މިއަދުން ފެށިގެން ފިހާރަތަކާއި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގެ ކައުންޓަރުތަކުގައި ދިވެހިން ބޭތިއްބުމަށް އަންގާފައިވީނަމަވެސް އެފަދަ ތަންތަނުގައި އަދިވެސް ބިދޭސީއިން އެބަތިއްބެވެ.
ސަންއިން ބެލިބެލުމުން ގިނަ ފިހާރަތަކާއި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުގައި ކުރިން ބިދޭސީން ތިބިނަމަވެސް މިހާރު ތިބީ ދިވެހިންނެވެ. ނަމަވެސް ބައެއް ފިހާރަތަކާއި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގައި އަދިވެސް ބިދޭސީން ދަނީ އެފަދަ ވަޒީފާތަކުގައި ހަރަކާތްތެރިވަމުންނެވެ. ބިދޭސީން ގިނައިން ތިބޭތަން ފެންނަނީ އަދިވެސް ކަންމަތީ ފިހާރަތަކާއި ބައެއް ހޮޓާތަކުގައެވެ.
މީގެ ދެ ދުވަސް ކުރިން އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މިއަދުން ފެށިގެން ކޭޝިއަރުންގެ ގޮތުގައި ބިދޭސީން މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަމަށް ހަމަޖައްސާފައިވާއިރު، މިހާރު އެފަދަ ތަންތަނުގެ ތެރެއިން 74 ޕަސެންޓު މަސައްކަތް ކުރަމުން ދަނީ ދިވެހި ކޭޝިއަރުން ކަމަށެވެ.
އެކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް މިއަދު 'ސަން' އަށް ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީން އެފަދަ ތަންތަން ބަލައި ޗެކް ކުރާނެ ކަމަށާއި އެއަށްފަހު ގަވަިއދުގައިވާ ގޮތުގެ މަތިން އަމަލު ކުރާނެ ކަމަށެވެ. ނަމަވެސް ފިޔަވަޅު އަޅާނީ ފުރުސަތުތައް ދިނުމަށް ފަހު ކަމަށް ވިދާޅުވިއެވެ.
"ވިޔަފާރީގެ ކަމެއްވީމަ އަޅުގަނޑުމެން އިކޮނޮމިކް މިނިސްޓްރީން ގަވައިދުން ދެވެން ހުރި އެންމެ ބޮޑު ދޫތަކެއް ދިނުމަށްފަހުގައި އެމީހުންނަށް ދިވެހިންނަށް ރިޕްލޭސް ކުރުމަށް އަންގާނަން. އިކޮނޮމިކް މިނިސްޓްރީން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށްފަހު ނޫނީ އެއްވެސް ކަހަލަ ފިޔަވަޅެއް އަޅުގަނޑުމެން ނުވެއް އަޅާނަން،" އާދަމް ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީން، ކޭޝީއަރުންނަށް 96 ކުދިން ތަމްރީނު ކޮށްފައިވާއިރު ދިވެހި ކޭޝިއަރުން ނުލިބޭ ވިޔަފާރިތަކަށް މިނިސްޓްރީން ތަމްރީނުކުރި ކުދިން ހޯދައިދޭނެ ކަމަށްވެސް އާދަމް ވިދާޅުވި އެވެ.
ރާއްޖޭގެ ފިހާރަ، ސައިހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަނުގައި ކޭޝިއަރުންގެ ގޮތުގައި މަސައްކަތް ކުރާނެ ދިވެހިން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ހިންގައި ގިނަ ބަޔަކު މިނިސްޓްރީން ވަނީ ތަމްރީން ކޮށްފައެވެ. އަދި އެ ވަޒީފާތަކަށް ބިދޭސީން ގެނައުމަށް ދޫކުރަމުން އައި ކޯޓާތައް ވެސް ވަނީ ދޫކުރުން ހުއްޓާލާފައެވެ.