ތައުލީމާއި ތަރުބިއްޔަތު: ވަކި ނުކުރާންވީ ދެކަމެއް!

ދަރިންނަކީ މާތްﷲ އަހަރެމެންނާ ހަވާލުކުރައްވާފައިވާ އަމާނާތެއްކަން އެންމެން ވެސް ގަބޫލު ކުރަމު އެވެ. އަދި ދަރީންނަށް ރަނގަޅު ތަރުބިއްޔަތާއި ތައުލީމު ދިނުމަކީ މުހިންމު ކަމެއްކަން އަހަރެމެން އެންމެނަށް ވެސް އެނގެ އެވެ. ނަމަވެސް "ތައުލީމާއި ތަރުބިއްޔަތު"ގެ މާނަ އެކި ފަރާތްތަކުން ކުރަނީ އެކިގޮތަށެވެ. އަދި މި ދެކަންތަކަކީ ބެލެނިވެރިންނާއި ކިޔަވައިދޭ އެދުރުންގެ އިތުރުން "ތަރުބަވީ ނިޒާމް"ގައި ހިމެނޭ އެންމެންގެ ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާއެއްކަމުގައި ވިޔަސް މި ދެ ކަންތަކަށް އެއްވަރަކަށް އަހައްމިއްޔަތުކަން ދޭ ފަރާތްތައް މަދުކަން އެއީ ގަބޫލުކުރަން ބޭނުން ނުވިޔަސް ފެނި ހާމަވަމުން އަންނަ ހަގީގަތެވެ.

ދިވެހި ބަހުގެ ރަދީފުގައި "ތަރުބިޔަތު" ނުވަތަ "ތަރުބިއްޔަތު" މާނަކޮށްފައި ވަނީ، (1) ރަނގަޅު ގޮތްތަކަށް ހާނުވައި ބޮޑުކުރާ ބޮޑުކުރުން. (2) އަށަގެންފައިވާ ރީތި އަޚްލާޤާއި މާތްސިފަތައް. (3) ގެންގުޅެ ބޮޑުކުރާގޮތް، މިއެވެ. ހަމަ އެހެންމެ ރަދީފުގައި ބުނާ ގޮތުން "ތަޢުލީމް" އަކީ (1) ޢިލްމު. (2) އުނގެނޭ އުނގެނުން މިއެވެ. އެހެން ކަމަށް ވަންޏާ ދަރިންނަށް ރަނގަޅު ތައުލީމާއި ތަރުބިއްޔަތު ދިނުމަކީ، ޢިލްމު އުނގަނައި ދިނުމާ އެކު ރަނގަޅު ގޮތްތަކަށް ދަރިން ހާނުވައި، ރިވެތި އަހްލާގާއި މާތް ސިފަތައް އަށަގަންނުވައި ދަރިން ގެންގުޅެ ބޮޑުކުރުމޭ ބުނެވިދާނެ އެވެ.

ސުވާލަކީ، އަޅުގަނޑުމެން ފަދަ އެއްދީނަކަނަށް އުޅެމުންއަންނަ މި ކުޑަކުޑަ ދިވެހި މުޖުތަމައު ތެރޭގައި ބުނެވިދިޔަ ގޮތަށް ތައުލީމާއި ތަރުބިއްޔަތު މާނަކުރަނީ ކިތައް ފަރުދުންތޯ ކުރެވޭ ސުވާލެވެ.

ދަރީން ބޮޑެތިކުރުމުގައި ރަނގަޅު "ތަޢުލީމާއި" ފުރިހަމަ "ތަރުބިއްޔަތު" މި ދެކަމަކީ ވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ މުހިއްމު ދެ ކަމެވެ. އެހެން ނަމަވެސް އަހަރެމެންގެ ތެރެއިން ގިނަ ބެލެނިވެރިންނާއި އެދުރުންގެ ވެސް ވިސްނުން ހުންނަނީ ނޭނގުމެއްގެ ތެރޭގައި ނަމަވެސް މިއާ ދިމާ އިދިކޮޅަށޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ގިނަ ބެލެނިވެރީން ހަމަ އެކަނި ތައުލީމަށް އިސްކަންދޭ އިރު، ގިނަ އެދުރުންގެ ވިސްނުމަކީ ވެސް އެބައި މީހުންގެ ދަރިވަރުންގެ ތައުލީމީ ނަތީޖާ ރަނގަޅުކުރުމެވެ. ހަމަ އެއާ އެކު ތަރުބިއްޔަތަކީ ކުއްޖާ އުޅޭ އުޅުމުން އަމިއްލައަށް ދަސްކުރާ ކަންކަމޭ ހީވާ ބެލެނިވެރީން ވެސް އަހަރެމެންގެ މުޖުތަމައު ތެރޭގައި މަދެއްނޫނެވެ.

ދަރީން ބޮޑެތިކުރުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދެނީ ކޮންކަމަކަށްތޯ ބެލެނިވެރިޔަކާ ސުވާލުކޮށްލީމެވެ. ވަރަށް ހިނިތުންވެ ހުރެ ވިސްނާލުމަށް ފަހު އޭނާ ދިން ޖަވާބަކީ "ވަރަށް މޮޅު ކުއްޖަކަށް ހެދުން" ކަމަށެވެ. އެއާއެކު "މޮޅު" ކުރަނީ ކޮން ކޮން ކަމަކުންތޯ ވެސް ސުވާޅުކޮށްލީމެވެ. ޖަވާބަކީ "ކިޔެވުމަށް" ކަމަށެވެ. އެއްކަލަ "ތަރުބިއްޔަތު"ގެ މަތިން އެ ބެލެނިވެރިޔާ ކުޑަކޮށްވެސް ހަނދާން ހުރިހެނެއް ހިޔެއް ނުވެ އެވެ. އެ ސުވާލުތައް އެހެން ބެލެނިވެރިޔަކާ ވެސް ކޮށްލީމެވެ. އެ ބެލެނިވެޔާގެ ޖަވާބު ވެސް ކުރީން ވާހަކަ ދެކެވުނު ބެލެނިވެރިޔާގެ ޖަވާބާ ދާދި އެއްގޮތެވެ. އޭނާ ބުނީ "އަޅުގަނޑު އެންމެ ބޮޑަށް ސަމާލުކަން ދެނީ މުސްތަގުބަލުގައި ރަނގަޅު ވަޒީފާއެއް ލިބޭވަރަށް ދަރިފުޅަށް ކިޔަވައިދިނުން" ކަމަށެވެ.

ނަމަވެސް ގަބޫލުކުރާން ޖެހޭ ހަގީގަތަކީ، ރަނގަޅު ވަޒީފާއެއްގައި ދެމި ހުރުމަށް ޓަކައި ރިވެތި އަހްލާގައި މާތް ސިފައަކީ ތައުލީމާ އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް ވެސް އަހަރެމެންގެ ކިބައިގައި ހުރުން މުހިއްމު ބައެއް ކަމެވެ.

ޒަމާން ކުރިއަރައި އަހަރެމެންގެ ދިރިއުޅުމާއި އާދަކާދައަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ. އާއިލާތަކުގެ "އިސް މީހުން"ގެ ވަގުތާއި، މުޖުތަމައުގެ ކަންތައްތައް ބައްޓަން ވެގެން އައިގޮތުން "ގެ" ފިޔަވައި ކުދީން އެންމެ ގިނަ ވަގުތު ހޭދަކުރާ ތަނަކަށް "ސްކޫލް" ވެއްޖެ އެވެ. އެއާއެކު ބެލެނިވެރިންގެ ޒިންމާއާ އެއްވަރަށް އެދުރުންގެ ޒިންމާ ވެސް ދަރިވަރުންގެ ތަރުބިއްޔަތުގައި އެކުވެގެން ދިޔަ އެވެ.

އުނގަންނައި ދިނުމުގައި އެންމެ ބޮޑު ސަމާލު ކަމެއް ދެނީ ކޮންކަމަކަށްތޯ؟ މާލޭ ސްކޫލެއްގެ ޓީޗަރެއްގެ ގާތު އަހާލީމެވެ. "އަޅުގަނޑު އެންމެ ބޮޑު ސަމާލުކަމެއް ދެނީ އެ ދުވަހެއްގެ ފިލާވަޅުތައް ކުދިންނަށް އަންގައިދޭން" ނަން ހާމަ ކުރަން ބޭނުންވެ ނުލައްވާ އެ ޓީޗަރު ވިދާޅުވި އެވެ. އެ ސްކޫލުގެ ދެވަނަ ޓީޗަރަކާ ވެސް ހަމަ އެ ސުވާލު ކޮށްލީމެވެ. "އަޅުގަނޑު އެންމެ ބޮޑަށް ބަލަނީ ދަރިވަރުންނަށް ރަނގަޅު ނަތީޖާއެއް ހޯދައިދެވޭތޯ" ފަހުން ސުވާލުކުރެވުނު ޓީޗަރު ޖަވާބުދެއްވި އެވެ.

ކިޔަވައިދިނުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައި ތިއްބެވި އަދި ތައުލީމީ ދާއިރާގައި ތަޖުރިބާއާއި ކާމިޔާބުތަކެއް ވެސް ހާސިލު ކުރައްވައިގެން ތިއްބެވި މި ދެންނވި ދެ ޓީޗަރުންނާ ކުރެވުނު ސުވާލުގެ ޖަވާބުގައި ދެ ޓީޗަރުން ވެސް ދެއްވާފައި ވަނީ، ހަމަ ޔަގީނުންވެސް ކިޔަވައިދޭ މީހެއްގެ ފަރާތުން އިވެން ޖެހޭ، އަދި ބެލެނިވެރިން ވެސް އަޑުއަހާލަން ބޭންވާނޭ ފަދަ ޖަވާބެކެވެ. އެހެން ނަމަވެސް މިއިން އެއްވެސް ޓީޗަރަކު، އެއްކަލަ "ތަރުބިއްޔަތު" ހަނދާންވި ހެނެއް ހިޔެއް ނުވެއެވެ. ނޫނީ ތަރުބިއްޔަތު އެހާ މުހިންމު ނޫންކަމަށް ވެސް ވެދާނެ އެވެ.

ތައުލީމީ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ޓީޗަރުންނެކޭ އެއްފަދައިން ސްކޫލުތަކުގެ ވެރިންނަކީ ވެސް މުހިންމު ދައުރެއް އަދާކުރާ ބަޔެކެވެ. އެހެންކަމުން މިކަމާ ގުޅޭ ގޮތުން މާލޭގެ އެންމެ ދުވަސްވީ އެއް ސްކޫލްގެ ޕްރިންސިޕަލްގެ ހިޔާލު ވެސް ހޯދައިލީމެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ އަޅުގަނޑުމެންގެ ދަރިވަރުންގެ ރިޒަލްޓް (ނަތީޖާ)ތައް ރަނގަޅުކުރަން" ސްކޫލުގެ އެންމެ ޒިންމާދާރު މަގާމުގައި ހުންނެވި ފަރާތުގެ ޖަވާބު އިވިގެން ދިޔައެވެ. ނަން ހާމަ ކުރަން ބޭނުންނުވާ އެ ޕްރިންސިޕަލްގެ ހިޔާލާ، ކުރިން ބުނެވި ދިޔަ ދެ ޓީޗަރުންގެ ހިޔާލު ވަރަށް އެއްގޮތެވެ.

އަދި ވެސް އިތުރު ސްކޫލަކަށް ވަދެލީމެވެ. މާލޭގެ ސްކޫލުތަގެ ތެރެއިން ބައިނަލްއަގްވާމީ ފެންވަރުގެ ތައުލީމު ފޯރުކޮށްދޭ އެ ސްކޫލުގެ ޕްރިންސިޕަލުގެ ހިޔާލު، ކުރިން ވާހަކަ ދެކެވުނު ހުރިހާ އެންމެންގެ ހިޔާލާ ތަފާތެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު ފޯކަސް އަކީ (އަމާޒަކީ) ނަތީޖާތައް ރަނގަޅު، ޒިންމާދާރު ދަރިވަރުންތަކެއް އުފެއްދުން" ވާހަކަ ދެކެވެމުންދާ މައުލޫގެ ގޮތުން މިފަހަރު ދިމާވި ޕްރިންސިޕަލު ވެސް ނަން ހާމަކުރަން ބޭނުންފުޅެއް ނުވި އެވެ.

އަނެއްކާ ވެސް އިތުރު ލަފުޒެއްގައި އަޅައިގަތީ އެވެ. "ޒިންމާދާރު" މި ބަހުގެ މާނައަކީ، (1) މަސްއޫލުވެރިޔާ. (2) ކަމެއްގެ ހަވާލުވެރިޔާ. (3) ޒިންމާ އުފުލާމީހާ އެވެ. އެހެންވީމާ، ރަނގަޅު ތައުލީމެއް ދަރީންނަށް ހޯދައިދޭން ފެންވަރު ރަނގަޅު ސްކޫލުތަކަށް މި ގެންދަނީ، އެ ކުދީންނަކީ، މުސްތަގުބަލުގައި ބޮޑެތި ޒިންމާތަކެއް އުފުލާނެ، މަސްއޫލިއްޔަތުތަކެއް އަދާކުރާނެ ފަދަ ވެރިޔަކަށް ހެދުމަށެވެ. އެހެން ކަމަށްވާ ނަމަ، ކިތަންމެ މޮޅު ތައުލީމެއް ހޯދައިގެން ހުރި ނަމަވެސް ރަނގަޅު "ތަރުބިއްޔަތެއް" ދެވިފައި ނެތް ނަމަ ޒިންމާދާރު ވާނެބާ އެވެ.

އިލްމީ ގޮތުން ކިތަންމެ ބޮޑު ކުރިއެރުމެއް ހޯދި ނަމަވެސް އަހަރެމެންގެ ތެރޭގައި ރަނގަޅު "ތަރުބިއްޔަތު" ލިބިފައި ތިބި މީހުންނަކީ ނުވަތަ ކުދީންނަކީ ވެސް އިނގިލީން ގުނާލެވޭ ވަރަށް މަދުވެފައިވާ ބައެކެވެ. މީގެ ހެކި ރެޔާ ދުވާލު މިދަނީ ފެނި ދެނިވަމުން ނެވެ.

"އެގޭ ކުރިމަތީ ދެ ކުއްޖަކު ގައިގަ ކަޓަރު އަޅައިގެން އެބަ އުޅޭ"، "އެވެނި ގެއެއްގެ ތެރޭގައި މަސްތުވެގެން ބަދުއަހުލާގީ އަމަލު ހިންގާން ތިބި ބަޔަކު ފުލުހުން ހައްޔަރުކޮށްފި"، "އެވެނި ރަށެއްގައި ބޮޑު ވައްކަމެއް ކޮށްފި، މިވެނި ރަށެއްގައި މީހަކު މަރާލައިފި"، "އަޑިޕާކުތެރޭގައި ގްރޫޕެއް މާރާމާރީ ހިންގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަޚަމު ކޮށްލައިފި"، މިފަދަ ވާހަކަތައް އަހަރެމެންގެ ތެރޭގައި މިވަނީ މިހާރު އާންމު ވެފަ އެވެ. މިއީކީ ދުވަހަކު ވެސް ސްކޫލަށް ނުދާ ނުވަތަ ނުކިޔަވައި ތިބި ކުދީންތަކެއް، ޒުވާނުންތަކެއް، ނުވަތަ ބޮޑެތި މީހުންތަކެއް ވެސް ކުރާކަންތައްތަކެއް ނޫނުވެ. ގިނަފަހަރު އެފަދަ ކުށްތަކަށް އަރައިގަނެފައި ތިބެނީ ކޮންމެ ވެސް ވަރަކަށް ކިޔަވައިގެން ތިބި ނަމަވެސް، ރަނގަޅު ތަރުބިއްޔަތެއް ނުދެވި ތިއްބާ ބޮޑެތި ވެފައިވާކުދީންކަން، ކަމާ ގުޅޭ އެކި އިދާރާތަކުން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގެ އެވެ.

ތައުލީމީ ދާއިރާއަށް އެންމެ ބޮޑު އިންގިލާބެއް ގެނެވޭނީ ހަމަ ގައިމު ވެސް އެ ދާއިރާގެ ބެލެނިވެރި ފަރާތްކަމުގައިވާ ރާއްޖޭގެ ތައުލީމީ ވުޒާރާއަށެވެ. ކުރިޔަށް އޮތް ދިރާސީ އަހަރުގެ ކިޔެވުން ފެށޭން ވާއިރަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ތައުލީމީ އާ މަންހަޖެއް އެކުލަވައިލާފަ އެވެ. އަހަރެމެން އެންމެންގެ ވެސް އުއްމީދަކީ ރާއްޖޭގެ ތައުލީމީ އާ މަންހަޖަކީ، ތައުލީމާ އެއްވަރަށް ތަރުބިއްޔަތުގެ ބައިވެސް ހިމަނާފައިވާ، އަދުގެ ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނޭ މަންޙަޖަކަށްވުމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް