ ގައިޑެއްގެ ގޮތުގައި ވަރަށް ހަރަކާތްތެރިކޮށް އުޅެމުން އައި މީހެކެވެ. އަނިބި މީހާއާއި ދެކުދިން ބެލެހެއްޓުމުގެ ޒިންމާ އުފުލަމުން އައި ނަބީލް ދިރިއުޅުމަށް ކުރަމުން އައި މަސައްކަތް މިހާރު ވަނީ ހުއްޓިފައެވެ. އެއީ އޭނާގެ ކިޑްނީ ފެއިލްވެ، ކޮންމެ ދުވަހަކީ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރަން ޖެހޭ ދުވަހަކަށް ބަދަލުވުމުންނެވެ.

ހަފުތާއަކު ތިން ދުވަހު ޑަޔަލިސިސް ހަދަން ޖެހުމާއި އޭގެ އިތުރު އެތައް ފަރުވާއެއް ހޯދަން ޖެހޭތީ ނަބީލްގެ ދުވަސްތައް ހޭދަކުރަން ޖެހިފައި ވަނީ ހޮސްޕިޓަލުގައެވެ. ހޮސްޕިޓަލުގައި ހޭދަ ނުކުރާ ދުވަކީ ވެސް އޭނާ ބަލިވެ އުޅޭ ދުވަހެކެވެ. އާއިލާގެ ފަރާތުން ވާހަކަ ދެއްކި އިގުބާލް އިސްމާއީލް ބުނީ ޑަޔަލިސިސް ހެދުމުން ވެސް ވަރަށް ބޮޑު ވޭން ތަހައްމަލް ކުރަން ނަބީލަށް ޖެހޭ ކަމަށެވެ.

"... ޑަޔަލިސިސް ހެދުމަކީ ވެސް އޭގެ ޒާތުގައި ވަރަށް އުނދަގޫވާ ކަމެއް. ޑަޔަލިސިސް ހެދީމަ ހޮޑުލެވުމާއި ބޮލަށް އެނބުރުން އެރުން ކަހަލަ ކަންތައްތައް ދިމާވޭ. ޑަޔަލިސިސް ހެދީމާ ބައެއް ފަހަރު އެއް ދުވަސް ވަންދެން ނުތެދުވެ އޮންނަން ޖެހޭ،" އިގުބާލް ބުންޏެވެ.

އެކަމަށް ދާއިމީ ހައްލެއް ލިބެން އޮތީ އޭނާގެ އެއް ކިޑްނީ ނަމަވެސް ބަދަލު ކުރެވިގެންނެވެ. އެކަމަށް ކުރަން ޖެހޭ ހަރަދުތައް ދައުލަތުގެ ހެލްތު އިންސްއަރެންސްގެ ނިޒާމު " އާސަންދަ" އިން ވަނީ ހަމަޖެހިފައެވެ.

އިންޑިއާގެ ބެންގަލޫރުގައި ނަބީލް ފަރުވާ ހޯދަމުން އަންނަތާ ހަތަރު މަސް ދުވަސް މިހާރު ވެއްޖެއެވެ. މައްސަލަ ކުރިމަތިވީ ފަހުން މިވީ އެއް އަހަރު ދުވަހުގެ ތެރެއިން ފާއިތުވި ހަތަރު މަސް ދުވަހަކީ ކިޑްނީއެއް ހަދިޔާ ކުރާނެ މީހެއްގެ އިންތިޒާރުގައި އޭނާ ހޭދަ ކުރި ދުވަސްތަކެކެވެ.

ކިޑްނީއެއް ގަނެގެން ޓްރާންސްޕްލާންޓް ކުރުމަކީ އިންޑިއާގައި ވެސް ވަރަށް ބޮޑު މަނާ ކަމެކެވެ. އެއީ އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކުށެކެވެ. އެހެންވީމާ ނަބީލަށް ކިޑްނީއެއް ލިބެން އޮތް ހަމަ އެކަނި ގޮތަކީ ހެޔޮ އެދޭ ފަރާތަކުން ކިޑްނީއެއް ހަދިޔާ ކުރުމެވެ.

އޭނާއަށް ބޭނުންވަނީ އޯޕޮޒިޓިވް ލޭ ހުންނަ މީހެއްގެ ކިޑްނީއެކެވެ. ލޭގެ ގްރޫޕް ދިމާ ވިޔަސް އެއީ ޓްރާންސްޕްލާންޓް ކުރެވޭނެ ކިޑްނީއެއް ކަން ކަނޑައަޅާނީ ޑޮކްޓަރުން ބަލަން ޖެހޭ ވަރަށް ގިނަ ކަންތައްތައް ބެލުމަށް ފަހުގައެވެ. ކިޑްނީ ދޭން އެއްބަސްވާ ދިވެއްސަކާ ނަބީލްގެ އާއިލާއިން ވަނީ ކުރިން ވާހަކަ ދައްކާފައެވެ. ނަމަވެސް އެފަހަރު ދިމާވި މީހާ ހުށަހެޅީ އެއާއިލާއަށް ދެވޭނެ ވަރަށް ވުރެ ބޮޑު އަގެކެވެ. އެއީ ހަތް ލައްކަ ރުފިޔާއެވެ.

ނަބީލް ބަލި އެނދުގައި އޮންނަން ޖެހުނު ދުވަހުން ފެށިގެން އޭނާގެ އަނބި ދަރިން ވެސް ބަލަހައްޓަމުން އަންނަ އޭނާގެ ބައްޕަގެ ކިބައިގައި އެކަން ކުރެވޭ ވަރުގެ ހަރަދަކަށް މިވަގުތަކު ނުވެއެވެ. އަދި ހަދިޔާއެއްގެ ގޮތުގައި ދިނަސް، އެއީ ވިއްކުން ކަމަށް ބެލެވޭ ވަރުގެ އަގެކެވެ. އެހެންވީމާ އެފަދަ ގޮތަކަށް ކިޑްނީއެއް ހޯދައިފި ނަމަ، ޓްރާންސްޕްލާންޓް ކުރުމާއި އޭގެ ފަހުން ކުރަން ޖެހޭ ފަރުވާއަށް އާސަންދައިން ހަރަދެއް ނުކޮށްދޭނެއެވެ.

"... އަޅުގަނޑުމެންނަށް ބޭނުންވަނީ ހަމަ ހެޔޮހިތުން ކިޑްނީއެއް ހަދިޔާ ކުރާނެ ފަރާތެއް. ކިޑްނީއެއް ގަނެގެން ޓްރާންޕްލާންޓް ކުރުމަކީ ގާނޫނީ ގޮތުން ވެސް، އަދި މާލީ ގޮތުން ވެސް އަޅުގަނޑުމެންނަށް ކުރެވޭ ވަރުގެ ކަމެއް ނޫން،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި އިގުބާލް ބުންޏެވެ.

ނަބީލަށް އެހީތެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ގުޅުއްވާނީ ރާއްޖޭން ނަމަ އިގުބާލް އިސްމާއީލް ފޯން: 7930611 އަށެވެ. އަދި އިންޑިއާއިން ނަމަ 00919035133923 އަށް ނުވަތަ 00919742918017 އަށެވެ.

comment ކޮމެންޓް