އެމްޕީއެލްގެ ޗެއާ ޒަކީ ގެރެންޓީ ދެއްވި ލޯނެއް ނުދައްކައިގެން ހުކުމެއް

އެމްޕީއެލްގެ ޗެއާ، ނަޒާކީ ޒަކީ --

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗެއާމަން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) ގެރެންޓީ ދީގެން އޭނާގެ ދަރިފުޅު މ. އަހްމަދީއާބާދު، މުބާހު މުހައްމަދު ޒަކީ ނަގާފައިވާ ލޯނެއް ނުދައްކައިގެން އެ ފައިސާ ދެއްކުމަށް އެދެބަފައިންގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ނަޒާކީ ގްރޫޕުގެ ޑިރެކްޓަރު މުބާހުގެ މައްޗަށް މޮރިޝަސް ކޮމާޝަލް ބޭނުންކުން ދައުވާ ކުރީ، އޭނާ އެ ބޭންކުން ނަގާފައިވާ ލޯނަކަށް ފައިސާ ދައްކާ ހަލާސްކޮށްފައި ނުވާތީ އެވެ. އޭނާ ނެގި ލޯނަށް ގެރެންޓީ ދީފައި ވަނީ އޭނާގެ ބައްޕަ މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) ކަމަށް ހުކުމުގައިވެ އެވެ.

އެ މައްސަލައިގައި މި ދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ގާޒީ ހާފިޒާ އަބްދުލްސައްތާރު ކުރެއްވި ހުކުމުގައި ބުނެފައި ވަނީ މޮރިޝަސް ކޮމާޝަލް ބޭންކުން މުބާހު ނަގާފައިވާ މީޑިއަމް ޓާމް ލޯނަކަށް މިދިޔަ ޑިސެމްބަރު ތިން ވަނަ ދުވަހުގެ ނިޔަލަށް 364،084 ރުފިޔާ ދައްކަން ޖެހޭކަން ސާބިތުވާ ކަމަށެވެ.

އެ ފައިސާ ހަތަރު މަސް ތެރޭގައި ދެއްކުމަށް، އެ ލޯނު ނެގި މުބާހު އާއި އެ ލޯނަށް ގެރެންޓީ ދީފައިވާ މުހައްމަދު ޒަކީގެ މައްޗަށް އަންގާ ކަމަށް ހުކުމުގައިވެ އެވެ. އަދި އެ މުއްދަތުގައި އެ ފައިސާ ނުދެއްކިއްޖެ ނަމަ އެ ލޯނަށް ރަހުނުކޮށްފައިވާ މ. އަހްމަދީއާބާދު މޮރިޝަސް ބޭންކުން ވިއްކާލުމުގެ ހައްގުވެސް ހުކުމުން ދީފައިވެ އެވެ.

ނަޒާކީ ގްރޫޕުގެ ޗެއާމަން ޒަކީ އެމްޕީއެލްގެ ޗެއާމަންގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވީ މި ދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. މީގެ ކުރިން އޭނާ ވަނީ މެލޭޝިއާގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރު ކަމާއި ބްރޫނާއި ތައިލެންޑު އަދި އިންޑޮނޭޝިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން ރެޒިޑެންޓް އެމްބެސެޑަރުކަން ވެސް ކުރައްވައިފަ އެވެ.

comment ކޮމެންޓް