އިންވެސްޓް ފޯރަމާ އެކު ތަރައްގީގެ އާ އުންމީދުތަކެއް

ސިންގަޕޫރުން: އަހުމަދު މުޖުތަބާ

ދިވެހިރާއްޖެ ތަރައްގީގެ އާ އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ދިވެހި ސަރުކާރުން އިންތިޒާމްކޮށްގެން ރާއްޖެ އިން ބޭރުގައި ބޭއްވި އެންމެ ފުރަތަމަ އިގްތިސާދީ ބައްދަލުވުން ކަމަށްވާ، މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް 2014 މިއަދު ވަނީ، އޭޝިއާގެ ވިޔަފާރީގެ މައި "ހަބު"ގެ ގޮތުގައި ބެލެވޭ ސިންގަޕޫރުގައި ބާއްވައިފަ އެވެ.

ވިޔަފާރިއާއި އިގްތިސާދީ އަދި އެނޫން ވެސް ބޮޑެތި ފޯރަމްތައް ބާއްވާ، ސިންގަޕޫރުގެ އެންމެ މަޝްހޫރު އެއް ހޮޓެލް ކަމަށްވާ، މެރީނާ ބޭ ސޭންޑްސް ހޮޓެލްގައި އިއްޔެ ކުރިއަށް ގެންދިޔަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި 500 އަށް ވުރެ ގިނަ އިންވެސްޓަރުން ބައިވެރިވެފައިވާ އިރު، ދުނިޔޭގެ 16 ގައުމަކުން 200 އަށްވުރެ ގިނަ އިންވެސްޓަރުން އޭގެ ތެރޭގައި ހިމެނިގެން ދިއުމަކީ، މިފަދަ އިންވެސްޓް ފޯރަމެއް ރާއްޖެ އަށް މުހިއްމު ކަމުގެ ދެބަސްވެވެން ނެތް ހަގީގަތެކެވެ.

އިންވެސްޓްމަންޓް ފޯރަމް ހުޅުއްވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ، އިގްތިސާދީ ހެޔޮ ބަދަލަކީ މި ސަރުކާރުގެ މުހިއްމު އެއް ވައުދުކަމަށާއި އެކަމަށްޓަކައި ގެންނަވަން ޖެހޭ ހުރިހާ ބަދަލެއް ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް ގެންނެވުމަށް މި ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ. އަދި މި އިންވެސްޓްމެންޓް ފޯރަމްގައި ތައާރަފް ކުރި މަޝްރޫއުތަކުގެ ސަބަބުން ދެކުނު އޭޝިޔާ އާއި ދުނިޔޭގެ އެހެން ހިސާބުތަކާ އެކު ވިޔަފާރިއާއި އުފެންދުންތެރިކަމުގެ ރޮނގުން ގުޅުވާލަދޭ މައި ނާރެހަކަށް ރާއްޖެ ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ރާއްޖެ ތަރައްގީކުރުމަށް ބޮޑެތި ބިޔަ މަޝްރޫއުތަކެއް ހާމަވެގެންދިޔައިރު، އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް، އެދިއެދި ތިބި އެތަކެއް ފޮރިން އިންވެސްޓަރުންނެއް ތިބިކަމީ، ފޯރަމް އިންތިޒާމްކުރި އިކޮނިމިކް މިނިސްޓްރީން ރާއްޖޭގެ ތަރައްގީ އަށް ކުރަމުން އަންނަ އުންމީދުތަކުގައި ހަގީގީ ކުލަޖެހުމުގެ ފެށުން ކަމުގައި މިނިސްޓަރު މުހައްމަދު ސައީދު ސައީދު ވިދާޅުވި އެވެ.

"މި އިންވެސްޓްމަންޓް ފޯރަމްގައި މިހާ ބޮޑު ތަރުހީބެއް ލިބުމުން އަޅުގަނޑު ވަރަށް ބޮޑަށް އިމްޕްރެސް ވެއްޖެ. ދެން މީގެ ތެރެއިން ގާތްގަނޑަކަށް 60 އިންސައްތައަކީ ފޮރިން އިންވެސްޓަރުން. މިހާރުވެސް ވަރަށް ބޮޑު ޝައުގުވެރިކަމެއް އެބޭފުޅުންގެ ފަރާތުން އެބަ ލިބޭ އަޅުގަނޑުމެން ހުޅުވާލި ޕްރޮޖެކްޓްތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ނިމިގެން ދިޔަ އިންވެސްޓްމެންޓް ފޯރަމުގައި ވަނީ، ރާއްޖޭގައި ހިންގުމަށް ރާވާފައިވާ ތަރައްގީގެ ބިޔަ ފަސް ޕްރޮޖެކްޓެއް ހިންގަން ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ފުރުސަތު ހުޅުވާލައިފަ އެވެ. އެގޮތުން އިހަވަންދިއްޕޮޅު އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް، "އައިހެވަން" އާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރުމުގެ ޕްރޮޖެކްޓާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމުގެ މަޝްރޫއާއި މިހާރު ބޭނުންކުރާ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް އެތަން ތަރައްގީ ކުރުމުގެ މަޝްރޫއު އަދި ރާއްޖޭގެ ސަރަހައްދުން ތެލާއި ގޭސް ނެގުން ފަދަ ބޮޑެތި މަޝްރޫއުތަކެއް ވަނީ، ފޮރިން އިންވެސްޓަރުންގެ ތެރެއިން އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވައިލާފަ އެވެ.

ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތައް މިހާރު ވެސް ކޮށްގެންތިބި މަޝްހޫރު އިންވެސްޓަރުން ބައިވެރިވި މި ފޯރަމުގައި އެފަދަ އިންވެސްޓަރުން ވެސް ވަނީ، އެފަރާތްތަކުން ރާއްޖެއާ ދޭތެރެ ދެކޭގޮތް ހާމަކޮށްފަ އެވެ. އެގޮތުން ރާއްޖޭގައި ސީޕްލޭންގެ ހިދުމަތްދެމުން ދިޔަ ދެ ކުންފުނީގެ ހިއްސާ ގަތުމަށް ފަހު ޓީއެމްއޭގެ ނަމުގައި އެއާޓެކްސީގެ ހިދުމަތް ރާއްޖެ އަށް ދެމުން ގެންދާ، އެމެރިކާގެ މަޝްހޫރު ބްލެކްސްޓޯންގެ އިންޑިއާ ކުންފުނީގެ ސީނިއާ މެނޭޖިން ޑައިރެކްޓަރު އަދި ޗެއާމަން އާޚިލް ގުޕްތާ ވިދާޅުވީ، ދިވެހިންނަކީ އިންވެސްޓަރުންނަށް އިހްތިރާމާއި ގަދަރު ކުރާ ބައެއް ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އޮތް ސިޔާސީ ހަމަޖެހުން އަބަދުވެސް މިގޮތަށް އޮތުމަކީ، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެއާ ދޭތެރޭގައި އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަށް މުހިއްމު ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ހަމަ އެކަނި ގުޕްތާގެ ވާހަކަ ހުރިގޮތެއް ނޫނެވެ. ފޯރަމްގައި ބައިވެރިވި ހުރިހާ އިންވެސްޓަރުން ވެސް އަދި ރާއްޖޭގެ ވިޔަފާރިވެރިންނާއި ސަރުކާރުގެ އިސްވެރިންގެ ވިސްނުންފުޅަކީ ވެސް ހަމަ މިއީ އެވެ. ރާއްޖެ ތަރައްގީކުރުމަށް، ސިޔާސީ ކޯޅުންތަކާ ދުރުވެ، މަޑުމައިތިރިކަމާއި ވިސްނުންތެރިކަމާ އެކު އިގްތިސާދީ މައިދާނުގައި ފައިތިލަ ސާބިތުކުރަން ޖެހެ އެވެ.

"އަޅުގަނޑުމެންގެ މި އިންވެސްޓްމަންޓް ފޯރަމްގެ ކާމިޔާބަށް ބަލާއިރު ވަރަށް ގިނަ ބޭފުޅުން ގަބޫލުކުރޭ އަޅުގަނޑުމެން ވަރަށް އުނދަގޫ މަރުހަލާއެއްގައި، ވަރަށް ކެތްތެރިކަމާ އެކު، ސްޓޭބަލް ސަރުކާރަކާ އެކު ވިޔަފާރި އަށް ހުޅުވާލައި ގައުމަށް ހަމަޖެހުން ގެނެސްފިކަން،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް ޓަކައި، އިގްދިސާދު އެކި ދާއިރާތަކަށް ބެހިގެން ގޮސް ހަމަހަމަކަމާ އެކު ހުރިހާ ދާއިރާއެއް ވެސް ތަރައްގީ ކުރުމަކީ، ފުރިހަމަ އިގްތިސާދެއް ބިނާކުރުމުގެ މުހިއްމު ރުކުނެއް ކަމުގައި މިނިސްޓަރު ސައީދު ދެކެވަޑައިގަންނަވަ އެވެ.

"މިއަދު އަޅުގަނޑުމެން މި ދައްކުވައިދިނީ، އަޅުގަނޑުމެންނަކީ ހަމައެކަނި، ޓޫރިޒަމްއަށް ބަރޯސާވެފައި އޮންނަ ތަނެއް ނޫންކަން. މިތަނަށް އައިސްތިބި އިންވެސްޓަރުންގެ ތެރޭގައި އެބަތި، ދުނިޔޭގެ ވަރަށް ބޮޑެތި ޝިޕް އޮޕަރޭޓްކުރާ ފަރާތްތައް. ޝިޕިންގް ލައިނާސް، ޕޯޓް ބިލްޑްކުރާ ފަރާތްތައް އޮޕްރޭޓް ކުރާ ފަރާތްތައް. ބިލްޑްކޮށް ފައިނޭންސްކުރާ ފަރާތްތައް، ވިޔަފާރީގެ ރިއަލްއެސްޓޭޓް ޑިވެލޮޕާސް، ބޭންކާސް އިނގޭތޯ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އަދީބުގެ ވާހަކަފުޅު ވެސް ހުރީ ހަމަ އެހާމެ އުންމީދީގޮތެއްގަ އެވެ. އެމަނިކުފާނު ވިދާޅުވީ، ނިމިގެންދިޔަ އިންވެސްޓްމަންޓް ފޯރަަމަކީ، ރާއްޖެއަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް، ވަރަށް ރަނގަޅު މެސެޖެއް ފޯރުކޮށްދެވުނު ކާމިޔާބު ފޯރަމެއް ކަމަށެވެ. އަދި މި ފޯރަމްގެ ހުޅުވުމުގެ ރަސްމިއްޔާތާއި، ފޯރަމްގައި ކުރިއަށް ގެންދެވުނު މަޝްވަރާތަކަށް ފަހު، އިންވެސްޓަރުން ރާއްޖެއާ ދޭތެރޭގައި އުންމީދީ ނަޒަރަކުން ދެކޭ ކަމަށް އަދީބު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި ފޯރަމާ ގުޅޭ ގޮތުން ވަރަށް ޕޮޒިޓިވް ފީޑްބެކްތަކެއް ލިބެމުން މިދަނީ. މިއީ އަޅުގަނޑުމެންގެ ސަރުކާރުން ބޭއްވި ފުރަތަމަ ފޯރަމް ކަމުގައިވީ ނަމަވެސް މިއީކީ އެންމެ ފަހަރަކުން ނިންމައިލާނެ ކަމެއް ނޫން. މީގެ އެތައް އިންވެސްޓްމަންޓް ފޯރަމްތަކެއް ކުރިއަށް އޮތްތާނގައި ބޭއްވިގެންދާނެ،" އަދީބު ވިދާޅުވި އެވެ. "ދެން އަޅުގަނޑުމެން މިފަދަ ފޯރަމެއް ބާއްވައިގެން ދޭން ބޭނުންވާ މެސެޖު މިވަނީ، ވަރަށް ފުރިހަމައަށް ފޯރުކޮށްދެވިފައި."

ރާއްޖެ ތަރައްގީގެ އާ ހަރުފަތްތަކަކަށް ގެންދިއުމަށް ބޭނުންވަނީ، ހިކުމަތްތެރިކަމާ އެކު މަސައްކަތް ކުރުމެވެ. އަދި ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެއާ މެދު އިތުބާރު ހިފޭނެ ފަދަ ގޮތަކަށް ރާއްޖޭގެ އިންވެސްޓަރުންނާ ބެހޭ ގާނޫނުތައް އިސްލާހުކޮށް، ރާއްޖޭގެ ސިޔާސީ މަޝްރަހު އޮމާންކަމާއެކުކީ ބާއްވައިފި ނަމަ އަޅުގަނޑުމެން ދިވެހި ބޭނުންވާ ފަދަ ތަރައްގީއެއް ފެނުމަކީ ދުރުގައިވާ ކަމެއް ނޫންކަމަށް، މި ފޯރަމުން ދިމާވި ބޭރުގެ ގިނަ އިންވެސްޓަރުންނާއި އަދި ރާއްޖޭގެ ވިޔަފާރިވެރިން ވެސް ގަބޫލުކުރެ އެވެ.

ޒުވާނުންންނަށް ހާއްސަ އިސްކަމެއް ދީގެން ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް މިހާރު ވެސް ފެށިގެން ގޮސްފައިވާއިރު، ޔޫތު މިނިސްޓަރު މަލީހު ވެސް ވިދާޅުވީ، މި ބޭއްވި ފޯރަމަކީ ރާއްޖެ އަށް ވަރަށް ބޮޑެތި އުންމީދުތަކެއް ގެނުވައިދިން ފޯރަމެއް ކަމަށެވެ. އަދި، މި ފޯރަމްގެ މަގުސަތު ކިތަންމެ ރަނގަޅަކަށް ވެސް ހާސިލުވެއްޖެ ކަމަށް މަލީހު ވިދާޅުވި އެވެ.

ސިންގަޕޫރުގައި ނިމިގެންދިޔަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމަށް ފަހު ދެން މިފަދަ ފޯރަމެއް އެންމެ އަވަހަށް ބޭއްވުމަށް ހަމަޖެހިފައި ވަނީ، ޗައިނާގެ ވިޔަފާރީގެ މަރުކަޒު ޝަންހާއީގަ އެވެ. އިކޮނޮމިކް މިނިސްޓަރު ދެކެވަޑައިގަންނަވާ ގޮތުގައި ސިންގަޕޫރުގެ ފޯރަމުން ހާސިލްވާ ލަނޑުދަނޑިތަކާ އެކު ޝަންހާއީގައި ބާއްވާ ފޯރަމް އަދި މިއަށް ވުރެވެސް ފުރިހަމަ ވާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މުޅިގައުމުގެ ތަރައްގީ އަށް އާ އުންމީދުތަކެއް ގެނުވަމުން، މެރީނާ ބޭ ސޭންޑްސްގައި ކުރިއަށް ގެންދިޔަ އިންވެސްޓްމެންޓް ފޯރަމް ނިންމާލީ، ބައިވެރިންނަށް ބޭއްވި ހާއްސަ، "ގާލާ ޑިނާ"އަކާ އެކު އެވެ.
ފޯރަމް ނިންމައިލުމުގެ ގޮތުން ދެއްވި ކުރު ތަގުރީރެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖެ އޮތީ ހުރިހާ އިންވެސްޓަރުންނަށް ވެސް ހުޅުވާލެފިވައި ކަމަށާއި ތަރައްގީއާ ގުޅުން ހުރި ހުރިހާ އިންވެސްޓްމަންޓްތަކަށް ވެސް ރާއްޖެ އިން އުފަލާ އެކު މަރުހަބާ ކިޔާނެ ކަމަށެވެ.

ސަރުކާރުގެ ވައުދަކީ، ކުރިއަށް ފަސްއަހަރުގެ ވެރިކަމެއް ނިމިގެންދާ އިރު، ރައްޔިތުން އެދޭ ފަދަ ތަރައްގީގެ މަޝްރޫއުތަކެއް ގާއިމްވެގެން ދިއުމެވެ. އަދި ރައްޔިތުން ދެކެމުންދާ ތަރައްގީގެ ހުވަފެންތަކުގައި ހަގީގީ ކުލަޖޭހޭނެ ކަމާ މެދު ސަރުކާރުގެ އެއްވެސް ވެރިއަކު ޝައްކެއް ނުކުރެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް