ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ގައުމީ ޖަލްސާ އޯގަސްޓު މަހު ބޭއްވުމަށް ނިންމައިފި އެވެ.
ސޯލްޓު ކެފޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑީއާރްޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ، އެ ޕާޓީގެ ގައުމީ ޖަލްސާ އޯގަސްޓު މަހުގެ 9 އިން ފެށިގެން 11 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، އެ މުއްދަތުގެ ތެރޭގައި އެ ޕާޓީގެ އާ ލީޑަރޝިޕް ވެސް އެކުލަވާލެވިގެން ދާނެ ކަމަށެވެ. އަދި މިއަދު ބޭއްވި ޑީއާރްޕީގެ ކައުންސިލް ބައްދަލުވުމުގައި ގައުމީ ޖަލްސާގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަންކަން ކުރުމަށް ނިންމާފައިވާ ކަމަށް ކާނަލް ވިދާޅުވި އެވެ.
ކާނަލް ވިދާޅުވީ، ގައުމީ ޖަލްސާ ބޭއްވުމުގެ ކުރިން ރާއްޖޭގެ އެކި ހިސާބުތަކުގައި ޑީއާރްޕީގެ ގޮފިތަށް އެކުލަވާލައި އެ ގޮފިތަކުގެ އިންތިހާބުތައް ބޭއްވުމަށް ވެސް މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
ޑީއާރްޕީގައި ގިނަ ދަރަނިތަކެއް ހުރިކަން ފާހަގަކޮށް ކާނަލް ވިދާޅުވީ، އެ ދަރަނިތައް އަދާކުރާނެ ގޮތުގެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
"މިވަގުތު އަޅުގަނޑުމެންގެ ޕާޓީގެ ދަރަނިތަކާ ގުޅިގެން ދަންނަވާލަން ބޭނުން އަޅުގަނޑުމެން ގަބޫލު ނުކުރާ ދަރަނިތަކެއް އެބަހުރި. އެދަރަނިތަކުގެ މަރުހަލާތަށް ހުރި ޝަރުއީ މަރުހަލާގައި. ކޯޓުތަކުގެ މަރުހަލާ ނިމުނީމަ އެ ދަރަނިތައް ހަލާސް ކުރެވޭނެ. އަދި ހާއްސަކޮށް ކޯޓުން ބޭރުގައި ގިނަ އަދަދެއްގެ ދަރަނިތަކެއް ވަނީ ހައްލު ކުރެވި، ޕާޓީގެ ދަރަނި ވަނީ މެނޭޖު ކުރެވިފައި. އިރާރަދަކުރެއްވިއްޔާ ރާއްޖޭގެ މިނިވަން ދުވަސް އައުމުގެ ކުރިން ޑީއާރްޕީގެ އެއްވެސް ދަރަންޏެއް ނޯންނާނެ،" ކާނަލް ވިދާޅުވި އެވެ.
ސިޔާސީ ގޮތުން ފުންނާބު އުސް ފަރާތްތަކުން ޑީއާރްޕީއާ ގުޅުމަށް ޝައުގުވެރިކަން ފާޅު ކުރައްވަމުން އަންނަ ކަމަށާއި އެގޮތުން ކުރީގެ ވަޒީރުކަން ކުރައްވާފައިވާ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ފަރާތްތައް ވެސް ހިމެނޭ ކަމަށް ކާނަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލިިސް ނިމުމުގެ ކުރިން ޑީއާރްޕީގެ މެމްބަރެއް ރައްޔިތުންގެ މަޖިލީހުން ފެނިގެން ދާނެ ކަމަށެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކާނަލް ވިދާޅުވީ، ޑީއާރްޕީ އަކީ އަބަދުވެސް ސުލްހަ މަސަލަސްކަމަށް ލޯބި ކުރާ ޕާޓީއެއް ކަމަށެވެ. އެހެންކަމުން އެ ޕާޓީން އަބަދުވެސް ބޭނުން ވަނީ މަޝްވަރާގެ ރިވެތި އުސޫލުން ކަންކަން ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުން އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރައީސް ނަޝީދުގެ ޝަރީއަތް ދިޔައީ ވަރަށް އަވަސް ސްޕީޑެއްގައި. އެހެންކަމުން އެމަނިކުފާނަށް ލިބެންޖެހޭ ބައެއް ކަހަލަ އަސާސީ ހައްގުތަކުން މަރުހޫމުވި. މިސާލަކަށް ގާނޫނީ ވަކީލެއް ލިބިވަޑައިގަތުމުގެ ހައްގާއި ބައެއް ކަހަލަ ލިޔެކުންތައް ވިދާޅުވާނެ ފުރުސަތު ނުލިބުން. އަދި އެމަނިކުފާނުގެ ފަރާތްޕުޅުން ދިފާއީ ވަކީލުން ހުށަ ނޭޅުމަކީ މާނަ ހުރި ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވުނީ،" ކާނަލްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.