މާތްކަލާކޯ އެވެ.! ބުރުގާ އަކީ ވަރަށް އެހެންކަހަލަ އެއްޗަކަށްވެއްޖެއެވެ. އެއްކޮޅުން އަޅަންޖެހޭކަމާއި އެޅުމުގެ ހުރި ރަނގަޅުކަމާއި ފައިދާ ތަކެވެ. އަނެއްކޮޅުން އެޅުމުގެ ނުރައްކަލާއި އޭގެ ގެއްލުން ތަކެވެ. ކޮންމެއަކަސް މިދެމެދުގައި މިއަދުގެ ބައެއް ޒުވާން އަންހެންކުދިން ފިތިގެންދާކަމީ މިއަދުގެ ހަގީގަތެކެވެ. އެކުދިންގެ ޅަސިކުނޑިތަކުން އެކަމަކާ ހެދި ދިޔަފެލިގެންދާ ވަރުގެ ފުން ވިސްނުމާއި ތަހުލީލުތައް ކުރަން މަޖުބޫރުވެ ތާށިވެގެންދާ ކަމެއްމެ އެވެ.
ދާދިމިދާދުވަހެވެ. ކުރިއްސުރެ ރާވައިގެން ތަދުބީރުކޮށްގެން ހޮޓަލުސުކޫލުން ކިޔަވައިގެން ނުކުތް ކުދިން ކުރެ ކުއްޖެކެވެ. ވަޒީފާ ހޯދަން ޔަގީން ކަމާ އެކު ހުށަހެޅި އެވެ. ވަޒީފާ ޔަގީން ވެސްވި އެވެ. އެކަމަކު ދިޔައީ ފުލުން ނެވެ. އަޅައިގަތީ ބުރުގާގަ އެވެ. އެހެންޏާ ބުރުގާ އެވެ. ނޫނީ ވަޒީފާ އެވެ. އެހިސާބުން ދެން ހުސްވީގޮތެވެ. ހަދާނެ ގޮތެއް ނެތުނީއެވެ. ނޭނގުނީ އެވެ. ބުރުގާ ނެގޭކަށް ވެސް ނެތެވެ. ވަޒީފާ ވެސް ހޯދަން އެބަ ޖެހެ އެވެ. ލުޔެއް ލިބޭތޯ އެހެންމަގެއްފެނޭތޯ ކުރެވުނު މަސައްކަތުން މަގެއް ފެނުނެވެ. އެކަމަކު މަގު އޮތީ އެހެން ގޮތަކަށެވެ. އެއީ ވަޒީފާގެ ގަޑީގައި ބުރުގާ ނަގާ ގޮތަށެވެ.
އަހަރެމެންގެ ތެރޭގައި ބުރުގާއަކީ އަޅަން ޖެހޭ އެއްޗަކަށް ވެފައިވާ އިރު ރިސޯޓުތަކުގެ ހިންގުމުގެ ދާއިރާގައި މިކަހަލަ ގަވައިދެއް މިއޮތީ ކިހިނެއްވެގެން ބާވައޭ ހިތަށް އަރައެވެ. ގަބޫލުކުރެވޭ އެއްކަމަކީ ހެދުން އެޅުމުގެ ގަވައިދާ ފަތުރުވެރިންނަކާ ބެހުމެއް ނޯންނާނެ ކަމެވެ. އެތަނެއްގައި ހެދުންއަޅާނީ އެތަނެއްގެ ހިންގުންތެރީންނަށް ފެންނަ ގަބޫލުކުރެވޭ ގޮތަކަށް ކަމީ ވާންވާނީ ހަގީގަތަށެވެ. އެކަމަކު މިއީ ވެސް ހަގީގަތެކެވެ. ދެތަނެއްގެ ވެސް ތަޖުރިބާ އެވެ. ފާޅުގައި ކުރިމަތީގައި ބުނެލަނީ ބުރުގާ ނޫނީ ވަޒީފާ ކަމުގައެވެ.
ކޮންމެއަކަސް މިތަޖުރިބާއާ އެކު ވަޒީފާ ނުލިބިގެން ގެއަށް އަންނަންޖެހުމަކީ އެތަކެއްދުވަހުގެ ބުރައުފުލައި ގެން ކިޔެވި އެހުރިހާ އެއްޗެއް އެކަމުގައިހޭދަވި ދުވަސްތަކާއި އެކު ބޭކާރުވެގެން ދިއުމެވެ. އެ ޒުވާނާގެ އަތުންނާއި ސަރުކާރުން އެތަކެއް ހޭދަކުރެވުނު ކުރެވުން އެއީ ތާކުންތާކު ނުޖެހުނު ކަމަކަށްވުމެވެ. ގަބޫލުކުރެވި ޔަގީން ކުރެވިފައިވާ ކަމެއް ސުވާލަކަށް ވެގެން ދިއުމެވެ. އެއީ ދެންހަދާނެ ނުވަތަ ހެދޭނެ ގޮތެއް ހަމަނެތީ ބާވައޭ ކުރެވޭ ސުވާލެވެ. މިކަމާ އަޅާލާނެ އަޅާލެވޭނެ ފަރާތެއްވެސް ކަމާ ބެހޭ ހަމަ ނެތީ ތޯއޭ ކުރެވޭ ސުވާލެވެ. ޖަވާބެއް އެބަ އޮތްބާވައެވެ.! (ނިމުނީ)