އެކައުންޓަކާ ނުލައި ބޭނުންކުރެވޭ "އެމްސީބީ ވިސާ ޕްރީޕެއިޑް ކާޑު" ތައާރަފުކޮށްފި

އެހެން ވިސާ ކާޑު ނުވަތަ ކޭޝްކާޑުތަކާ ހިލާފަށް، ބޭންކު އެކައުންޓަކާ ނުލައިވެސް ބޭނުން ކުރެވޭ "އެމްސީބީ ވިސާ ޕްރީޕެއިޑް ކާޑު" މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިން މިއަދު ތައާރަފުކޮށްފި އެވެ.

ދަރުބާރުގޭގައި މިއަދު ފަށައިގެން ކުރިއަށްދާ މެރިން އެކްސްޕޯގެ ތެރެއިން ކުރިއަށް ދިޔަ ހަފްލާއެއްގައި އެ ކާޑު ރަސްމީކޮށް ލޯންޗްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި އެމްސީބީގެ އިސްވެރިންނެވެ.

ރާއްޖޭގައި އަލަށް ތައާރަފުކުރި ޕްރީޕެއިޑް ވިސާކާޑަށް ފައިސާ ޖަމާކުރުމަށް ބޭންކް އެކައުންޓެއް ބޭނުމެއް ނުވެ އެވެ. ނަމަވެސް އެއީ ޕްރިޕެއިޑް ކާޑަކަށް ވުމުން އެމްސީބީގެ ބްރާންޗަށް ޒިޔާރަތްކޮށްގެން އެ ކާޑަށް ޑޮލަރު ނުވަތަ ޔޫރޯ އަދި ޕައުންޑު ޖަމާކުރެވޭނެ އެވެ. ޖަމާކުރެވޭ އެންމެ ކުޑަ އަދަދަކީ 50 ޑޮލަރެވެ.

"މިއީ ފޮރިން ކާޑެއްވީމަ ގައުމުން ބޭރުގައި ބޭނުންކުރާ އިރު ނީންނާނެ އެއްވެސް ލިމިޓެއް. އެ ކާޑުގައި ހުރި އަދަދަކަށް ފައިސާ ބޭނުން ކުރެވޭނެ. ނަމަވެސް އޭޓީއެމްތަކުގައި ފައިސާނެގޭ ވަކި ލިމިޓެއް ކަނޑައަޅާފައި އިންނާނެ. ދުވާލަކަށް ގާތްގަނޑަކަށް 660 ޑޮލަރަށް ވާވަރަށް އެ ގައުމެއްގެ ކަރަންސީން ފައިސާ ނެގޭނެ،" އެމްސީބީގެ ހެޑް އޮފް މާކެޓިން ނުޝްރަތު އަފީފު ވިދާޅުވި އެވެ.

ނުޝްރަތު ވިދާޅުވީ، މިހާރު ދަރުބާރުގޭގައި ކުރިއަށްދާ "މޯލްޑިވްސް މެރިން އެކްސްޕޯ"ގައި ބަހައްޓާފައި ހުރި އެމްސީބީގެ ސްޓޯލުން އެ ބޭންކުގެ ވިސާ ޕްރީޕެއިޑް ކާޑަށް އެދި ފޯމް ހުށަހެޅޭނެ ކަމަށެވެ.

comment ކޮމެންޓް