މައުމޫން ބެޓް ހިއްޕަވައިގެން ފަހު އޯވަރަށް ނުކުންނަވަނީ!

އޮކްޓޫބަރު 28، 2008 ވަނަ ދުވަސް ހަނދާނަށް ގެންނާށެވެ؛ ރިއާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އޭރުގެ އިދިކޮޅު ހުރިހާ ފަރާތްތައް "ވަތަން އެދޭގޮތަށް" ކަމަށް ބުނެ، ފެށި ކެމްޕޭންގެ ނަތީޖާ ރިއާސީ އިންތިހާބުގައި ކާމިޔާބީއަކުން ނިންމާލި އެވެ. ރާއްޖޭގެ ތާރީހުގައި ދިވެހިންގެ ގިނަ ބަޔަކު އެދުނު ބަދަލެއް އެދުވަހު ވެރިކަމަށް ގެނަ އެވެ. އިންތިހާބުގެ 54 ޕަސެންޓް ވޯޓްގެ ނަތީއްޖާ އިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ކާމިޔާބު ހޯއްދެވުމުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް އިންތިހާބުން ބަލިވެވަޑައިގެންފި ކަމަށް ގަބޫލުފުޅު ކުރެއްވެވި އެވެ. އެއާ އެކު ޒަމާންވީ ވެރިކަމުގެ ބާރުތައް ފުރޮޅާލައި ދިވެހި ތާރީހުގައި 'ކަޅު' ސަފްހާއެއް ލިޔެވިގެންދާނެ ކަމަށް ކުރި ކުށްހީތައް ވަހުމަކަށް ވެގެންދިޔަ އެވެ. ރީތީކޮށް ނަލަކޮށް ދެ ފަރާތުން ޑިމޮކްރަސީގެ މިސާލު ދައްކަމުންނެވެ.

ދިވެހި ވެރިކަމުގެ ހާލަތަށް ރައްޔިތުން ގެނައި ބަދަލަށް އެއް އަހަރު ފަހުން، ސިޔާސީ މައިދާނުން ދުރަށް ވަޑައިގެން، ހަމަހިމޭންކަމާ އެކު އުޅުއްވާނެ ކަމަށް ރައީސް މައުމޫން މިދިޔަ އަހަރުގެ ޖެނުއަރީ 25ގައި އިއުލާން ކުރެއްވި ވެސް މެއެވެ. ނަމަވެސް އަހަރު ނުވަނީސް އަނެއްކާ ވެސް "މައުމޫން ސިޔާސީ" ވެއްޖެ އެވެ. ރައީސް ނަޝީދުގެ ސަރުކާރަށް ފާޑު ވިދާޅުވަން ފެއްޓެވި އެވެ. ދިވެހިން "ބަދަލަކަށް ބޭނުންވާ" ކަމަށް މިއަދު ގޮވައިލައްވަނީ ރައީސް މައުމޫނެވެ.

ވެރިކަމުގައި އެމަނިކުފާނު ހުންނެވި އިރު، ކޮންމެ ދުވަހަކީ "ކަޅު" ދުވަހެއް ކަމަށް ކުރިން ރައީސް ނަޝީދު ވިދާޅުވި ފަދަ ބަސްތައް މިއަދު ތަކުރާރު ކުރައްވަނީ ރައީސް މައުމޫނެވެ. ސިޔާސީ އޮއިވަރާ އެކު ހާލަތު އަންނީ މަޑުމަޑުން، މަޑުމަޑުން އެކަމަކު ބާރަށް ބަދަލުވަމުންނެވެ.

ސިޔާސީ މައިދާނުން މުޅިން ދުރަށް ވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ، ސިޔާސީ މައިދާނަށް ރައީސް މައުމޫން އަލުން ނުކުންނެވުމުން އެމަނިކުފާނަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައީސް މައުމޫން ވަނީ ރައްދެއް ދެއްވައިފަ އެވެ. ސިޔާސީ ފިކުރަކުން ރަނގަޅަށް ވިސްނާލައިފި ނަމަ ފިސާރަ ވަރުގަދަ މާނައެއް އެއިން ހާމަވެ އެވެ.
"ދެން ބައެއް ބޭފުޅުން ވިދާޅުވެފާނެ އަޅުގަނޑު ނުކުތީޔޭ. އަޅުގަނޑުގެ ވާހަކައަކީ އަޅުގަނޑު މިހިރީ ބަންދުވެފައިތޯއޭ... އަޅުގަނޑު މިހިރީ ގަދަވެ ސަލާމަތުން ފުރިހަމަ މިނިވަންކަމާ އެކު،" މިދިޔަ ހަފްތާތެރޭ ކުޅުދުއްފުށީގައި މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން އަމިއްލަ ފުޅަށް ކުރިން ނިންމެވި ނިންމެވުމެއް އެހެން ގޮތަކަށް މާނަ ކުރައް ވަނީ ވެސް އެމަނިކުފާނެވެ. ހަމައެއާ އެކު އެމަނިކުފާނަށް ތާއީދު ކުރައްވާ ބައެއް ބޭފުޅުންގެ ވިސްނުމުން ވެސް ނުކުންނަނީ އެ ތަރުޖަމާ އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި "ޑީއާރްޕީގެ ޒައީމަށް ސިޔާސީ ނުވެވޭނެ ގޮތެއް ނޯންނާނެ" އެވެ.

