އިންސާފަކީ ކޮބައިހެއްޔެވެ. އެމީހަކަށް ނުވަތަ އެބަޔަކަށް އެމީހަކު ނުވަތަ އެބަޔަކު ދެކޭގޮތް ހެއްޔެވެ! އެކިޔާ ހަމަހަމަ ކަމަކީ ކޮބައިހެއްޔެވެ؟ ހަމަހަމަ ކުރާނީ ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ނޫނީ އިންސާފަކީ ވަކި މިވެނި އެވެނި ގޮތެކޭ ކަނޑައެޅިގެން އެބައޮތް ހެއްޔެވެ؟
ކޮމިއުނިޒަމަކީ ހަމަހަމަ ކުރުމުގެ އުސޫލެކޭ ބަޔަކު ކީ ދުވަސްވަރެއް ދިޔަ އެވެ. ވަކި މީހަކަށް ވަކިގޮތެއް ނުހަދާ އެއްމެނަށްމެ އެއްވަރަށް އެއްސިފައެއްގައި ކަންކަންކުރެވުނު ގޮތެކޭ ބުނިބަޔަކު ބުންޏެވެ. އެކަމަކު އޭގެ ފަހުން އައި ޕެރަސްތުރޮއިކާ އައިއިރު ނުވަތަ ގެނައިއިރު ކޮމިއުނިޒަމްގެ ދެކޮޅުނުޖެހޭ ކަމާއި ފޫނުބެދޭ ވާހަކަ ދެއްކި އެވެ. އަދި ވަކިން ހަމަހަމަކުރުމަކީ އެމީހުންގެ ނަޒަރުގައި ނުކުރެވޭނެ ކަމެކޭ ބުނަމުން ދިއަ އެވެ. ސަބަބެއް ކަމުގައި ބުނަމުން ދިޔައީ އެކިމީހުން ވެސް އެކިގޮތަށް އެކި މިންތަކުގައި ތިބޭކަމެވެ. ކޮންމެ އަކަސް އެވާހަކަތަކާއި މިވާހަކަތަކާ ގުޅުވައިލުމުން ހައްތާވެސް އުފެދެނީ ކުރިން ކުރެވުނު ފަދަ ސުވާލު ތަކެކެވެ. އެބުނާ ހަމަހަމަ ކަން އޮވެދާނެތޯ ކުރެވޭ ސުވާލެވެ. ބޭއްވިދާނެތޯ އެހޭ ސުވާލެވެ.
މިސާލެކެވެ. ދެމީހަކު ހައްޔރުކުރަން ޖެހުނީއެވެ. އެކަކީ ފިސާރި ވަރުގަދަ ފަލަ، ރޫފައާއި އިސްކޮޅު ހުރި މީހެކެވެ. އަނެކަކީ ހަތަރުފޫޓެއްހާ އިސްކޮޅުގެ ހިކި ބަލިކަށި ނިކަމެތި މީހެކެވެ. ކުރި ކުށުގެ ބާވަތުން ދެ މީހުންމެ ހައްޔަރު ކުރަން ޖެހެނީ ކުޑަގޮޅީގައި އަނދަ ގޮނޑީގަ އެވެ. ހަފޫޓުގެ އިސްކޮޅު ހުރި މީހާ ކުޑަގޮޅި އަށްލީމާ ކޮޅަށް ތެދުވެވޭވަރެއްނުވެ އެވެ. އިސްކޮޅުން ކުރުމީހާ ތެދުވެ ދެއަތް ދަމާލީމާ ވެސް އަދި މަތީގައިޖެހެން ކައިރިނުވެ އެވެ. އަނދަގޮނޑި ޖަހަން ބެލިއިރު ވަރުގަދަމީހާގެ ފައި އަނދަގޮޑިއަކަށް ރަނގަޅަކަށް ނުލެއްވެ އެވެ. ލައްވައިފިއްޔާ އިތުރު އަނިޔާވެ ހަންގަނޑު ފިތޭވަރުވެ އެވެ. މި ފުރުސަތުގައި ދެން ހަމަހަމަ ކުރެވޭނެ ގޮތެއް އޮންނާނެ ހެއްޔެވެ. އެބުނާ އިންސާފު ކުރެވޭނީ ކިހިނެއް ހެއްޔެވެ. ސުވާލެކެވެ.
ޖަލަށް ގެންދަން ޖެހުނު ދެމީހެކެވެ. އެކަކީ ހަކުރު ބައްޔާއި ލޭގެ ޕުރެޝަރުގެ ސިކާރައެކެވެ. އަނެކަކީ ހަމަ ސަލާމަތުންހުރި ދުޅަހެޔޮ މީހެކެވެ. މިދަނޑިވަޅުގައި ދެމީހުންގެ ކެއުން ހަމަހަމަކޮށް ދޭނީ ކޮންފަދައަކުން ހެއްޔެވެ. އެކަކަށް ހަކުރާއި ލޮނު ދީގެން ނުވެ އެވެ. އަނެކަކަށް އެދެބާވަތްމެ ދޭންޖެހެ އެވެ. ދެން ހެދޭނީ ކިހިނެއް ހެއްޔެވެ. މައްސަލައެކެވެ.
ދުނިޔޭގައި ކަންކަން މިކުރަނީ އިންސާނީވިސްނުމާއި އެކުގައެވެ. ނަތީޖާއަކަށްވަނީ އުނިވުމެވެ. ހަމަ ނުޖެހުމެވެ. ސަބަބަކީ އަހަރެމެން އިންސާނުންގައި އެހުރިހާ ފެންވަރު ނުހުންނަ ކަމެވެ. އެކަމަކު މިދުނިޔޭގެ ދިރި އުޅުމުގައި ދިމާވާ ކަންކަންކުރުމުގައި އެއްބަޔަކަށް ވުރެ އަނެއްބަޔަކު މޮޅުވުމުގެ ބޭނުމުގައި ތަފާތު ގޮތްގޮތް ނެރެ އެގޮތްގޮތަށް ކަންކަން ކުރަނީ އެވެ. ހޯދޭ ތަފާތު ގޮތްގޮތަކީ މާމޮޅު ގޮތްގޮތްކަމުގައި ބަލަނީއެވެ. އެކަމަކު ހަގީގަތަކީ ގިނަކަންކަން ދެކޮޅު ނުޖެހުމެވެ. ފޫނުބެދުމެވެ.
މިދާދުވަހު ރައްޓެއްސަކު ޑިމޮކުރަސީ އޮޅުން ފިލުވައިދިނެވެ. މިހާރުގެ އެއްމެ ހިނގާ އުސޫލުގެ ކަންހުރި ގޮތް އޭނާ ކިޔައިދިނީ ވަރަށް ކުޑަކުޑަ މިސާލަކާއި އެކުގައެވެ. ބުންޏެވެ. ތިންމީހަކު ތަނެއްގައި ތިއްބާ އެތަނަށް އައި ހަތަރު ވަނަ މީހާ އައީ ފެހިކުލައިގެ ގަމީހެއް ލައިގެންނެވެ. އެވަގުތު އެ ތިން މީހުންކުރެ މީހަކު ޖެއްސުމަށް އެ ގަމީހުގެ ވާހަކަ "ކަޅުކުލައިގެ ގަމީހެއްލައިގެން ތިޔަ އައީ ކީއްކުރަންހޭ؟" އަހާލި އެވެ. އެވަގުތު ދެންތިބި ދެ މީހުން ކުރެ އެކަކު އެއީ ފެހިކުލައިގެ ގަމީހެކޭ ބުނެލި އެވެ. އެކަމަކު ތިންވަނަ މީހާ ދެވަނައަށް ވާހަކަ ދެއްކި މީހާގެ ބަސް ދެރަކުރުމުގެ ބޭނުމުގައި ބުނެލީއެއީ ކަޅުގަމީހެއްކަމުގަ އެވެ. ޑިމޮކުރަސީގެ މިފިލާވަޅު ކިއައިދިން އެކުވެރިޔާ ކިއައިދިނެވެ. ޑިމޮކުރަސީގެ އުސޫލުން އެގަމީހުގެ ކުލައެއްކަމުގައި ނިންމޭނީ ކަޅުކަމުގަ އެވެ. ގިނަބަޔަކު ގަބޫލު ކުރާ ނުވަތަ ގަބޫލުކުރި ގޮތް ޑިމޮކުރަސީގައި ވާންޖެހެނީ އެއީ އެކަމެއް ވާންވީ ގޮތް ކަމުގަ އެވެ. މިގޮތުން މި މިސާލުގައި ވެސް އެހިސާބުން ދެން އެގަމީހަކަށް ފެހި ކުލައިގެ ގަމީހެކޭ ނުކިޔޭނެ އެވެ. އެހިސާބުން ހީލާފައި ބުންޏެވެ. މިއީ އަހަރެމެން ވެސް މިހާރު މިގެންގުޅޭ ޑިމޮކުރަސީ ގެ ހަގީގީ ކުޑަކުޑަ މިސާލެކެވެ. ފެހިކުލަ އެވީ ކަޅު ކުލަ ކަމުގަ އެވެ. ވީ އިރު މިފަދަކުޑަކުޑަ ކަމެއްގައި މިފަދަ ބަދަލުތައް ގެނެވޭއިރު ބޮޑެތި ބޮޑެތި ކަންކަމުގައި ހާލުހުންނާނެ ގޮތް ހިތަށް އަރުވާލަބަލާށެވެ.
ހަމަހަމަ ކަމުގެ ވާހަކަ އެއްމެންހެން ދައްކާއިރު އެހިސާބުގައި އެކި ބޯމިން ހުރި ހަތަރެސް ކަންހަމަ ރަންގަނޑެއް ދެބައިކޮށްލަން މަސައްކަތްކުރާނެ ގޮތަކީ ވެސް ބަލައިލަން ކަމުދާނެ ގޮތެކެވެ. އެއްބަޔަކަށް އެފަދަ ރަންގަނޑެއް ވެސް ދެބައިކުރެވެން ޖެހޭނީ ބަލާބެލުމަށް އޮންނަ ބޮޑުމިނަށް ބަލައިގެންނެވެ. އަނެއްބަޔަކު އުޅޭނީ އެރަންގަނޑުގެ ބަރުދަންބަލައިގެން ދެބައިކުރާށެވެ. ބަރުދަންބަލައިފި ނަމަ އެއްބައި އަނެއްބަޔަށް ވުރެ ބޮޑުވާނެ އެވެ. މައްސަލަޖެއްސޭނެއެވެ. ޖައްސާނެއެވެ. ހަމަހަމަ ނުވެގެން ޝަކުވާކުރަންފަށާނެ އެވެ.
ކޮންމެއަކަސް މިފަދަ ގޮތްގޮތަށް ވިސްނާއިރު އިންސާފަކީ، ހަމަހަމަކަމަކީ ލިބިދޭން އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ. ކޮންމެވެސް ކޮޅަކަށް ބުރަކޮށް އޮތުމަކީ ދުނިޔޭގެ ޒަމާންވީ އާދައެކެވެ. މަސައްކަތް ކުރަންވީ ސުލްހަވެރިކަމާ އެކު ބުރަވާކޮޅުން ބައެއް ލުއިކޮޅަށްދީގެން ހަމަޖައްސާލުމަށެވެ. ނޫނީ އެބުނާ ޑިމޮކުރަސީގެ އުސޫލުން އެކަމަކާ ދޭތެރޭ ގޮތެއްނިންމުމަށެވެ. (ނިމުނީ)