ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނުގެ ދައިތާފުޅު އަދި ކުރީގެ ވަޒީރު މިދުހަތު ޙިލްމީގެ މަންމާފުޅު ސަކީނާ ޢަބްދުލްޤައްޔޫމް އަވަހާރަވެއްޖެ އެވެ. ސަކީނާ، 95، އަވަހާރަވީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލުގަ އެވެ. ސަކީނާގެ ޖަނާޒާ ބާއްވައިފައި ވަނީ ރޭގެ އިޝާނަމަށް ފަހު އެވެ. ސަކީނާ ޢަބްދުލްޤައްޔޫމަކީ ކުރީގެ ރައީސް މުޙައްމަދު އަމީނުގެ ދައުރުން ފެށިގެން އަންހެނުންގެ ތަރައްގީ އަށް ކުރެވުނު ގިނަ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވި ބޭކަނބަލެކެވެ. މި ގޮތުން މާލޭގެ އަވަށްތަކުގެ އަންހެނުންގެ ހަރަކާތްތަކުގައި ސަކީނާ ވަނީ ވަރަށް އިސްކޮށް އުޅުއްވައިފަ އެވެ. މީގެ އިތުރުން ސަކީނާއަކީ ޅެންވެރިކަމާއި ލިޔުންތެރިކަމުގައި ވެސް ފާހަގަ ކުރެވޭ ބޭކަނބަލެކެވެ. ސަކީނާ އަވަހާރަވި އިރު ރައީސް މައުމޫން ހުންނެވީ އަމިއްލަފުޅު ދަތުރެއްގައި މެލޭޝިއާގަ އެވެ.