އިނގިވެހި ނުވަތަ ދިވެރޭސި ބަހަށް އަހަރެމެންގެ ދިވެހިބަސް ބަދަލުކުރަން ވެއްޖެކަމުގައި މީގެ ވިއްސަކަށް އަހަރު ކުރީއްސުރެ ގަބޫލުކުރެވުނެވެ. އެ ވާހަކަ އޭރު އެގޮތަށް ލިއުނިން ވެސްމެ އެވެ. މަޑުމަޑުން އެޚިޔާލާ އެއްގޮތަށް ބަދަލުތައް އަންނަނިކޮށް ކުއްލިއަކަށް ފަހަތުން އައިސް ބަނގަވެހި ނުވަތަ ދިވެދޭޝް ބަސް މިހާރު މިވަނީ އަރާހަމަކޮށްފަ އެވެ. ނުވަތަ ހިސާބަކަށް ކުރިއަށް ވެސް އަރާފަ އެވެ. އެކަމަކު އަދި ވެސް ރަސްމީ ސިފައެއް އައުން އެއްމެގާތީ ހަމަކުރިން ބުނެވުނުހެން އިނގިވެހި ނުވަތަ ދިވެރޭސި ބަހަށެވެ. ދެނެއް އެދުވަސް އައުން މާދުރަކުއޮތެކޭ ނުބުނެވޭނެ އެވެ.
ހެއްކަކީ ރަސްމީ ސިފައެއްގައި އެބަސް ބޭނުންކުރުމުގެ މިސާލެއް އިހަކަށް ހުކުރު ފެނުނުކަމެވެ. އެއްމެ ގިނަ ބައެއްގެ ރުހުމާއި ތާއީދު އޮންނަ އެއް ޕްރޮގުރާމުގައި އެބަސް ބޭނުންކުރުމުގެ ރަމްޒީސިފަތަކެއް ފެނުނުކަމެވެ. އެބަހުގައި ބޭނުންކުރާނެ ގޮތްތަކަށް ވަގުތުކޮޅެއްގައި ވާހަކަ ދައްކާލި ކަމެވެ. އެކަކު ދެމީހަކު ނޫނެވެ. ގެނެވުނު މެހެމާނު ގެފަރާތުން އެކަންޏެއް ވެސް ނޫނެވެ. ހުށަހަޅާދިން ފަރާތުންނާ އެކު އެއްބައިގައި މުޅި އެވަގުތުކޮޅު އެކުގައި އެބަހުން ވާހަކަ ދައްކާލީ އެވެ. ވަރަށް ހިތްގައިމު ތައާރަފުކުރުމެކޭ ބުނެލެވޭ ވަރަށެވެ.
އެ ކިޑަކީ ޑައިވުކުރުމުގެ ރޮނގުގައި ފާހަގަ ކޮށްލެވޭވަރުގެ ޗައިލްޑު ކުއްޖެކެވެ. ކިއުޓު ޔުނީކު ކުއްޖެކެވެ. އެހާ ޅަ އޭޖެއްގައި ފީނުމުގެ ފީލްޑަށް އިންޓަރެސްޓު ވެފައިވާ ކުއްޖެކެވެ. ސީގެ އަޑިން ފެންނަ ތަފާތު އެއްޗެތީގެ ވާހަކަ އިން ކުވެސްޗަން ކުރުމުން އިސްކުއިޑާއި ބައެއްކަހަލަ ފިޝްގެ ރީތި ވާހަކަ އެޗައިލްޑު ޕުރެސެންޓަރުގާތު ޓޯލްޑެވެ. ކޮންމެ އަކަސް އެވަގު ތުކޮޅު ހިމެނިގެން ދިޔައީ ވަރަށް ތަފާތު ވަގުތުކޮޅަކަށެވެ. ދިވެހިބަހުގެ ކުރީގެ ގޮތާއި ރީތިކަމާއި ދުރަށް ޖެހިލެވި މިހާރުގެ ބަދަލުވަމުން އަންނަ ބަހަށް ފުރުސަތު ދިނުމުގެ ވަގުތުކޮޅެކޭ ހީވި ވަގުތުކޮޅަކަށެވެ. ވާންވެފައި އޮތް ކަމަކަށް ޖާގަދޭންފެށުނު ވަގުތުކޮޅަކަށޭ ބުނެވިދާ ފަދަ ވަގުތު ކޮޅަކަށެވެ. ކަމަކީ މިހާރު ދެން އައުކަމެއް ބީރައްޓެހި ކަމެއް ވެސް ނޫނެވެ. ބޮޑެތި ބޮޑެތި "ބިޔަ" ބޭފުޅުންނާއި ބޭބޭ ކަލުން ވެސް މިކަލަކަށް އައިސް ގެންދަވަނީ މިބަހުރުވަ ބޭނުން ކުރައްވަމުންނެވެ. އަދި ފަހުން ނަމާއި ކަންވެސް ބަދަލުވެ ރަސްމީ ސިފައެއްގައި އިއުލާނު ވެސް ކުރެވި ދިވެހިބަސް އުވިގެން ދާނީ އެވެ.
މިއީ ފަހަރެއްގައި ވެސް ނުރުހުމާއި ޖެއްސުންކުރުމުގެ ޖުމުލަތަކެއް ނޫނެވެ. މިއީ ކައިރި ކުރިމަގެއްގައި އުފަންވާން ވެފައިއޮތް ބަހުރުވައަކަށް، ނުވަތަ ބަހަކަށް ތާއީދުކުރުމެކެވެ. ނުވެނުދާނެ ކަމެއްގެ ފެށުން އައީއޭ ހީވެ އުފާވެރިވެލެވުނީތީ އެކަން ފާހަގަކޮށްލި ކުރުމެކެވެ. މިހާރު ވެސް ނުރަސްމީކޮށް އުފަންވެ ބޭނުންކުރެވޭ ބަހަކުން ވާހަކަ ދައްކަމުން ގެންދިޔަ ރަސްމީ މަންޒަރާއި އަޑުއިވުމުންވީ އުފަލެއްގެ ސަބަބުން ލިއެލެވުނު ޖުމްލަ ތަކެކެވެ. ހުކުރު ދުވަހުގެ މަޝްހޫރު ޕްރޮގުރާމަކުން އިވި ފެނުނު މަންޒަރުގައި އަޅައިގަނެވުނުލެއް ބޮޑު ކަމުން ފާޅުކޮށްލެވުނު ޝުއޫރު ތަކެކެވެ. ބަޔަކު، މީހަކު މިކަމާ އިދިކޮޅުހަދައި ނުރުހުންވެ ރައްދުވެސް ނުދޭނެ ކަމަކަށް ނޫނެވެ. އަމިއްލަ ހިތުގައި އުތުރި އަރައިގަތް ހިޔާލުތަކަށް ޖުމުލަތަކެއްގެ ސިފަ ގެނެވުނީ އެވެ. މި ކަމަކީ ދެން އަނެއްކޮޅަށް އަނބުރާލައި ބަދަލުކޮށް ނުލެވޭނެ ކަމެއް ކަމުގެ ޔަގީން ކަމާއި އެކުގަ އެވެ. މިއަދު ވެސް ރީތީ، ފަސޭހައީ ރަނގަޅީ، ޕްރޮގުރާމުތަކުގެ ނަން ވެސް އިނގިރޭސިބަހުން ކިޔާލިއެ ހެދުން ކަމުގައި ވެފައި މާދަމާ ހޭޔާންބޯ ގެނަން ވެސް ހޭޔާންހެޑު ކަމުގައި ހެދުމަކީ ހިތްފަސޭހަ ކަމަކަށް ވާނެތީ އެވެ. ***