ބީޓްސް ހެޑްފޯން ހަދާ ކުންފުނި 3 ބިލިޔަން ޑޮލަރަށް ގަންނަން އެޕަލް އިން އެއްބަސްވެއްޖެ

ބީޓްސް ހެޑްފޯން އުފައްދާ އަދި މިއުޒިކް ސްޓްރީމިން ހިދުމަތްދޭ، ބީޓްސް އިލެކްޓްރޯނިކްސް ތިން ބިލިޔަން އެމެރިކާ ޑޮލަރަށް ގަތުމަށް އެ ކުންފުންޏާ އެކު އެއްބަސްވުމަކަށް އާދެވިފައި ވާ ކަމަށް އެޕަލް އިން ބުނެފި އެވެ.

އެޕަލްއަށް ބީޓްސް ގަންނަ އިރު ދެ ފަރާތުން އެެއްބަސްވެފައިވާ ގޮތުން ބީޓްސްގެ ކޯ-ފައުންޑަރުން ކަމަށްވާ މަޝްހޫރު ހިޕް-ހޮޕް ސްޓާ ޑރ.ޑްރޭ އާއި މިއުޒިކް ޕްރޮޑިއުސަރު ޖިމީ އައުވައިން ވެސް އެޕަލްއާ ގުޅޭނޭ ކަމަށް ބީބީސީގައިވެ އެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ، އެޕަލްގެ މި ނިންމުމުގެ ސަބަބުން އެ ކުންފުނިން ކުރަމުން ގެންދާ މިއުޒިކްގެ ވިޔަފާރި އިތުރަށް ފުޅާވެ ވަރުގަދަވެގެން ދާނެ ކަމަށެވެ.

އެޕަލްގެ ބަޔާނެއްގައި ބުނެފައި ވަނީ، އެއްބަސްވުމުގެ ދަށުން ބީޓްސް އަށް ފުރަތަމަ ޕޭމަންޓުގެ ގޮތުގައި 2.6 ބިލިއަން ޑޮލަރު ދިނުމަށް ނިންމާފައި ވާ ކަމަށެވެ. އަދި ބާކީ 400 މިލިޔަން ޑޮލަރު ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި ދައްކައި ހަލާސް ކުރާނެ ކަމަށެވެ.

ޖިމީ އާއި ޑރ. ޑްރޭ ގުޅިގެން ބީޓްސް އުފެއްދީ 2008 ވަނަ އަހަރު އެވެ. އަދި އެ ކުންފުންޏަށް މިހާތަނަށް އެންމެ ބޮޑު މަޝްހޫރު ކަމެއް ލިބިފައި ވަނީ، އެ ކުންފުނީގެ ހެޑްފޯންތަކުގެ ސަބަބުންނެވެ. އަދި ސަބްސްކްރައިބް ކުރާ ގޮތަށް އެ ކުންފުނިން މިއުޒިކް ސްޓްރީމިން ހިދުމަތް ފަށާފައި ވަނީ، މި އަހަރުގެ ކުރީ ކޮޅު އެވެ.

އެޕަލް އިން ބީޓްސް ގަތުމުގެ ހުރިހާ ކަމެއް ނިމިފައިވާ އިރު އެ ކުންފުނީގެ އައިޓިއުންސް ހިދުމަތަކީ މިހާރު ވެސް ދުނިޔޭގެ އެންމެ ބޮޑު މިއުޒިކް ޑައުންލޯޑް ހިދުމަތެވެ. އަދި މިދިޔަ އަހަރު އެ ކުންފުނިން ވަނީ އައިޓިއުންސް ރޭޑިއޯގެ ހިދުމަތް ވެސް ތައާރަފުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު