ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަން 2008 ވަނަ އަހަރު މުހައްމަދު ނަޝީދުގެ އަތްމައްޗަށް ފުރޮޅުނު ދުވަހު ޓީވީ މޯލްޑިވްސްގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އަޅުގަނޑު ވެސް ބައިވެރިވީމެވެ.
"އިއްތިހާދު"ގެ ބައިވެރިންނާ އެކު ނަޝީދު ބޭއްވި ނޫސްކޮންފަރެންސުގައި ވިދާޅުވީ އިންތިހާބުގެ ނަތީޖާ ވަރަށް ސާފު ކަމަށެވެ؛ އަދި ވިދާޅުވި އެވެ: "ކަލޭ އެކަނި ތިޔަކަން ކުރަން ނޫޅޭށެވެ؛ އިންތިހާބުގެ ނަތީޖާއަކީ އެއީއެއް ނޫންނެވެ" އަދި ނަޝީދު ވިދާޅުވީ ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް އޭނާގެ ހަނދަމަފުޅުން އެކަން ފުހެވިގެން ނުދާނެ ކަމަށެވެ.

ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. "އިއްތިހާދުގެ ސަރުކާރަށް" 21 ދުވަސް ނުވަނީސް ހޯމް މިނިސްޓަރު ގާސިމް އިބްރާހީމް އިސްތިއުފާ ދެއްވައިފި އެވެ. ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރު ޑރ. ހަސަން ސައީދުގެ އިސްތިއުފާއައީ އޭގެ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. ނަމަވެސް އެ ސަރުކާރަށް 100 ދުވަސް ނުވަނީސް ހަސަން ވެސް އިސްތިއުފާ ދެއްވައިފި އެވެ.

ހަސަން އާއި ގާސިމް ކޯލިޝަން ސަރުކާރުން ވަކިވެވަޑައިގަތް އިރު، އެ ދެ ބޭފުޅުންނަކީ 2008 ވަނަ އަހަރުގެ ފުރަތަމަ ފުރަތަމަ ބުރުގެ ރިޔާސީ ރޭހުގައި ވާދަކުރައްވައި ބޮޑެތި ކާމިޔާބީތަކެއް ހޯއްދެވި ބޭފުޅުންނެވެ؛ ފުރަތަމަ ބުރުގެ އިންތިހާބުން ނަޝީދަށް 25 ޕަސެންޓް ވޯޓު ލިބިވަޑައިގަތް އިރު، ޑރ. ހަސަން ސައީދު މުޅި ވޯޓުގެ 17 ޕަސެންޓް ހޯއްދެވި އެވެ. ގާސިމް އިބްރާހީމް 15 ޕަސެންޓް ވޯޓު ލިބިވަޑައިގަތެވެ.

އެ ދެ ބޭފުޅުން ކޯލިޝަން ސަރުކާރަކުން ވަކިވެވަޑައިގަތީ އެފަދަ ކޯލިޝަނެއް ހިންގުމަށް ރަނގަޅު ހިޔާލުތަކެއް ހުށަހަޅުއްވައި އެކަން ނުހިނގުމުންނެވެ. އެއޭގެ އެއް ހުށަހެޅުމަކީ ކޯލިޝަން ކައުންސިލަކުން ސަރުކާރު ހިންގުމުގެ ވިސްނުމެވެ. މާނައަކީ ވަޒީފާތަކަށް މީހުން ލެއްވުމާއި ބޮޑެތި މަޝްރޫއުތައް ހިންގާނެ ގޮތުގެ ތަސުއްވުރެއް އެ ކައުންސިލުން ރާވައި ބެލެހެއްޓުމެވެ. ނަމަވެސް ނަޝީދު ހީފުޅުކުރެއްވީ ރިޔާސީ ނިޒާމަކީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުމަތީގައި ހުރިހާ ބާރެއް ވެސް އޮންނަ ނިޒާމެއް ކަމުން އެ ބޭފުޅުންނާ ދެމެދު ވެފައިވާ އެއްބަސްވުންތަކަށް އަމަލު ނުކުރައްވައި މުޅި ސަރުކާރުގެ "ބާރުތައް އަތްޕުޅު މައްޗަށް ނެންގެވިއަސް" ވާނެ ކަމެއް ނޯންނާނެ ކަމަށެވެ.

ޖެހިގެން އައި އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނަޝީދުގެ އެމްޑީޕީން ނުކުތީ ވެސް ކޯލިޝަނަށް ގޮންޖަހައި އެ ފޯރިއާއި ޖޯޝާ އެކު އެވެ؛ ހަތްދިހަ ހަތް މެންބަރުންގެ މަޖިލީހުގެ 55 ގޮނޑި ނަގާނެ ކަމުގެ ގަދަފަދަކަން ދައްކަމުންނެވެ. ނަމަވެސް ރައްޔިތުން ބުނީ ކީކޭތޯ އެވެ؟ "ކަލޭ އެކަނި ތިޔަކަންތައް ކުރަން ނޫޅޭށެވެ". އެ އިންތިހާބުގައި އެމްޑީޕީއަށް ލިބުނީ 25 ގޮޑި އެވެ. ވިދިގެން އައި ލޯކަލް ކައުންސިލްގެ އިންތިހާބުގައި ވެސް ރައްޔިތުން ދިން މެސެޖަކީ އެއީ އެވެ. "ކަލޭ އެކަނި މުޅި ކޭކުކާން ނޫޅޭށެވެ".

ފަސް އަހަރަށް ފަހު މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ހަތަރު ފަސް ޕާޓީއަކުން ވާދަކުރުމަށް ތައްޔާރުވަމުން އަންނަ އިރު ފެންނަނީ އެއްކަމެއް ތަޖުރިބާ ކުރަން އުޅޭ މަންޒަރެވެ. ވަކިވަކިން އިންތިހާބުގައި ވާދަކޮށް ޓެސްޓް ކުރަން އުޅޭ މަންޒަރެވެ. އެގޮތަށް ވަކިވަކީން މި ފަހަރުގެ އިންތިހާބުގައި ޕާޓީތަކުން ވާދަކޮށްފި ނަމަ އެއް ކަމެއް ރިޕީޓްވުކަކީ ގާތްކަމެކެވެ؛ އެއީ އެއްވެސް ބަޔަކަށް އިންތިހާބުގެ ފުރަތަމަ ބުރުން ކާމިޔާބު ނުވުމެވެ. ނަމަވެސް ކުރީ ފަހަރު ރައީސް މައުމޫން އަބްދުލްގައްޔޫމް ފުރަތަމަ ބުރުން ގިނަ ވޯޓުތަކެއް ހޯއްދެވި ގޮތަށް އެއް ޕާޓީއަކުން އެންމެ ގިނަ ވޯޓު މިފަހަރު ނަޝީދު ހޯއްދެވުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް އެއީ މުޅި އިންތިހާބު އެއްބުރުން ނިންމިދާނެ ވަރާ ގާތްކުރާ އަދަދެއް ކަމަށް ވެސް ނަޝީދު ހީފުޅުކުރެއްވުމަކީ ކުށްހީއެއް ކަމަށް ގަބޫލު ކުރަން ޖެހެ އެވެ. އެހެނީ ސިޔާސީ ވެށި މިނާނީ ވޯޓުން ކަމަށްވާ އިރު، ވޭތުވެ ދިޔަ ވިއްސަކަށް ބައި އިލެކްޝަނުން އެ ނަތީޖާ އެމްޑީޕީ އަށް ނެރެވިފައި ނުވާތީ އެވެ.

ނަޝީދު އެއްބުރެއްގެ ވާހަކަ މާ އަޑުހަރުކޮށް އެ ދައްކަވަނީ ކުރީ ފަހަރު، ކުރީގެ ރައީސް މައުމޫންގެ ޑީއާރުޕީން އެންމެ ގިނަ ވޯޓު ނެގިޔަސް، ފަހު ބުރުގެ ނަތީޖާ ނުކުތް ގޮތް ނަޝީދަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީ އެވެ. އެއީ ނަޝީދާ އެކު ކޯލިޝަން ހަދާނެ ޕާޓީއެއް އަދި ނުފެންނާތީ އަދި ކުރިއަށް އޮތްތަނުގައި ވެސް، ނަޝީދުގެ މާޒީ އަށް ބަލާ އިރު، އެއީ ވުމަށް ވުރެ ދުރު ކަމަކަށް ވާތީ ނަޝީދު ޖައްސަވާ ބެރެކެވެ. އެ ބެރު ނަޝީދު ޖައްސަވަން ވެސް ޖެހެ އެވެ. އެއީ އެ ނޫން ގޮތެއް ނަޝީދަށް ކުރިމަތީން ނުފެންނާތީ އެވެ.

ފެންނަ މަންޒަރުތަކަށް ބަލާ އިރު، މި ފަހަރު މި އޮތީ ތިން ދިމާލެވެ. އެއީ ކުރީ ފަހަރު މައުމޫން އެއް ފަރާތް ކުރުމަށް މަސައްކަތް ކުރި ގޮތަށް ވަރަށް ވަރުގަދަ އަށް ނަޝީދަށް އިތުރު ފުރުސަތެއް ނުދިނުމަށް މަސައްކަތް ކުރާ ބަޔަކާއި ނަޝީދާ އެއްކޮޅު ބަޔަކާއި އަދި މާޒީގެ އެއްވެސް ކަމެއް ތަކުރާރު ވުމަށް ނޭދޭ ބަޔެކެވެ؛ އެއަށް ތިން ވަނަ ފިކުރޭ ވެސް ކިޔަ އެވެ. އެމްޑީޕީ ފިޔަވައި އަނެއް ދެ ފިކުރު، ފަހު ބުރެއް އޮވެއްޖެ ނަމަ ނަޝީދާ ދެކޮޅަށް އެރުމަކީ ވަރަށް ކައިރީގައިވާ ކަމެކެވެ. ނަމަވެސް މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލާ އިރު އަހުމަދު ތަސްމީން އަލީގެ ލީޑާޝިޕުގައި އޮތް ޑީއާރުޕީން ހިތާއި ޖާނުން ޕީޕީއެމްއާ ގުޅިދާނެތޯ އެއީ ސުވާލެކެވެ.

ފުރަތަމަ ބުރުގެ އިންތިހާބުގައި ރައީސް މުހައްމަދު ވަހީދާއި ޕީޕީއެމްގެ އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހީމާއި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ، އެމްޑީޕީއާ ދެކޮޅު ވިސްނުމުގެ ގޮތުގައި ވާދަކަކޮށްފި ނަމަ ދެވަނަ ޖާގަ ޕީޕީއެމް ހޯދުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެ ހާލަތުގައި ފަހު ބުރުގައި ކަން ވެދާނެ ތަފާތު ގޮތްތަކެއް ކުރިމަތިވެދާނެ އެވެ. އެހެން ކަމާ އެކު އެކަމަށް ފުރުސަތު ނުދިނުމަކީ ސިޔާސީ ދުރުވިސްނޭ މީހުން ރަމަލަޖަހަން ޖެހޭ ކަމެވެ. އެއީ އިހަށް ނުވި ރައްކަލެއް ފަހުން ނުވެވޭނެތީ އެވެ. އެއީ ވަރަށް ގިނަ ހަރަދު ކުރެވިއްޖެއޭ ބުނެ ނިންމާލެވެން އޮތް ކަމެއް ނޫނެވެ. ގައުމީ މަސްލަހަތު އެއަށްވުރެ މަތިވެރި އެވެ. ބޭރުގެ "އަނދިރި ބާރުތަކަށް" ގައުމު ވިއްކާލެވޭކަށް ނެތެވެ. ހޭއަރާށެވެ. މަންޒަރު ސާފެވެ.
ގުޅޭ ޓެގު
comment ކޮމެންޓް