އެއް ނަޒަރަކަށް ބަލާއިރު މުޅިން ގޯސް ވާހަކައަކަށް ނުވެދާނެ އެވެ. ރައީސް މައުމޫނު ރައީސް މައުމޫނަށް ސިޔާސީ ނުވެވޭނެ ގާނޫނީ ހަމައެއް ނެތެވެ. ރިޔާސީ އިންތިހާބެއްގައި ވާދަ ނުކުރެއްވޭނެ ގާނޫނީ ބިންގަލެއް ނެތެވެ. ވެރިކަން ކުރެއްވުމުގެ ހަކަތައިގެ މައްޗަށް ސުވާލު އުފެދުނަސް ވެރިކަން ކުރެއްވުމުގެ ޝަރުތު ހަމަވެ އެވެ.
ސިޔާސީ ދަނޑަށް ނުނުކުންނަވާނެ ކަމަށް ރައީސް މައުމޫން އިއުލާން ކުރެއްވި ދުވަހު ރިޔާސީ އިންތިހާބު ފަދަ ވާދަވެރި އިންތިހާބަކަށް ކުރިމަތި ނުލައްވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. ނަމަވެސް މެލޭޝިޔާގައި ހުންނެވުމަށް ފަހު ޑިސެންބަރު 30، 2010 ގައި ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް މައުމޫން ވިދާޅުވީ "ރިއާސީ އިންތިހާބަށް ކުރިމަތިލާ ވާހަކަ ދެއްކުން އަދި މާ އަވަސް" ކަމަށެވެ.

ރައީސް މައުމޫން އެހެން ވިދާޅުވުމުން އަނެއްކާ ވެސް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރެއްވުމަށް ނިންމަވާފާނެ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. މިހާރުގެ މަންޒަރަށް ބަލާއިރު އެ ފުރުސަތު ބޮޑު ކަމަށް ބެލެވިދާނެ އެވެ.
"ހަގީގަތުގައި މިހާރު ސުވާލު އުފެދިއްޖެ، އެ ސުވާލުގެ ޖަވާބާ އެންމެ ގާތީ (މައުމޫން) ކުރިމަތިލެއްވުން. އެއީ އެމަނިކުފާނު އެބަ މެސެޖް ދެއްވާ. މަޑުމަޑުން ކުރިޔަށް އެބަ ނުކުންނަވާ. އަނެއްކޮޅު އެމަނިކުފާނުގެ ވާގިވެރިން އެބަވިދާޅުވޭ ނުކުންނަވާށޭ. ހަމައެއާ އެކު އެއްވުންތަކުގެ ސައިޒު އެމަނިކުފާނަށް ވެސް އެބަ އިހުސާސް ކުރެއްވޭ. އެހެންވީމާ މެސެޖްތަކެއް އެމަނިކުފާނު އެބަދެއްވާ. އާންމުންނަށް ވެސް އެބަލިބޭ،" ޑީއާރްޕީގެ އިސް ބޭފުޅަކު ވިދާޅުވި އެވެ. "އަނެއްކޮޅުން ބަލާއިރު އެއަށް ވުރެ ތާއީދު ބޮޑު ފަރުދެއް އަދިއެއް ނުފެނޭ. ހަމައެއާ އެކު ހުރިހާ ދިމާއަކުން ފެންނީ އެމަނިކުފާނަށް ފަހިވަމުން އަންނާތީ، ހަގީގަތަކީ މިއަދުވެސް ލެވެލް ޕިޗެއްގައި ކުޅެފި ނަމަ މައުމޫން ހަޔަކަށް ޖައްސަވާނެކަން. ސިޔާސީ ދަނޑުގައި އަދިވެސް އެހާ ބާރުގަދަ. އާންމުންގެ ތެރޭގައި އަދިވެސް އެހާ ތާއީދު ބޮޑު،"
މައުމޫނު ސިޔާސީ ދަނޑަށް ނުކުންނަވައިފި ނަމަ އަދި ރިޔާސީ އިންތިހާބެއްގައި ވާދަ ކުރައްވައިފި ނަމަ ނަމަވެސް ސުވާލަކަށް ވާނީ މައުމޫން ކުރިން ވިދާޅުވި އެއްޗަކާ ވީ ގޮތެއްގެ ވާހަކައެވެ. އެއީ ވެދާނެ ގޮތެކެވެ. އޭގެ މިސާލަކީ ރައީސް ނަޝީދެވެ. ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ނަޝީދު ވެސް ކުރިން ތަކުރާރުކޮށް އައީ ވިދާޅުވަމުންނެވެ. އެހެންނަމަވެސް އެމަނިކުފާނު އެހެން ވިދާޅުވި ވަރަށް ގިނަ ވާހަކަތައް ފަހުން ބަދަލުވީ "ފަލްސަފާ" އަކަށެވެ. އެހެން ކަމުން ސިޔާސީ ދަނޑުގައި އެހެންވެސް ސިޔާސީ ބޭފުޅުން ގެން "ގޭމް ޕްލޭން ފޯމިއުލާ" ބޭނުން ކުރައްވައި ބެޓް ހިއްޕަވައިގެން އަލުން ކުޅުއްވަން ދަނޑަށް އަރައިވަޑައިގަތުމަކީ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ.

ރިޔާސީ އިންތިހާބުން ބަލިވެއްޖެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް ރިޔާސީ އިންތިހާބު ނަތީއްޖާ ވެސް ގަބޫލު ނުކުރާ ކަމަށް މާނަވާ ގޮތަށް މައުމޫން ވާހަކަފުޅު ދައްކަވައިފި އެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ ވިލިމާލޭ މުހްޔިއްދީން ސްކޫލްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ: "އެ އިންތިހާބުގެ ނަތީއްޖާ އަޅުގަނޑު ވަނީ ގަބޫލުކޮށްފައި، ގަބޫލު ކުރި ސަބަބަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅުގަނޑު އެދޭތީ."

މި ވާހަކަފުޅުން ދައްކައިދެނީ ހާލަތާ ގުޅޭ ގޮތަށް ސިޔާސީ ދަނޑު ފުށުން ޖެހިގެންދާ ގޮތޭ ނުބުނެވޭނެ ހެއްޔެވެ؟
ސިޔާސީ ގޮތުންނާއި އިލްމީ ގޮތުންނާއި ބަސްމޮށުންތެރިކަމުގެ ގޮތުން ރައީސް މައުމޫނަކީ އާދަޔާ ހިލާފު ޝަހުސިއްޔަތެކެވެ. މިހާރުގެ މަންޒަރުގެ ދުރުން ފެންނަމުން ކައިރިވަމުން އަންނަނީ ތަޖުރިބާގެ އަލީގައި ހިކުމަތްތެރިކަމާ އެކު އެމަނިކުފާނު ކުޅުއްވާ ތަނެވެ. ދީނާއި ދައުލަތުގެ ސިޔާސަތަކީ އޮޅުވާލެވޭނެ އެއްޗެއް ނޫން ކަމަށް ވިދާޅުވަމުން ލޯކަލް ކައުންސިލް އިންތިހާބު ޑީއާރްޕީއަށް ކާމިޔާބު ކުރަން ރައީސް މައުމޫން ކުރައްވާ ކެމްޕޭނަކީ "އާދައިގެ ކަމެއް" ކަމަށް ހީއެއް ނުވެ އެވެ.

ކުރިމަތިވަމުން އަންނަނީ އާދައިގެ ކަމެއް ނޫންކަން ހުދު ރައީސް ނަޝީދަށް އެނގިވަޑައިގަންނަވަ އެވެ. މައުމޫން ދައްކަވާ ވާހަކަފުޅުތަކުގައި ރައީސް ނަޝީދަށް މާ ބޮޑު ރައްދެއް ނުދެއްވިއަސް، ރައީސް ނަޝީދު ދައްކަވާ ކޮންމެވާހަކަފުޅެއް އަމާޒު ކުރައްވަމުން ގެންދަވަނީ މައުމޫނަށެވެ. ސަބަބަކީ މައުމޫން އަލުން ސިޔާސީ ދަނޑަށް ވަޑައިގެންފާނެ ކަމުގެ "ފެހި ސިގުނަލް" ހުދު ރައީސް ނަޝީދަށް ވިސްނިވަޑައިގެންފައި އޮތުމެވެ. ކޮންމެއަކަސް މައުމޫން އަލުން "ބެޓް ހިއްޕަވައިގެން" ނުކުންނަވައިފި ނަމަ ވާނީ ވަރަށް ބޮޑު މެޗަކަށެވެ. އެ މެޗްގައި ހަޔަކާއި ހަތަރަކަށް ބޯޅަ ޖަހާނީ ކާކުކަން އެނގޭނީ އަދި ފަހުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް