ނިލަންދޫ ދާއިރާގެ މެމްބަރު ހަލީލު ޕީޕީއެމް އަށް ސޮއިކުރައްވައިފި

މިނިވަން މެންބަރެއްގެ ގޮތުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލު ޕީޕީއެމް އަށް ސޮއިކުރައްވައިފި އެވެ.
~
އޭނާ ޕީޕީއެމް އަށް ސޮއިކުރެއްވީ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމާއެކު މިއަދު މެންދުރު މުލިއާގޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
'
އެ ރަސްމިއްޔާތުގައި ހަލީލު ޕީޕީއެމަށް ސޮއި ކުރައްވައި، އޭނާގެ މެމްބާޝިޕް ފޯމް ރައީސަށް ހަވާލު ކުރެއްވުމުން ރައީސް ޔާމިން ވިދާޅުވީ ހަލީލަކީ ބިނާކުރަނިވި މަސައްކަތްތަކެއް ކުރެވޭވަރުގެ "ކެޕޭސިޓީ" ހުރި ބޭފުޅެއް ކަމަށާއި ސަރުކާރު ހިންގުމުގެ ގާބިލް ކަމާއި އަތޮޅު ތެރޭގެ ހާލަތު ހާލީލަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މަޖިލީހުގެ މެމްބަރުން ޕީޕީއެމަށް ގުޅިވަޑައިގެންނެވި މިންވަރަކުން ސަރުކާރުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ. ސަރުކާރު ހިންގާ ޕީޕީއެމަށް މަޖިލީހުގެ ސާފު އަގުލަބިއްތު ހޯދަން ޝައުގުވެރިކަން އެބަހުރި ކަމަށާއި ސާފު އަގުލަބިއްޔަތު ހޯދަން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޔާމިން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕާޓީއަށް، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ވަދެވަޑައިގެންނެވި މިންވަރަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދެވޭނެ،" ރައީސް ޔާމިން ވިދާޅުވި އެވެ.

ހަލީލު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ހަޔާތް ފެށުނީ ޕީޕީއެމްގައި މިހާރު ތިއްބެވި ބޭފުޅުންގެ އަރިހުގައި ކަމަށާއި މުސްތަގުބަލުގައި ވެސް މަސައްކަތް ކުރަން އެންމެ ފަސޭހަ ޓީމެއް އޮތީ ޕީޕިއެމްގެ ތެރޭގައި ކަމަށެވެ.

ޕީޕީއެމަށް ސޮއި ކުރެއްވުމުގައި އެންމެ ބޮޑަށް ބެއްލެވީ ޕީޕީއެމްގެ މެނިފެސްޓޯއަށް ކަމަށާއި އޭގެ ތެރެއިން ސަރުކާރުގެ އިގްތިސާދީ އެޖެންޑާއަށް ވަރަށް ބޮޑަށް ތާއިދު ކުރައްވާ ކަމަށް ހަލީލް ވިދާޅުވި އެވެ. އިގްތިސާދީ އެޖެންޑާ ތަންފީޒު ކުރުމުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ތެރެއިން ކުރެވެން އޮތް މަސައްކަތްތަކެއް ކުރާނެ ކަމަށް ހަލީލު ވިދާޅުވި އެވެ.

ޚަލީލް ޕީޕީއެމަށް ސޮއިކުރެއްވުމާއެކު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އަދަދު 38 ކަށް ވަނީ އަރާފައެވެ. އެމްޑީއޭގެ ފަސް މެމްބަރުންނާ އެކު މަޖިލީހުގައި ޕްރޮގްރަސިވް ކޯލިޝަން ތަމްސީލުކުރައްވާ މެމްބަރުންގެ އަދަދަކީ 43 އެވެ.

ޚަލީލް ޕީޕީއެމް އަށް ސޮއިކުރެއްވުމާއެކު އަމިއްލަގޮތުން ވާދަކުރެއްވި މެމްބަރުންގެ ތެރެއިން މިހާތަނަށް ޕާޓީއަކާ ގުޅިވަޑައިނުގެން ހުންނެވީ އެންމެ މެމްބަރެކެވެ. އެއީ މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދެވެ.

comment ކޮމެންޓް