އިންޑިއާގެ ޓޮޕް ޕޮލިޓީޝަން އަދި ޓެމިލްނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ޖަޔަލަލިތާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެ ހަތަރު އަހަރަށް ޖަލަށް ލުމަށް މިއަދު ހުކުމްކޮށްފި އެވެ.
ބެންގަލޫރުގެ ހާއްސަ ކޯޓަކުން އެ ކަމަނާގެ މައްޗަށް ކޮރަޕްޝަންގެ ކުށް މިއަދު ސާބިތުވީ އެކަމަނާގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި، މީގެ 18 އަހަރު ކުރިން އުފުލި ދައުވާއެއްގަ އެވެ. ޖަޔަލަލިތާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ 1991 ވަނަ އަހަރުން 1996 ވަނަ އަހަރުގެ ނިޔަލަށް އެކަމަނާ އަށް ލިބުނު އާމްދަނީ އަށް ވުރެ އިތުރަށް 66 ކްރޯޑް އިންޑިއަން ރުޕީސް ނޫނީ 10 މިލިއަން ޑޮލަރުގެ އެސެޓްސް އެކަމަނާގެ ނަމުގައި ހުރި މައްސަލައެއްގަ އެވެ.
މިއަދުގެ ހުކުމުގައިވާ ގޮތުން ޗީފް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމާއި ޖޫރިމަނާގެ ގޮތުގައި 16 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ. އެ ހުކުމުގައިވާ ގޮތުން ޖަލުގެ ހުކުމް ތަންފީޒު ކުރުމަށް ފަހު ވެސް އެކަމަނާއަށް ހަ އަހަރު ވަންދެން އެއްވެސް އިންތިހާބެއްގައި ވާދައެއް ނުކުރެވޭނެ އެވެ.
ޖަޔަލަލީތާގެ މައްޗަށް ދައުވާ އުފުލީ ވާދަވެރި ސިޔާސީ ޕާޓީއަކުންނެވެ. ނަމަވެސް އެކަމަނާ އަބަދު ވެސް ތުހުމަތު ކުރައްވަނީ އެއީ ސިޔާސީ ގޮތުން އެކަމަނާގެ މައްްޗަށް ކުރާ ޒާތީ ދައުވާ އެއްް ކަމަށެވެ.
ޕްރައިމިނިސްޓަރު ނަރަންދުރާ މޯދީ ވަނީ ސާފުތާހިރު ސަރުކާރެއް ގާއިމު ކުރައްވާނެ ކަމަށް ވައުދެވެވަޑައިގެންފަ އެވެ. ނަމަވެސް މޯދީގެ ކްރިޓިކްސް އާ ހަވާލާދީ ބީބީސީ އިން ބުނީ މޯދީގެ ސަރުކާރުގެ ތިން ބައިކުޅަ އެއްބައި މިނިސްޓަރުންނަކީ ކޮރަޕްޝަންގެ ތުހުމަތު އެޅުވިފައިވާ ބޭފުޅުން ކަމަށެވެ. އަދި އެތަނުން އެއް ބޭފުޅަކީ މީހަކު މަރަން މަސައްކަތް ކުރި ކަމުގެ ތުހުމަތު އެޅުވިފައިވާ ބޭފުޅެއް ވެސް ކަމަށެވެ.